ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި އޮންނަނީ ބޯޑަރު ހުޅުވާލުމާ، ފަތުރުވެރިކަމާ ބެހޭ މަޝްވަރާތަކެވެ. އެގޮތުން ދެޤައުމުގެ މެދުގައި މިދާއިރާތަކާ ގުޅޭ ގިނަ މަޝްވަރާތަކާއި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން އިޤްތިޞާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާންއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޔާއޯ ވެން އެވެ. ވެން ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބައިވެރިވާނެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި މިމަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެންގެވިކަމަށްޓަކައި ދިވެހި ސަރުކާރުން މަރުޙަބާ ދަންނަވާފައިވެއެވެ.
މި މަޝްވަރާތާގުޅޭ ގޮތުން ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެފައިވާ އަސާސްތަކަކީ ދިވެހިރާއްޖެއިން ޤަބޫލުކުރާ "ވަން-ޗައިނާ" ސިޔާސަތާއި، އެއް ޤައުމު އަނެއް ޤައުމުގެ ސިޔާދަތަށް ކުރާ އިހްތިރާމް ކަމަށެވެ. އަދި ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކަންމަތީ، އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.