ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބަލަމުންދަނީ، ރައީސް އޮފީހުގެ ކޮމިނިއުކޭޝަން ޑިރެކްޓަރުގެ ހަސަން އިސްމާޢީލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްކަމަށެވެ. އަދި އޭނާއަށް ތުޙުމަތުކުރެވެނީ "ޖިންސީ ޢަމަލެއް ހިންގަން އެދުން" ގެ މައްސަލައެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލަ ފުލުހަށް ހުށަހެޅިފައިވަނީ 03 ފެބްރުއަރީ 2020 ވަނަ ދުވަހުއެވެ. އަދި މިމައްސަލަ މިހާރުވެސް ތަޙުޤީޤުކުރަމުންދާކަމަށާއި، މައްސަލައިގެ ތަޙުޤީޤަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހެންވިދާޅުވެފައި މިވަނީ މިމައްސަލާގައި ޖިންސީ ފުރައްސާރަ ކުރިމަތިވި މީހާ މީސްމީޑިއާގައި އެކަން ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ. އެގޮތުން ރަސްމީކޮށް އެމައްސަލަ ކަމާބެހޭފަރާތްތަކުގައި ޖައްސާފައިވާނެކަމަށާއި، މިއަދާއި ހަމައަށްވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ޓްވިޓަރ މެދުވެރިކޮށް އޭނާވަނީ ބުނެފައެވެ.
I formally lodged a sexual harassment complaint against present Dir. of Comms at @presidencymv on Feb 4, 2020. I also lodged complaints with @PoliceMv & @ACC_Maldives . Till date no action has been taken - what is stopping you @ibusolih?
— Rae Munavvar (@MunavvarRae) July 8, 2020
ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މިފަދަ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެ، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން މިއަދުގެ ވަގުތެއްގައި ވަނީ ވަކޮށްފައެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދަށް ރޭ އެންގެވިނަމަވެސް ޢަލީ ވަޙީދު އިސްތިޢުފާ ދެއްވާފައެއްނުވެއެވެ.
ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއްކަމަށް ރައީސް ސޯލިހު އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް އެކަމާ ފިޔަވަޅު އަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.



