އިނގިރޭސިވިލާތުގެ ގަލަސްގޯ ސިޓީގެ ހޮޓަލެއްތެރޭ ވަޅިން ހަމަލާދެމުންދިޔަ މީހެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި އެމީހާ މަރާލައިފިއެވެ.
ވަޅިން ހަމަލާދިން މިހާދިސާގައި ހަމީހަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ގެއްލުން ލިބުނު މީހުންގެ ތެރެއިން އެކަކު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިމީހާއަކީ ފުލުހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ ވަޅިން ހަމަލާދެމުންދިޔަ މީހާ މަރާލައިފައިވާ ކަމަށާއި، އިތުރު މީހަކު މިމައްސަލައާއި ގުޅިގެން ހޯދަމުން ނުދާ ކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން އާމުންނަށް އިތުރު ބިރުވެރިކަމެއް ނެއްކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، ގުލަސްގޯގައި ހިނގި މިހާދިސާއާއި ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ބީބީސީ އިން ފުލުހުންގެ އިސްފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ، ވަޅިހެރުމުގެ ހާދިސާގެ މަގުސަދު މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި މިހާދިސާއަކީ ޓެރަރިޒަމާއި ގުޅުންހުރި ހާދިސާއެއް ކަމަށް ނިންމަން އަދި މާއަވަސް ކަމަށެވެ.



