"މިއީ ހާދަ ލޯބި ކުއްޖެކޭ." އެއީ ޔޫނުސްއަށް އައު ބަސްތަކެއް ނޫނެވެ. ތަންދޮރު އޮޅުން ފިލަން ފެށި ފަހުން ދިމާވާ އެތައް ބަޔަކު އޭނާއާ ދިމާއަށް އެހެން ބުނެފައި އެބަހުއްޓެވެ. ޔޫނުސްއަކީ ހަމުގެ ކުލަ އަލި، މަޑު މުށިކުލައެއްގެ ކަޅިއަކާއި، ހުދުކަން ގަދަ ލޮލެއް ޤުދުރަތުން ދެއްވާފައިވާ ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި ވަނީ މައުސޫމުކަމެވެ. އެއީ ބަސް މަދު ކުއްޖެކެވެ. ލޮލުން އަބަދުވެސް ފެންނަނީ ހިތާމައިގެ އަސަރެވެ. އުމުރުން މިހާރު ނުވަ އަހަރު ވެފައިވާއިރު ޖަވާބު ނުލިބޭ ސުވާލެއް ޔޫނުސްގެ ހިތުގައި ވެއެވެ.
"އެހެން މީހުންނަށް އަހަރެން ލޯބި އިރު އަހަރެންގެ މަންމަ ނުވަތަ ބައްޕައަށް ލޯބި ނުވީ ކީއްވެހެއްޔެވެ؟" އެ ސުވާލު ޔޫނުސްގެ ހިތަށް ނާރަންވީ ސަބަބެއް ނެތެވެ. ހަނދާން ހުންނަން ފެށީއްސުރެ އޭނާ އުޅެމުން އެދަނީ ލޭގެ ގުޅުމެއް ނެތް ބަޔެއްގެ ކައިރީގައެވެ. އޭނާ އުޅެނީ ބޮޑު އިމާރާތެއްގައެވެ. ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނެ މީހުން ތިބެއެވެ. އެތަނުން ބައެއް މީހުން ވަރަށް ހެވެވެ. އަނެއް ބައި މީހުން ކަންތައްތައް ކޮށްދެނީ ވަޒީފާއެއްކަމުގައިވާތީ ހަމައެކަނި މުސާރައަށްޓަކައެވެ. އެތަނުގައި ކޮންމެ ކަމެއް ކުރުމަށްޓަކައި ވަކިން ތަނެއް ހާއްސަ ކޮށްފައި ހުރެއެވެ. ކުޅޭނެ ބޮޑު ޖާގަ އޮވެއެވެ. ކާ ތަންވެސް ވަރަށް ބޮޑެވެ. ބައެއްފަހަރު ހެޔޮ އެދޭ މީހުންގެ ފަރާތުން ހަދިޔާވެސް ލިބެއެވެ. އެ ތަކެތި އެތާ އުޅޭ ހުރިހާ ކުދިންނަށް ހަމައަށް ބަހައެވެ. ހުރިހާ ކަމެއްވެސް ހުންނަނީ ވަރަށް ފުރިހަމައަށެވެ. ނަމަވެސް އަބަދުވެސް ޔޫނުސްއަށް ކަމެއް އުނިވާކަމުގެ އިޙްސާސްކުރެވެއެވެ. އެއީ ލޯތްބެވެ. އަޅާލުމެވެ.
ސްކޫލް ނިމޭ ގަޑީގައި އެހެންކުދިންގެ މަންމައިންނާއި ބައްޕައިން އެކުދިން ބަލާ ގޮސް ތިބޭ ތަން ޔޫނުސްއަށް ފެނެއެވެ. ސައިކަލާއި ކާރުގައި ނޫނީ ފައި މަގުގައި އެކުދިން ބެލެނިވެރިންނާއެކު ދަނީ އުފަލުން، ހެމުންނެވެ. އެކުދިން ދާއިރު ހުއްޓާނުލާ ވާހަކަ ދައްކާތަން ބަލަން ޔޫނުސް އެތައް އިރަކު ހުރެއެވެ. ބައެއްފަހަރު ކުދިން ކްލާހަށް ގެންދާ ރީތި ގަލަމާއި، ފޮތް، ފަންސޫރު ފަދަ ތަކެތިވެސް ޔޫނުސަށް ފެނެއެވެ. އެފަދަ ތަކެތި ގެންގުޅެން ޔޫނުސްވެސް ބޭނުންވެއެވެ. ނަމަވެސް ޔޫނުސްމެންނަށް ލިބެނީ އުޅޭ ތަނުން ދޭ އެއްޗެކެވެ. ބޭނުންވާ ވައްތަރުގެ އެއްޗެއްސެއް ނުލިބެއެވެ. އެހެން ކުދިން އެކުދިންގެ މައިންބަފައިންނާއެކު ޕާކަށް ދާ ވާހަކައާއި ދަތުރު ދާ ވާހަކަވެސް އުފަލުން ތިބެ ހިއްސާކުރެއެވެ. މޫދުގައި އުޅޭ ގޮތާއި، ގޮނޑުދޮށުގައި ކުޅޭ ކުޅިވަރުތަކުގެ ވާހަކަވެސް ދައްކައެވެ. އެހެނަސް އެއީ ޔޫނުސްއާއި އޭނާގެ އެކުވެރިންނަށް ލިބޭ ފުރުސަތުތަކެއް ނޫނެވެ. ޔޫނުސްމެންނަކީ ކޮން ތަނަކަށް ނިސްބަތްވާ ކުދިންތަކެއްކަން އެނގުމުން ބައެއް ބެލެނިވެރިން އެކުދިންނަށް ބަލާ ގޮތް ތަފާތުކަން ޔޫނުސްއަށް ފާހަގަކުރެވެއެވެ. އަދި ކްލާސް ބައެއް ކުދިންނަށް އެކުދިންގެ ބެލެނިވެރިން ޔޫނުސްމެންނާ ވާހަކަ ނުދައްކަން އަންގާފައި އޮންކަންވެސް އެނގެއެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް ނޭނގެއެވެ.
ބައެއް ކުދިންގެ މަންމައިން އެކުދިންނާއި ބައްދަލުކުރަން ޔޫނުސްމެން ތިބޭ ތަނަށް އާދެއެވެ. ނަމަވެސް ދުވަހަކުވެސް ޔޫނުސްގެ އާއިލާ މީހަކު އޭނާ ދެކިލާކަށް ނާދެއެވެ. އެކަމާ ޔޫނުސް ވަރަށް ހިތުގައި ޖެހެއެވެ. ނަމަވެސް ޝަކުވާ ކުރާނެ މީހަކު ނުހުރެއެވެ. ޔޫނުސްއަށް އެނގިފައި އޮތް ގޮތުގައި އެތާ އެ ތިބެނީ މައިންބަފައިން ބަލަން ބޭނުން ނުވެގެން ދޫކޮށްލާފައި ތިބޭ ކުދިންނެވެ. ނޫނީ ބަސްނާހާތީ ގެނަސްފައި ތިބި ކުދިންނެވެ. އެކުދިންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސަރުކާރުންނެވެ.
އެތައް ގޮތަކަށް ވިސްނި އިރުވެސް ޔޫނުސް އެތަނަށް ލާން ޖެހުނު ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އެންމެ ކުޑައިރުއްސުރެ އޭނާ އެއުޅެނީ އެތަނުގައެވެ. އެތާ އުޅޭ ދައްތަމެން ބުނާ ގޮތުންނަމަ ޔޫނުސްއަކީ ވަރަށް ބަސްއަހާ، މަޑުމައިތިރި ކުއްޖެކެވެ. ދައްތަމެންގެ ބަސް އަހާތީ އެމީހުން ޔޫނުސްދެކެ ލޯބިވާ ވާހަކަވެސް ބުނެއެވެ. ނަމަވެސް އޭނާއަށް އެ ލޯބި އިޙުސާސެއް ނުކުރެވެއެވެ. އެތަނުގައި ބަސް ނާހާ ކުދިންވެސް އުޅެއެވެ. އެކުދިންނަށް އަދަބުވެސް ލިބެއެވެ. ބައެއް ކުދިން އެތަނަށް ގެނައީ މަންމަމެންނާއި އެކު އުޅުމަށްފަހުގައި ކޮންމެވެސް މައްސަލައެއް ދިމާވެގެންނެވެ. އެތާ އުޅޭ ކުއްޖަކު ބުނި ގޮތުގައި ބަސް އަހައިގެން އުޅޭ ކުދިން އެކުދިން ބޭނުންވާ ބައެއް ޢާއިލާތަކުން ގެންދެއެވެ. އަދި އަމިއްލަ ދަރިއެއްފަދައިން ބަލާ ބޮޑުކުރެއެވެ. ޔޫނުސްއަށް އެނގިގެން ބައެއް ތުއްތު ކުދިންނާއި އޭނާއާ އެއް އުމުރެއްގެ ކުދިންވެސް ގެންގޮސްފައި ވެއެވެ. ދުވަހަކުވެސް އަދި ޔޫނުސްއަށް އޭނާގެ މަންމައާއި ބައްޕަ ފެނިފައެއް ނުވެއެވެ. އެހެންކަމުން އެންމެ ކުޑަމިނުން އެފަދަ ޢާއިލާއަކުން އޭނާ ގެންދޭތޯ އަބަދުވެސް ދުޢާ ކުރެއެވެ. އޭނާވެސް ދުނިޔޭގެ ރީތިކަން ދެކިލަން ބޭނުންވެއެވެ. އެ އިމާރާތުގެ ހަތަރު ފާރުގެ ބޭރުގައި ހިނގަނީ ކޮން ކަންތައްތަކެއްތޯ ބަލާލާ ހިތްވެއެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ސައިބޮއިގެން ގޮސް ޔޫނުސް އިނީ އެނދުގައި ފޮތެއް ކިޔާށެވެ. އެހެން އިންދާ އެތާ އުޅޭ ދައްތައަކު އައިސްފައި އޮފީހަށް ދިއުމަށް ބުންޏެވެ. ވެގެން އުޅެނީ ކީއްކަމެއް ނުބުނެއެވެ. ހަމަ ޔަޤީނުންވެސް އަދަބެއް ލިބޭވަރުގެ ގޯސް ކަމެއް އޭނާ ނުކުރެއެވެ. ވާން އުޅޭ ގޮތެއް ނޭނގޭތީ ބިރުން ހުރެ ޔޫނުސް އެ ދައްތަގެ ފަހަތުން ދިޔައެވެ. އޮފީހަށް ވަތްއިރު ހަތަރު މީހުން އޮފީސް ތެރޭގައި ތިއްބެވެ. އޮފީހުން އާންމުކޮށް ފެންނަ ދެ މީހަކާއި އަދި ދުވަހަކުވެސް ފެނިފައި ނުވާ އަންހެނަކާއި ފިރިހެނެކެވެ. ޔޫނުސް ފެނުމާއެކު އޮފީހުގައި އުޅޭ އެކަކު އޭނާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
"ޔޫނުސް! މި ތިބީ މީގެ ފަހުން ޔޫނުސް ގެންގުޅޭނެ މީހުން. އެމީހުން ބޭނުންވޭ ޔޫނުސް އެމީހުންނާއެކު ގެންދަން. ޔޫނުސް އެމީހުންނާއެކު ދާނަންތަ؟" އެއީ ޔޫނުސް ވަރަށް ކުރިއްސުރެ ބޭނުންވެފައި ހުރި ކަމެކެވެ. އެހެންކަމުން އުފަލުން އެތާ ތިބި އަންހެން މީހާއާއި ފިރިހެން މީހާއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އެ ދެމީހުންގެ މޫނުމަތިން ފެނުނު ހިނިތުންވުން ޔޫނުސްއަށް ހުރިހާ ކަމަކަށް ފުދުނެވެ.
"ލައްބަ." އުފަލުން ޔޫނުސް ޖަވާބު ދިނެވެ.
"ޔޫނުސް! މީގެ ފަހުން މިއީ ޔޫނުސްގެ މަންމައާއި ބައްޕަ. ދަރިފުޅު ތީ އަހަރެމެންގެ އަމިއްލަ ދަރިއަކަށް ނުވިޔަސް އަމިއްލަ ދަރިއެއް ފަދައިން ބަލާ ބޮޑުކުރާނަން." ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް އަލަށް ލިބުނު މަންމަ އޭނާގެ ބޮލުގައި ފިރުމަ ފިރުމާފައި ވާހަކަ ދެއްކިއެވެ. އެ ޢަމަލުން އެކަނިވެސް ޔޫނުސްގެ ހިތް އުފަލުން އުތުރި އަރައިގަތެވެ. މިއޮއްހާ ދުވަހު ފެން ބޮވައިގަނެފައިވާ މައިވަންތަކަމުގެ ލޯބި ލިބުނުކަމުގެ އިޙުސާސް އޭނާއަށް އެވަގުތުކޮޅު އެކަނިވެސް ކުރެވުނެވެ.
އެއީ މުއްސަނދި ބަޔެކެވެ. މާލެއަށް އުފަން އެ ދެމަފިރިންގެ އަމިއްލަ ގެޔެއް ހުރެއެވެ. ގެ ހުންނަނީ ދިހަ ބުރިއަށް ހަދާފައެވެ. އެމީހުން އުޅެނީ އެންމެ މަތީ ބައިގައެވެ. އަނެއް ބައިތައް ހުންނަނީ ކުއްޔަށް ދީފައެވެ. އެއީ ތަނަވަސް ގެޔެކެވެ. ބޮޑު ސިޓިންގ ރޫމަކާއި ތިން ކޮޓަރި ހުރެއެވެ. އޭގެ މައްޗަށް ހުންނަނީ ގޭގެ ޓެރެސްއެވެ. އެތަން އޮންނަނީ ރީތި މާމެލާމެލީގެ ގަސްތަކުން ޒީނަތްތެރިކޮށްފައެވެ. އެ ދެމަފިރިންނަށް އަދި ދުވަހަކުވެސް ދަރިއެއް ނުލިބެއެވެ. އުފަން ދަރިއެއް ލިބޭތޯ އެމީހުން ނުކުރާ މަސައްކަތެއް ނެތެވެ. މީހަކު ރަނގަޅޭ ބުނީއްޔާ ބުނި ގައުމެއްގެ ހޮސްޕިޓަލަކަށް ދެވިއްޖެއެވެ. ދިވެހި ބޭސްކޮށް، ޙިޖާމާވެސް ޖަހައިފިއެވެ. ނަމަވެސް އުމުރު ދެބައިވެފައިވާއިރު އަދި އެމީހުންނަށް އުފަން ދަރިއެއްގެ ނަސީބު ވަނީ ނުލިބިފައެވެ. އެންމެ ފަހުން އެމީހުން ނިންމީ ކުއްޖަކު އެޑޮޕްޓު ކުރާށެވެ. އެ މަސައްކަތް އެމީހުން ކުރާތާ މިހާރު އަހަރެއް ވެއްޖެއެވެ. އެންމެ ފަހުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ ޔޫނުސްގެ ސިފައިގައެވެ. ޔޫނުސްގެ ދުލުން މަންމާއޭ ބުނެލާ ކޮންމެ ފަހަރަކު އެ މަންމަގެ ލޮލުން ކަރުނަ ހިލެއެވެ.
އެ ދެމަފިންގެ އަމިއްލަ ވިޔަފާރިތައް މާލޭގައި އޮވެއެވެ. ގޭގައި ކައްކާ ހަދާށާއި ސާފުކުރުމަށްޓަކައި ދެމީހުން ތިބެއެވެ. ނަމަވެސް ޔޫނުސްގެ ހުރިހާ ކަމެއް ކުރަނީ އޭނާގެ މަންމަގެ ދެއަތުންނެވެ. ޔޫނުސްއަށް ވަކިން ކޮޓަރިއެއް ހަމަޖެހިފައި ހުރި ނަމަވެސް ނިދެންދެން ޔޫނުސް އޮންނަން ޖެހެނީ މަންމައާއި ބައްޕަގެ ކޮޓަރީގައެވެ. އެމީހުން ތިބެނީ ޔޫނުސްގެ ދުލުން ބޭނުންވާ އެއްޗެއް ނުބުނެފައެވެ. ކުރިން ދުވަހަކު ޔޫނުސްއަށް ރަހަ ބަލާލަން ނުލިބޭހާ މީރު ކާ އެއްޗެހި ލިބެން ފެށިއެވެ. އަމިއްލަ ޓެބްލެޓާއި، ކުޅޭ އެއްޗެހީގެ އިތުރުން، ޔޫނުސް ބޭނުން ވައްތަރެއްގެ ފޮތް، ފަންސޫރު ފަދަ ތަކެތި ހޯދައިދިނެވެ. ނުވިތާކަށް ކިޔެވުމަށްޓަކައި އިންޓަރނޭޝަނަލް ސްކޫލަކުން ޖާގަވެސް ހަމަޖައްސައިދިނެވެ. ސްކޫލަށް ދަނީވެސް އަދި އަންނަނީވެސް މަންމައާއި ބައްޕައާއެކު އަމިއްލަ ކާރުގައެވެ. ސްކޫލުން ޗުއްޓީ ލިބޭ ކޮންމެ ފަހަރަކު ރިސޯޓަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދެއެވެ. ޔޫނުސް އަށް އެއީ މުޅިންވެސް އައު ކަންތައްތަކެވެ. އޭނާ ހުރީ ފެންނަ ކަންތައްތައް ގަބޫލުކުރަންވެސް ދަތިވެފައެވެ. ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. ދުވަހަކު މައިންބަފައިންގެ ލޯބި ލިބިފައި ނުވާ ކުއްޖަކަށް ކިތަންމެ ކުޑަ އަޅާލުމަކުންވެސް ފުދޭނެއެވެ. ނަމަވެސް ޔޫނުސްއަށް އެ ނިޢުމަތް ލިބުނީ އެންމެ ފުރިހަމަ ގޮތުގައެވެ.
ދުވަސްތައް އާދައިގެ މަތިން ކުރިއަށް ދިޔައެވެ. އުފަލާއި ހިތްހަމަޖެހުމުގައެވެ. ބޯމަތިވަމުން އައި ކަޅު ވިލާގަނޑުގެ ހިލަމެއް އޭރު އެކަކަށްވެސް ނުވެއެވެ.
(ނުނިމޭ)



