މީޑިޔާތަޅުއެޅުވުމުގެ ނިންމުން ފެށެނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ މޭޒުކޮޅުން ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސަޢީދު މިހެން ވިދާޅުވެފައި މިވަނީ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ ފަދަ ގޮތްތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.
މަޖިލީހުން މީޑިއާ ކަންއުންސިލަށް މިފަދައިން އަމުރު ކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ދާދިފަހުން ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދެމުންދާކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އެ މައްސަލާގައި ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މިޑިއާތަކަށް ފިޔަވަޅު އެޅޭނެ ފަދަ ޤަވާއިދެއް އެކުލަވާލުމަށް އަމުރު ކުރުމާއި ގުޅިގެން ބައެއް މީޑިއާތަކުގެ އެޑިޓަރުން ވަނީ މިކަމަކީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ.
މިކަންކަމާއި ގުޅިގެން މެންބަރު ސަޢީދު ވިދާޅުވެފައިވަނީ މިކަމުން އެކަނިވެސް އެނގިގެންދަނީ ސަރުކާރު ބަލިކަށިވެ، މިސްރާބުއޮޅި، ވަރަށް ބޮޑަށް ފެއިލްވެއްޖެކަންކަމަށެވެ. ސަޢީދު ވަނީ މިނިވަން މުއައްސަސާތަކުން ސަރުކާރުގެ ބިރަށް ދީއްލާނުލުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނަށް އަމާޒުވާ ޖިންސީފުރައްސާރައިގެ ނާތަޙްޒީބު އެތައްކަމެއް ފެންމަތިވި ވަގުތު، މީޑިއާގެ ކޮންޓެންޓް ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހިންގާ ނާހަތަހްޒީބު ޢަމަލަކީ މައްސަލައިގެ މިސްރާބު ބަދަލުކޮށް ބިރުދެއްކުން ކަމަށްވެސް ސަޢީދު ވަނީ ސިފަ ކުރައްވާފައެވެ.



