ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އަސާސެއްނެތްކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން މިއަދު ވަނީ ބާޠިލް ކޮށްފައެވެ. ދަޢުވާތައް ބާޠިލް ކުރި އިރު އަދީބުގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.
ޝިޔާމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މުޅި މައްސަލައިގެ ތަޙްޤީޤަކީ އެއްވެސް އަސާސެއްގެ މައްޗަށް ހިންގުނު ތަޙްޤީޤެއް ނޫން ކަމަށެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލި ދަޢުވާއާއި އަދި ކްރިމިނަލް ކޯޓުގެ ހުކުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިމެނޭކަމަށާއި ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމުގައި ޝިޔާމް ވަނި ވިދަޅުވެފައެވެ.
މީގެ އިތުރުން ޝިޔާމް ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލައްވާފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.
އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ ޝަރީއަތް ވަނީ ވަށާފައެވެ.




