މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ލ. އިސްދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ.
އިސްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 17 ވަނަ ދުވަހުގެ 15:00 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.
މިތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ރަބަރު ހޮޅިކޮޅާއި ކަރުދާސްކޮޅެއް ފެނިފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލަ އިސްދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.




