އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަޤާމަކާއި އެއް ޙައިޘިއްޔަތެއް ލިބިގެންވާ، އެއް ދަރަޖައިގެ ބަޔެކެވެ. އިންސާނާ އުފެދުމުގެ އަޞްލާއި، އިންސާނީ ވަންތަކަމުގެ ސިފަތަކާއި، އިންސާނީ އިޙްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެކެވެ. އިންސާނަކަށް ވީތީ، ދޭންޖެހޭ މަޤާމާއި، އިޙްތިރާމާއި، ރަޙުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި، ތަފާތު ކުރުމެއް ނުވެއެވެ. ނަސްލާއި، ޤަބީލާ އާއި، ޤައުމާއި، ޢާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލަ އާއި، ބުރުސޫރައާއި، ޖިންސާއި، ޢުމުރަކީ، އެ މީހުންގެ މެދުގައި ތަފާތު ކުރެވޭނޭ އަސާސެއް ނޫނެވެ. އާރާއި ބާރާއި، މަޤާމާއި، ނުފޫޒާއި، މާލާއި، ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަންކަމެއް ނޫނެވެ.
އިންސާނީ ވަންތަކަމުގައި އެންމެހާ މީސްތަކުންގެ ﷲ ގެ ޙަޟްރަތު ގައި ހަމަހަމަވެގެންވާކަން އިޢުލާން ކުރައްވައި ކީރިތިވަންތަ ﷲ އެންމެހާ އިންސާނުންނާއި މުޚާޠަބު ކުރައްވައި، ވަޙީކުރައްވާފައި ވަނީ، މިފަދައިންނެވެ.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا (سورة الحجرات 13 )
މާނައީ: ”އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމު ތަކަށާއި، ޤަބީލާ ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު، އަނެއް ބަޔަކަށް ތަޢާރުފު ވުމަށްޓަކައެވެ.“ މި ޙަޤީޤަތް އިތުރަށް ކަށަވަރު ކުރައްވައި، ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. މާނައީ: ”އެންމެހާ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ އެއް އިލާހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން އެންމެންގެ ބައްޕަޔަކީ އެކެކެވެ.
ރަސްމަތިފުށުގެ ބޮޑުންނަށް މޮޅުގޮތް އޮވެފައި އާދައިގެ ދެރަ ނިކަމެތިންނަށް ދެރަގޮތް އޮތުމަކީ ޖާހިލިއްޔަ ޒަމާނުގެ ސިފައެކެވެ. އިންސާނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުންނެވެ. އަދި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތި އުވިގެން ގޮސްފި ނަމަ، އެތަނެއް ގައި ޖާހިލިއްޔަތު އުފަންވެ، އާލާވެގެންދާނެއެވެ. އަދި އެފަދަ މުޖުތަމައެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމެވެ. ރަސްމަތިފުށު ބޮޑުންނަށް މޮޅުގޮތެވެ. އާދައިގެ ދެރަ ނިކަމެތިންނަށް ދެރަ ގޮތެވެ. ބާރުގަދަ މީހާ ބަލިކަށި މީހާ ޖަހައިގަންނަ އުޞޫލެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާ އުޞޫލެވެ. އެހެންވެ، އިސްލާމް ދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށެވެ.
މުޖުތަމަޢުގެ އަޝްރާފުން ކުށެއް ކުރުމުން އެ ކުށަށް އަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭ ނަމަ، އެއީ ޖާހިލިއްޔަތުގެ
ސިފައެކެވެ. އެއީ ބަނީ އިސްރާއީލުން ހަލާކުވުމަށް މެދުވެރިވި، އެންމެ ބޮޑު ސަބަބުވެސް މެއެވެ.
ކީރިތިވަންތަ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
"އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރު ވި މީހުންނަށް، ދާވޫދު ގެފާނާއި، މަރްޔަމް ގެފާނުގެ ދަރިކަލުން ޢީސާ ގެފާނުގެ ދޫފަޅުމަތިން ލައްނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދު ފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެން ކުޅަ ނުބައި ކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް އެއުރެން ކޮށް އުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"
ވީމާ ޙުކުމް ކުރާއިރު ވަކި މީހަކަށް ބެލުމެއް ނެތި، މާތް ﷲ އަނގަވާފައިވާ ގޮތަށް ޙުކުމް ނުކުރެވޭ ނަމަ، އެއީ ޖާހިލިއްޔަތުގެ ޙުކުމަށް ޙުކުމް ކުރުން ކަމުގައި މެނުވީ ނުވާނެއެވެ.