ރ. އަތޮޅުގައި ފުލުހުން ހިންގާ ހަރަކާތުގައި 5 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުއްވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ރ. އަތޮޅުގައި ކުރިޔަށް ގެންދާ މި ހަރަކާތަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައިއޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު އުޅޭ މައްސަލައެއްގައި ކުރިޔަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މި މީހުން ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށްއަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލައްގެއްލުންދޭ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ހަރަކާތުގައި މިހާތަނަށް ކޯޓު އަމުރުގެ ދަށުން 5 ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް މީގެ ކުރިން ފުލުހުން ވަނީ ރ. މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަނުގައިވެސް ވަނީ މަޑުއްވަރީގައި ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަންގައި ފާސްކުރި ގެއެއް ފާސްކޮށްފައެވެ.




