މެކްސިކޯގެ ޑުރަގް ރިހެބް ސެންޓަރަކަށް ހަމަލާދީ 24 މީހުން މަރާލައިފި

މެކްސިކޯގެ ޑުރަގް ރިހެބް ސެންޓަރަކަށް ބަޑިން ހަމަލާދީ 24 މީހުން މަރާލައިފިއެވެ.

މި ހަމަލާ ދީފައިވަނީ މެކްސިކޯގެ މެދުތެރޭގެ ޓައުނެއް ކަމަށްވާ އިރަޕުއާޓޯގައެވެ. މިއީ މިޓައުނުގެ ޑުރަގް ރިހެބް ސެންޓަރަކަށް މަސްދުވަހުގެ ތެރޭގައި ދިން މިފަދަ ދެވަނަ ހަމަލާއެވެ.

މިހަމަލާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، 24 މީހުން މަރުވުމުގެ އިތުރުން ހަތްމީހަކު ޒަހަމްވެފައިވާ ކަމަށާއި މި ހަތްމީހުންގެ ތެރެއިން ތިންމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މި ހަމަލާދިން މަގުސަދު އަދި ސާފުނުވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ހަމަލާ ދީފައިވަނީ ހަތިޔާރާއެކު ޓުރަކެއްގައި އައި ބަޔަކު ރިހެބް ސެންޓަރަށް ވެދެ އެ ސެންޓަރުގައި ތިބި މީހުން ބިންމަތީގައި އަތުރާ ބޭއްވުމަށް ފަހު ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ހަމަލާ އަމާޒުވި ޑުރަގް ރިހެބް ސެންޓަރަކީ ރަޖިސްޓުރީ ކޮށްގެން ހިނގާ ރިހެބް ސެންޓަރެއް ނޫނެވެ. މިފަދަ އެތައް ޑުރަގް ރިހެބް ސެންޓަރުތައް މިސަރަހައްދުގައި ހިނގަމުން ދެއެވެ.

މިސަރަހައްދަކީ ގޭންގުތަކުގެ ތަޅާފޮޅުން ބޮޑު ސަރަހައްދެކެވެ. މިގޮތުން ސަރަހައްދުގެ ކޮންޓުރޯލް ހޯދުމަށް މިވަގުތުވެސް ބޮޑު ދެގޭންގަކުން އަންނަނީ ހަނގުރާމަ ކުރަމުންނެވެ. މިހެންކަމުން ރިހެބް ސެންޓަރުތަކަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކަކީ މި ގޭންގުތަކުގެ އަމަލުތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މެކްސިކޯއަކީ ޑުރަގުގެ ވިޔަފާރިކުރާ ބާރުގަދަ ގޭންގުތައް ހަރަކާތްތެރިވާ ގައުމެކެވެ. އަދި މިފަދަ ގޭންގުތަކުގެ ބާރުގެ ދަށުގައި އެގައުމުގެ ބަޔެއް ސަރަހައްދުތައް މިހާރުވެސް އެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ