ކުށްވެރިއަކީ ކާކުހެއްޔެވެ؟ (ފަހުބައި)

(ތިންވަނަ އަދަދާއި ގުޅޭ)

"މިހާރު ތިހުރީ ވަރަށް ވަރުބަލިވެފަ ދޯ. އެއްޗެހިތައް ބަހައްޓާފަ އިހަށް ޖައްސާލާ. ޔޫނުސް ނިދާނީ މަތީ އެނދުގަ. އުނދުންމަތީގަ ހުރި ތެލީގަ ހުންނާނެ ކާ އެއްޗެހި. ބަނޑު ހައިވީމަ އަޅައިގެން ކާލާ. ބޭބެ އަކީ ވަރަށް ގިނަ މަސައްކަތް ކުރާ މީހެއް. އެހެންވީމަ ވަރަށް ބިޒީވާނެ." ފޯނަށް އައި މެސެޖަކަށް ބަލާލާފައި ވަރަށް އަވަހަށް ހުރިހާ އެއްޗެއް އެއް ނޭވާއިން ކިޔައިދީފައި ޝާން ނުކުމެގެން ދިޔައެވެ.

ޔޫނުސް ނިދާލާފައި ތެދުވިއިރު ހުރީ އިރު އޮއްސިފައެވެ. އޭރުވެސް ޝާން ގެއަކަށް ނާދެއެވެ. ހޭލެވުމާއެކު ބަނޑުހައިހޫނުކަމުގެ އިޙުސާސް ކުރެވުނެވެ. އެހެންކަމުން އުނދުންމަތީގައި ހުރި ތެލީގެ މަތި ނަގާ ބަލާލިއެވެ. އޭގައި ހުރީ ފްރައިޑް ރައީސްއެވެ. ރަހަ ބަލާލުމުން ޝާންއަކީ ކައްކަން މޮޅު މީހެއްކަން ޔޫނުސްއަށް އެނގުނެވެ. ކައި ނިންމައިގެންވެސް އެތައް އިރެއްވަންދެން އޭނާއަށް އެކަނި އިންނަންޖެހުނެވެ. ޝާން އައީ ދަންވަރު ބާރަ ޖަހަން ކައިރިވެފައި ހުއްޓައެވެ.

ޝާން އެއްބަސްވި ފަދައިން ރައްޓެއްސެއްގެ އެހީގައި ސަރުކާރު ސްކޫލަކަށް ޔޫނުސް ވެއްދިއެވެ. ދާން ޖެހޭ ސްކޫލް ހުންނަނީ ގެއާ ކައިރީގައިކަމުން ޔޫނުސް ސްކޫލަށް ގޮސް އައިސް ހަދަނީ އެކަންޏެވެ. ޔޫނުސްގެ އެއްޗެހި ދޮވުމާއި، އިސްތިރިކުރުމުގެ އިތުރުން ކެއުމުގެ ކަންތައްތައް ޝާން ވަރަށް ފުރިހަމައަށް ބަލަހައްޓައިދެއެވެ. އެއްވެސް އެއްޗެއް ބޭނުންވެގެން ބުންޏަސް ހޯދައިދެއެވެ. އެހެންކަމުން މަޑުމަޑުން ޔޫނުސްގެ ހިތުގައި ޝާންއަށް އޮތް އިތުބާރު ބޮޑުވާން ފެށިއެވެ. އެކަންކަމާ ޔޫނުސް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ގިނަ ވަގުތު ޝާން ބޭރުގައި އުޅުނު ނަމަވެސް ޔޫނުސްއަށް އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. ކައްކަން ވަގުތު ނުލިބިއްޖެނަމަ އޯޑަރުކޮށްގެން ވިޔަސް ގަޑިއަށް ކާން ދެއެވެ. ޔޫނުސް އެކަމާ ހިތުގެ ފުންމިނުން ޝުކުރުވެރިވެއެވެ.

އެގޮތުގައި ދެމަސް ފާއިތުވެގެން ދިޔައީ އެއްވެސް އިތުރު މީހެއްގެ އުނދަގުލެއް ނުޖެހި ވަރަށް އަމާންކޮށެވެ. ޔޫނުސް އުޅުނީ ހިތްހަމަޖެހިގެންނެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ޝާން އުޅޭއިރު ޔޫނުސްވެސް އެހީވެދޭން ފެށުމުން ބައެއް ކަންކަން ދަސްވާން ފެށިއެވެ. ޝާންވީ ޔޫނުސްއަށް އޯގާތެރި މީހަކަށެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އެއީ އާންމުކޮށް ޝާން ގޭގައި ނޫޅޭ ވަގުތެކެވެ. ނަމަވެސް އެދުވަހު ވަރަށް އަވަހަށް ޝާން ގެއަށް އައެވެ. އޭރު ޔޫނުސް އިނީ ފިލާވަޅެއް ހަދާށެވެ. ޝާން އައި ގޮތަށް އައިސް ޔޫނުސް އިށީނދެ އިން މޭޒު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އިށީނެވެ.

"ޔޫނުސް. ބޭބެ ކުރިން ބުނީމެއްނު ބޭބެއަށް ބައެއް ކަންތައްތަކުގައި އެހީތެރިވެދޭންވާނެޔޭ." ޔޫނުސްގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެން އިނދެ ޝާން ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބަލަން އިން ގޮތުން ދައްކަން އުޅެނީ ވަރަށް ބޮޑު ވާހަކައެއްހެން ޔޫނުސްއަށް ހީވިއެވެ.

"އާނ. އަހަރެން މިހާރުވެސް އެހީވަމެއްނު." އާދައިގެ ގޮތަކަށް ޔޫނުސް ބުންޏެވެ.

"އެއީ ގޭތެރޭގެ ކަންތަކެއްނު. އަދި އެކަންކަމެއް ނޫން. ބޭބެ ބުނީމެއްނު ބޭބެ މިއީ ވަރަށް ގިނަ މަސައްކަތް ކުރާ މީހެކޭ. އެހާ ވަރުން އުޅެގެން ކިރިޔާ ލާރިކޮޅެއް ލިބެނީ. ޔޫނުސް ނުޖެހޭނެ މާ ބޮޑު ކަމެއް ކުރާކަށް. ހަމައެކަނި ޖެހޭނީ ސްކޫލް ދަބަހަށް ބޭބެ ލާ އެއްޗެއް ބޭބެ ބުނާ ތަނަކަށް ގެންގޮސް ދޭން." ޔޫނުސްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލަން އިނދެގެން ވަރަށް ވިސްނުންތެރިކަމާއެކު ޝާން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެއީ ކޮން އެއްޗެއް؟" ޔޫނުސް ހިތުގައި އެވަގުތު އުފެދުނު ސުވާލު ކޮށްލިއެވެ.

 

"އެއީ ބޭބެގެ ވިޔަފާރީގަ ވިއްކާ އެއްޗެހި. ޕާރުސަލްކޮށްފަ ޔޫނުސްގެ ދަބަހަށް ލީމަ ބޭބެ ބުނާ ތަންތަނަށް ދާން ޖެހޭނީ. އެތަންތަނުގައި ތިބޭނެ މީހުން. އެ އެއްޗެހި ކަނޑައިގެން ބަލައިފިއްޔާ އެމީހުން ނުގަންނާނެ. އޭރުން ގެއްލުންވާނީ ހަމަ ބޭބެއަށް. ޔޫނުސް ގޮސް ދަބަސް ދިނީމަ އެމީހުން އެ ޕާރުސަލް ނަގާފަ އޭގެ އަގަށް ވާ ފައިސާ ދަބަހަށް ލާނެ." ޝާން އިތުރު ތަފްސީލު ދިނެވެ.

"އޯކޭ. ބޭބެއަށް ގެއްލުންވާކަށް އަހަރެން ބޭނުމެއް ނޫން. ކޮން އިރަކުން ދާން ޖެހޭނީ؟" ޔޫނުސް ހުރީ ޝާންއަށް އެހީވާން ތައްޔާރަށެވެ. ޔޫނުސް ދެކުނު ގޮތުގައި އެއީ ޝާން އޭނާއަށް ކޮށްދޭ ކަންތައްތަކާއި އަޅާ ބަލާފައި ބަދަލުގައި ކޮށްދެވޭ ވަރަށް ކުޑަކުޑަ ކަމެކެވެ.

"ބޭބެ ބުނާނަން ދާންވީމަ. ޔޫނުސްއަށް ބައިސްކަލް ދުއްވަން އެނގޭތަ؟" ޝާން ކުރި ސުވާލަށް ޔޫނުސް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. ކުރިން ހުރި ގޭގައި އުޅުނު އިރު އޭނާ ވަނީ ބައިސްކަލް ދުއްވަން ދަސްކޮށްފައެވެ.

"ބޭބެ މާދަން ޔޫނުސްއަށް ބައިސްކަލެއް ގަނެދޭނަން. އޭރުން އޭގަ ދެވޭނެއެއްނު." އެހެން ބުނުމަށްފަހު ހިނިތުންވެލާފައި ޝާން ނުކުމެގެން ދިޔައެވެ.

އޭގެ ފަހުން ޝާން ބުނާ ތަންތަނަށް ޕާރުސަލް ގެންގޮސްދެނީ ޔޫނުސްއެވެ. ބައިސްކަލަކާއި އާދައިގެ ފޯނެއްވެސް ޔޫނުސް ބޭނުންކުރުމަށްޓަކައި ޝާން ގަނެދިނެވެ. ގެންދަންވާ އެއްޗެހި ސްކޫލް ދަބަހަށް އަޅަނީ ޝާންއެވެ. ޝާން ބުނި ފަދައިން އެބުނާ ތަނަކަށް ދާއިރު މީހުން ތިބެއެވެ. ބައެއް ފަހަރު އެންމެ މީހެކެވެ. އަނެއްބައި ފަހަރު ގްރޫޕް ގްރޫޕެވެ. ދާން ޖެހެނީ އެކި ފަހަރު އެކި ތަންތަނަށެވެ. ދަބަހުގައި އޮންނަ ޕާރުސަލް ނަގާފައި އެމީހުން ފައިސާ ލުމުންވެސް ޔޫނުސް އެއަކު އަތެއް ނުލައެވެ. އަންނަ ގޮތަށް އައިސް ދަބަސް ދެނީ ޝާން އަތަށެވެ. އޭގައި ހުންނަ ފައިސާ ނަގަނީ ޝާންއެވެ. ޔޫނުސް ކޮށްދޭ ކަންކަމަށް ޝާން ކޮންމެ ދުވަހަކު ޝުކުރު އަދާކުރެއެވެ. އޭނާގެ އަމާނާތްތެރިކަމާއި ތެދުވެރިކަން ފާހަގަކޮށް ކުދިކުދި ހަދިޔާވެސް ދެއެވެ. އެ ހުރިހާ ކަމެއްވެސް ޔޫނުސް ބަލައިގަންނަނީ އުފަލާއެކުގައެވެ.

ދުވަސްތައް އެގޮތުގައި ކުރިއަށް ދިޔައެވެ. އަނެއްކާވެސް ޔޫނުސްގެ ކިޔެވުން ދިޔައީ ރަނގަޅުވަމުންނެވެ. ޝާންއަށް އެހީތެރިވެދީފައިވެސް ޔޫނުސްއަށް ކިޔަވަން ބައިވަރު ވަގުތު އޮވެއެވެ. އެ ގެއަކީ އިތުރު މީހަކު އަންނަ ގެއެއް ނޫނެވެ. އެހެންކަމުން ޔޫނުސްއަށް ހަމަޖެހިލައިގެން ކިޔަވަން އިނދެވެއެވެ. އެގެއަށް އައި ފުރަތަމަ ދުވަސްކޮޅުގައި ޔޫނުސްއަށް ނިދަން އުނދަގޫވެގެން އުޅެން ޖެހުނެވެ. ޒާހިދު ކުރި އަނިޔާތައް މަތިން ހަނދާންވާތީއެވެ. ނަމަވެސް ދުވަސްވީ ވަރަކަށް އެ މާޙައުލުން އެއްވެސް ބިރުވެރިކަމެއް ނެތްކަން ޔޫނުސްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އެހެންކަމުން އޭނާ އުޅެމުންދިޔައީ ވަރަށް ހަމަޖެހިގެންނެވެ.

އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ޔޫނުސް އިނީ ކާރޓޫން ބަލާށެވެ. އޭރު ޝާންވެސް ފެންވަރަން ފާހާނާގައި އުޅެއެވެ. ކުއްލިއަކަށް އިވުނީ ދޮރުގައި މީހަކު ޓަކި ޖެހި އަޑެވެ. އެގެއަކީ އެހެންނޫނީ އެއްވެސް މީހަކު އަންނަ ގެއެއް ނޫނެވެ. އަދި ޔޫނުސް އައި ފަހުން ޝާންގެ އެއްވެސް ރައްޓެއްސަކުވެސް އެގެއަކަށް ނާދެއެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ޖެހުމުން ޔޫނުސް ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ތިބީ ތިން ފުލުހުންނެވެ.

"އެއްވެސް ބޮޑު މީހަކު ނޫޅޭތަ؟" އެތަނުން އެއް ފުލުހަކު ވާހަކަ ދެއްކިއެވެ.

"ނޫން. ބޭބެ އެބައުޅޭ ފާހާނައިގަ." ވެގެން އުޅޭ ގޮތެއް ނޭނގޭތީ ޔޫނުސް ހުރީ ކުޑަކޮށް ބިރުގަންނަ ގޮތް ވެފައެވެ.

"އަޅުގަނޑުމެން މިއައީ މި ގޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ކޯރޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމަށް." އެބޭފުޅުން އައި ސަބަބު ބުނުމުން ޔޫނުސް ދިޔައީ ސިއްސައިގެންނެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟

ފުލުހުން ވަދެ ކޮޓަރީގެ އެކި ތަންތަން ބަލަން ފެށިތާ ގިނަ އިރެއް ނުވެ ޝާންވެސް ފާހާނާއިން ނުކުތެވެ. ފުލުހުން ފެނުމާއެކު ޝާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހާސްވެފައި ހުރެ އެކި ސުވާލު ކުރަންފެށިއެވެ.

ފުލުހުން ބެލި ބެލުމުން އަލަމާރީގައި ހުރި ފޮށްޓަކުން ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި ފެނުނެވެ. އެހެންކަމުން ޝާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. ދެއަތުގައި ބިޑި އަޅުވައިގެން ޝާން ކޮޓަރިން ނުރުނު އިރު އޭނާ ޔޫނުސްއާ ދިމާއަށް ބަލާވެސް ނުލައެވެ. ޔޫނުސް ހުރީ ހަދާނެ ގޮތް ހުސްވެ ފެންކަޅިވެފައެވެ. ދެން އަނެއްކާ އޭނާއަށް ވާނީ ކިހިނެއްބާއެވެ؟

ޔޫނުސް ދާނެ އިތުރު ތަނެއް ހުރިތޯ ފުލުހުން ސުވާލު ކުރިއެވެ. ޔޫނުސް ހުރިހާ ވާހަކައެއް ފެށިގެން ކިޔައިދިނެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި އޭނާ ހުއްޓާ ދެމަފިރިއަކު އޭނާ ގެންދިޔަ ވާހަކައެވެ. އަދި އެތަނުން އެކަކު ނިޔާވުމުން ދެން ހުރި މީހާ ކަންތައް ކުރި އަނިޔާވެރި ގޮތުގެ ވާހަކައެވެ. އަދި ޝާންއާ ދިމާވިގޮތާއި އެގެއަށް އޭނާ އަނަންނަން ޖެހުނު ސަބަބެވެ. ޔޫނުސްގެ ވާހަކަތަކަށް ފަހު ފުލުހުން ނިންމީ އަނެއްކާވެސް ޔޫނުސް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ. އަދި ޒާހިދުގެ މައްސަލަވެސް ބަލަން ފެށުނެވެ.

އަނެއްކާވެސް ޔޫނުސް އެންމެ ފުރަތަމަ އުޅުނު ތަނަށް ގެންދެވުނެވެ. އެއީ ހަމަ އެ މާޙައުލެވެ. ވަށައިގެން އަބަދު ކޮންމެ ކަމެއްވެސް ކޮށްދޭނެ މީހުން ތިބެއެވެ. ހުރިހާ ކަމެއްވެސް ހުންނަނީ ވަރަށް ފުރިހަމައަށެވެ. ނަމަވެސް ކުރިން އުނިވާކަމުގެ އިޙުސާސް ކުރެވުނު ލޯތްބާއި އަޅާލުން އަދިވެސް އުނިވެއެވެ. ކުރިއަށްވުރެވެސް ބޮޑަށެވެ. ނަމަވެސް މިއަދު ޔޫނުސް އެ ކަންކަން މަތިން ފޫހި ވެއްޖެއެވެ. މިހާރު އޭނާގެ ހިތަށް އަރައެވެ.

"އަހަރެން މީހަކަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ؟ ފުރަތަމަ އެއްލާލީ ބަނޑު އަޅާ ވިހޭ މައިމީހާއެވެ. ހަނދާން ހުންނަން ފެށީއްސުރެ އުޅެ ބޮޑުވީ އެކަނިވެރިކަމުގެ ދުނިޔެއެއްގައެވެ. ދެން ގެންދިޔައީ ނުވެސް ދަންނަ ބަޔެކެވެ. ގެންގޮސް ދުނިޔޭގެ އުފަލާއި އަރާމުގެ ތެރޭގައި އުޅެން އާދަކުރުވިއެވެ. އުނިވެފައިވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ދިނެވެ. ނަމަވެސް އެކަންވެސް ވީ ވަގުތީ ކަމަކަށެވެ. ދެން ކުރިމަތިލާން ޖެހުނީ ކެތްކުރަން ދަތި އަނިޔާތަކަކާއެވެ. ނަމަވެސް އެކަމާވެސް ކުރިމަތިލީމެވެ. ދެން ޖެހުނީ އަމިއްލަ އެދުމުން ފޯވެފައިވާ ކުށްވެރިއެއްގެ ދަލުގައެވެ. އޭނާވެސް ނެގީ ނާޖާއިޒު ފައިދާއެވެ. އަނެއްކާ އަނބުރާ އަންނަން މިޖެހުނީ ފެށުނު ހިސާބަށެވެ. މިހުރިހާ ކަމެއްގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ އަހަރެން ހެއްޔެވެ؟ ނޫނީ އަހަރެންގެ އުފަން މައިން ބަފައިން ހެއްޔެވެ؟ ނުވަތަ އަހަރެން ބަލާނެ ކަމަށް އެއްބަސްވެގެން ގެންދިޔަ މީހުން ހެއްޔެވެ؟ ކުށްވެރިއަކީ ކާކުހެއްޔެވެ؟"

(ނިމުނީ)

މިލިޔުން ކިޔާލުމުން
2111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ