"މިއަދަކީ ދިވެހިންނަށް އިންސާފު ގިރާފަ ބޯންދިން ދުވަހެއް"

މިއަދަކީ ދިވެހިންނަށް އިންސާފު ގިރާފަ ބޯންދިން ދުވަހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައި މިވަނީ މިއަދު ހެނދުނު ރާއްޖޭގެ ކުރީގެ ނައިބުރައީސް ޢަޙްމަދު އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެންނެވެ.

"މިއަދަކީ ދިވެހިންނަށް އިންސާފު ގިރާފަ ބޯންދިން ދުވަހެއް. ދިވެހި މާލިއްޔާއިން ހިންގި ބޮޑު ވައްކަމަށް އިންސާފު ލިބި ނިމިއްޖެ. އައްސަރިބަހާ ސާބަސް." އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަދާލަތުގެ ތިލަފަތަކީ އެއްކޮޅަށް ބަރު ތިލަފަތެއް ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

ދައުވާތައް ބާޠިލްކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާތައް އުފުލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށް ނިންމުމަށްފަހުއެވެ. މި ދައުވާތައް ބާތިލް ކުރުމާ އެކު އަދީބު މިވަގުތު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައެވެ.

އެހެންކަމުން އަދީބުގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. އަދި އަދީބު މިނިވަންވީއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ