ކައުންސިލް އިންތިޚާބުން އިތުރު ހަތަރު ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާއި ގުޅިގެން އިތުރު 4 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.
އެކޮމިޝަނުން ވިދާޅުވި ގޮތުގައި މިފުރުޞަތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ ށ. މިލަންދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ނަންބަރު 4 ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އިބްރާހީމް ސާއިލް، ނަސީމީވިލާ / ށ. މިލަންދޫއާއި، ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ނަންބަރު 3 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، ސަޢުދު މުޙައްމަދު، ވެލިދޫގެ / ނ. މަގޫދޫ އަދި ނ. ފޮއްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓް ނަންބަރު 8 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، ޙަލީމަތު ފިޢުނާ، ސޯސަންވިލާ / ނ. ފޮއްދޫ ގެ އިތުރުން ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ނަންބަރު 23 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އަޙްމަދު ޢާޞިފް (އަންމަޑޭ)، އިވްނިންގހައުސް / ހދ. ނޭކުރެންދޫއެވެ.
މީގެއިތުރުން ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް ކުރިމަތިލާއްވާފައިވާ ކެންޑިޑޭޓް ނަންބަރު 14 ޙުސްނުބާން ޢަބްދުއްރަޙްމާން، ފިޔާތޮށިގެ / ހދ. ހަނިމާދޫ ނިޔާވެފައިވާތީ، ހދ. ހަނިމާދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އެބޭފުޅާގެ ނަން މިހާރު އުނިކޮށްފައިވާކަމަށްވެސް އިލެކްޝަން ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ޙުސްނުބާން ޢަބްދުއްރަޙްމާން ނިޔާޥެފައިވަނީ 2020 މެއި 01 ވީ ހުކުރު ދުވަހުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ދެކެނޑިޑޭޓެކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ 2 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ދެދުވަސްކުރިންވަނީ ވިދާޅުވެފައެވެ.
ކައުންސިލް އިންތިޚާބުން ދެކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފިhttps://t.co/2H9Dgcx7iI
— Feshun (@feshunonline) July 6, 2020




