ކުރީގެ ރައީސް ޔާމީން އާއި ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާފައިވާތީ ޕަބްލިކް ސަރވިސް މީޑިއާއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބްރޯޑްކާސްޓްކުރުމާއި މީޑިއާގައި ޚަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް އެބޭފުޅުންގެ މުވައްކިލު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރައި އެމަނިކުފާނުގެ ޢަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫންކަމަށެވެ. އަދި އެފަދަ ކަންކަމާދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައިި އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މި ބަޔާނުގައި ވިދާޅުވެފައި ވަނީ 08 ޖޫން 2020 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ހައިކޯޓުގައި އޮތް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމްގެ އިސްތިޢުނާފުގެ މައްސަލަ ގެ އަޑުއެހުމުގައި "ވޮޑަމުލާ" ކިޔާ ރަށެއް އޮންނަ ކަންވެސް އެމަނިކުފާނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ދިޔައިރު ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާކަމަށެވެ.
ނަމަވެސް އޭގެ ފަހުން ވާހަކަފުޅު ތެރެއިން ރައީސް ޔާމީނު ވިދާޅުވީ ވޮޑަމުލާއަކީ އެމަނިކުފާނާއި ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި
އެރަށް ދީފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި އަހްމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށެވެ. އެރަށުގެ ވާހަކަ ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުން އެނގިވަޑައިގެންނެވިއިރު އެރަށް ކުއްޔަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން ޔަގީންކަމާއެކު އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތެއް މި އަޑުއެހުމުގައި ވިދާޅުވެފައެއް ނުވެއެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމިންގެ މި ވާހަކަފުޅާއި ވިދިގެން ޕީއެސްއެމް ނިއުސްގެ 8 ޖުލައި 2020 ގެ ރޭގަނޑު 20:00 ގެ ޚަބަރުގައި ދޮގު މަޢުލޫމާތު ބްރޯޑްކާސްޓްކޮށް ފަތުރާފައިވާކަމަށާއި އަދި ޕީއެސްއެމްނިއުސް.އެމްވީ ގައިވެސް "ވޮޑަމުލާ ކިޔާ ރަށެއް ނުދަންނަން، އެރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ: ރައީސް" ޞުރުޙީގެ ދަށުން 18 ޖުލައި 2020 ވަނަ ދުވަހު ހަމަ ދޮގު މަޢުލޫމާތު އެ ނޫހުގައި ޝާއިޢުކޮށްފައިވާކަމަށެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން މި މައްސަލައިގެ ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި އިތުރުފުޅު ހައްދަވާފައެއް ނުވާނެކަމަށާއި، މި މައްސަލައިގެ ތަހުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރެއްވިއިރު އެއްވެސް އިރެއްގައި ވޮޑަމުލާ ކިޔުނު ރަށެކެއްގެ ވާހަކައެއް ފާހަގަކޮށް އެ ރަށާގުޅޭ ގޮތުން އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވާކަމަށެވެ. އަދި، ތަހުޤީޤު ނިންމައި ކުރިމިނަލް ކޯޓުގައި ދަޢުވާ އުފުލި އިރުގައި ވެސް އެ ރަށުގެ ވާހަކަ ފާހަގަ ކޮށްފައި ނުވާކަމުގައި އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދަޢުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާޢީ މަރުޙަލާގެ މެދަކާއި ހިސާބުންކަމަށާއި، މި ރަށާ ގުޅޭ މަޢުލޫމާތު ރައީސް ޔާމީންއަށް އެނގިވަޑައިގެންނެވީ މި ހިސާބުންކަމުގައި އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޢަބުރުފުޅަށް ހުތުރުވާފަދަ ރައިވަރެއް ތުއްތު ކުއްޖަކު ލައްވައި ލައިވް ޓީވީގައި ޕިއެސްއެމް އިން ކިއުއްވާފައިވާކަމަށާއި މިކަމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އެހެން ކަމުން ކުރީގެ ރައީސް ޔާމީން އާއި ގުޅެ ގޮތުން ދޮގު މަޢުލޫމާތު ފަތުރައި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރު ވާފަދައިން ކުރެވޭ ކަންކަމަކީ އަޅައި ނުލައި ދޫކޮށްލެވެނެ ކަންކަން ނޫންކަމަށެވެ.



