ޑީކޯ ޗެމްބަރެއް އަޅަން ސަރުކާރުން ޖާބިރަށް ހުއްދައެއް ނުދިން

ގއ. ފުޅަދޫ (ފަރެހުޅުދޫ) ގައި ޑީކޯ ޗެމްބަރެއް އަޅަން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގެ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ހުއްދަ ނުދޭން ނިންމައިފިއެވެ.

ޑިއާރުޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރެހުޅުދޫގައި ޑީކޯ ޗެމްބަރެއް އެޅުމަށް އެޕާޓީގެ ލީޑަރ މެންބަރު ޢަބްދުﷲ ޖާބިރު އެތައްފަހަރަކު ސަރުކާރުގައި އެދިފައިވާކަމަށާއި ނަމަވެސް އެންމެ ފަހުން ޖަވާބުގައި ވިދާޅުވެފައިވަނީ އެއީ ޕޮލިސީ ނޫންކަމުގައި ކަމަށް އެޕާޓީން ވަނީ ވިދާޅުވެފައެވެ.

ޑީއާރުޕީ އިން ވިދާޅުވެފައިވަނީ ޑީކޯ ޗެމްބަރެއްގެ ޚިދުމަތް މަސްވެރިންނަށް ހިލޭ ސާބަހަށް ދިނުމަށް ވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ހުރަސް އަޅުއްވަމުން ދާކަމަށެވެ.

ގއ. ފުޅަދޫ އަކީ ވަރުވާއަށް 10 އަހަރަށް ނަގާފައިވާ ރަށެއްކަމުގައި ޑީއާރުޕީ އިން ވަނީ ހާމަކުރައްވާފައެވެ.

މި މަސައްކަތަށް ހުއްދައަށް އެދުމުން ފިޝަރީޒް މިނިސްޓްރީން ޖަވާބުގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދާއި ގުޅިގެން ގދ. ތިނަދޫ ގައި ޑިކޯ ޗެމްބަރެއް ޤާއިމުކޮށް ދެއްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާތީ، އެފަދަ ޗެމްބަރެއް ޤާއިމުކުރެއްވުމުގެ ޝަޢުޤުވެރިކަން ގެންގުޅުއްވާނަމަ، އެ ފެސިލިޓީ ގދ. ތިނަދޫގައި ޤާއިމުކުރުރެއްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބޭނޭ ކަމަށެވެ.

ޑިކޯ ޗެމްބަރެއްގެ ފެސިލިޓީ ޤާއިމުކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ، މީހުން ދިރިއުޅޭ ރަށެއްގައި ހޮސްޕިޓަލަކާއި ގުޅިގެން ޗެމްބަރ ފެސިލިޓީގެ ޚިދުމަތް ޤާއިމުކުން ކަމުގައިވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑީކޯ ޗެމްބަރެއް ޤާއިމްކުރުން ފަދަ މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރުމަކީ އެ މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ ޑީކޯ ޗެމްބަރެއް ޤާއިމް ކުރުމަށް ”ގއ. ފުޅަދޫ،“ ހަމަޖައްސައި ދެވެން ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ