ހޮންކޮންގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް އެގައުމުގެ ރަށްވެހިކަން ދިނުމަށް ނިންމައިފައިވާކަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހާމަކުރައްވައިފިއެވެ.
ބޮޑުވަޒީރު ޖޯންސަން ވިދާޅުވެފައިވަނީ ޗައިނާއިން އިއްޔެ ފާސްކުރި ހޮންކޮންގެ ސަލާމަތާބެހޭ ގާނޫނުގެ ސަބަބުން ހޮންކޮންގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި މި ގާނޫނުގެ ސަބަބުން ހައްގުތައް ގެއްލިގެންދާ އިނގިރޭސިވިލާތުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ހޮންކޮންގް އިން އިނގިރޭސިވިލާތައް އައިސް ވަޒަންވެރިވުމުގެ ފުރުސަތު ހޯދަދޭނެ ކަމަށެވެ.
މިގޮތުން ހޮންކޮންގައި އުޅޭ އިނގިރޭސިވިލާތުގެ ޕާސްޕޯޓު އޮންނަ 350،000 މީހުންނަށާއި އަދި މިނޫންގޮތްގޮތުންވެސް ޝަރުތުހަމަވާ 2.6 މިލިއަން މީހުންނަށް މި ނިންމެވުމުގެ ސަބަބުން އިނގިރޭސިވިލާތައް ހިޖުރަކޮށް ފަސްއަހަރުގެ މުއްދަތައް ދިރިއުޅުމުގެ ހުއްދަ ދެވިގެންދާނެއެވެ. އަދި މިމުއްދަތައްފަހު އިނގިރޭސިވިލާތުގެ ރައްވެއްސަކަށް ވުމަށް އެދުމުގެ ފުރުސަތު ދެވޭނެއެވެ.
ހޮންކޮންގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް 1980 ވަނަ އަހަރު ހާއްސަ ހައްގުތަކެއް ލިބިދީފައި ވެއެވެ. ނަމަވެސް މިހާރު މިހައްގުތަކުން މިފަރާތްތައްވަނީ މަހުރޫމު ކޮށްފައެވެ. މިވަގުތު ހަމައެކަނި ދީފައި އޮންނަ ހާއްސަ ކަމަކީ ވިސާނެތި ހަމަސްދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތައް ދަތުރުކުރުމުގެ ހުއްދައެވެ.
ނަމަވެސް، ޗައިނާގެ ޕާލަމެންޓުން ފާސްކުރި ހޮންކޮންގުގެ ސަލާމަތާ ބެހޭ ގާނޫނުގެ ސަބަބުން އިނގިރޭސި ސަރުކާރުން މިހާރު ނިންމައިފައިވަނީ އެގައުމުގެ ޕާސްޕޯޓު އޮތް ފަރާތްތަކާއި އަދި އެފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށް އިނގިރޭސިިވިލާތައް ހިޖުރަކުރުމުގެ ހުއްދަ ދިނުމަށެވެ.
ހޮންގްކޮންގްގައި ތަންފީޒު ކުރުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ ހޮންކޮންގުގެ ސަލާމަތާ ބެހޭ ގާނޫނުނު ބިނާކޮށްފައިވަނީ މައިގަނޑު ހަތަރުކަމެއްގެ މައްޗަށެވެ. އެއީ ހޮންކޮންގްގައި މިދިޔަ އަހަރުން ފެށިގެން ހިނގަމުންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ގާނޫނުތަކަށް ގޮންޖެހުން ހުއްޓުވުމާއި ބޭރުގެ ބައެއް ގައުމުތަކުން ހޮންގްކޮންގްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ ވަނުން ހުއްޓުވުމާއި ޓެރަރިޒަމް ހުއްޓުވުމުގެ މައްޗަށެވެ.
މި ގާނޫނާއި ގުޅިގެން އިނގިރޭސިވިލާތާއި، ވިލާތުގެ އިއްތިހާދާއި އަދި ނޭޓޯ އިންވަނީ ނުރުހުން ފާޅުކޮށްފައެވެ.