އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން 2020 މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު (25އ) ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް 2020 ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މި މައްސަލަ އަކީ ޤާނޫން ނަމްބަރ 12/2016 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަމްބަރ 2019/HC-A/366 ގަޟިއްޔާއިން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.
އަދި މި މައްސަލައިގެ ތަހްޤީޤަށް، އުނައިސް އަޙްމަދުގެ މައްޗަށް ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި ކޯޓުއަމުރެއްގެ ދަށުން 2020 ޖޫން 22 ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޤާނޫން ނަމްބަރ 12/2016 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ޤަބޫލުކުރެވި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު (25އ) ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
މީނާގެ މައްޗަށް ތުހުމަތު ކުރެވޭ އިސްވެދެންނެވުނު މައްސަލަ ތަހްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ބްލެކްމެއިލްކޮށްގެން މާލެ ގެނެސް ކުޑަކުއްޖަކު ރޭޕްކޮށްފިhttps://t.co/FNk461amvH
— Feshun (@feshunonline) May 30, 2020
އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުން އެދެމެވެ.




