ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާ އެދެނީ ފޮޓޯތަކާއި ދޮގު މަޢުލޫމާތު ނުފެތުރުމަށް: ފުލުހުން

ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއެއްގައި ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާގެ ފަރާތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ފޯރުކޮށްދީފައިނުވާކަމަށާއި، އެއަންހެންމީހާ އެދެނީ އޭނާގެ ފޮޓޯ ތަކާއި މަޢުލޫމާތުތައް މީޑިއާތަކުން ނަގައިދިނުމަށްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، އެސަރވިސްއިން މިއަދު ނެރެފައިވާ ބަޔާނެއްގައިއެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާ ބުނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައިނުވާނެކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވާކަމަށެވެ.

އަދި އެފަދަ މަޢުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މިމައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ
ބިދޭސީ އަންހެނަކަށް (27އ) ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްވަނީ ހުށަހެޅިފައެވެ. އަދި މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ، 2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށެވެ. އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީއެވެ. އަދި މައްސަލައާގުޅި 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ 2 މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައިގެ އަޑީގައި ސިޔާސީ ގޮތުން ބާރުހުރި ފަރާތްތަކެއްގެ ނުފޫޒުވާކަމަށް ގިނަ ބަޔަކު ދަނީ ތުޙުމަތު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ