އަވާމެންދުރު (ފުރަތަމަ ބައި)

މެންދަމުން އަލިވެ ތިނެއް ޖެހިކަން އިޢުލާން ކުރަންފެށީ ކައިރީގައި އޮތް ފޯނުންނެވެ. އޭރު ޝާޔަން އޮތީ ހޭލައެވެ. ލޮލުގައި ނިދީގެ ކުޑަވެސް އަސަރެއް ނެތެވެ. އެއްވެސް ވަރަކަށް ނިދާފައި ހުރިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް ލޮލުގައި މަޑު ރަތްކަމެއް އެކުލެވިފައި ހުއްޓެވެ. ފޯނު އެލާމްވާން ފެށުމާއެކު އޭގެ އަޑު ކަނޑާލުމަށްފަހު ކައިރީގައި އޮތް ފަސް އަހަރުގެ ދަރިފުޅު ޒާންއާ ދިމާއަށް ޝާޔަން ބަލާލިއެވެ. އޭރު އެކުއްޖާ އޮތީ ފުން ނިދީގައެވެ. ޝާޔަންގެ ބަނޑު މަތީގައި ދަރިފުޅުގެ އެއް އަތް އޮތުމުން ނަގާ އެ އަތް އެނދުމަތީގައި ބޭއްވިއެވެ. އަދި މަޑުމަޑުން ތެދުވިއެވެ. އެއަށްފަހު ގޮސް ފާހާނާއަށް ވަނެވެ. ފާހާނާއިން ނުކުތް ގޮތަށް ގޭގައި އަޅަން ގެންގުޅޭ ބުރުގާއެއް ބޮލަށް މަހާލުމަށްފަހު އައިސް އެނދު ކައިރިއަށް ތިރިވިއެވެ. އަދި އެނދު ދަށުން މެދުވަރުގެ ހުދު ހަމެއް ނެގިއެވެ. އޭގައި ހުރީ ދިޔާ އެއްޗެކެވެ. ދެން އެނދުމަތީގައި އޮތް ފޯނު ނެގުމަށްފަހު ފަސް އެނބުރި ބެލުމެއް ނެތި މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތެވެ. އޭރު ގޭތެރޭގައި ރަސްކަންކުރަމުން ދިޔައީ އަނދިރިކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ބެލުމަށްޓަކައި ކޮޓަރި ދޮރުމަތީގައި ޝާޔަން އިރުކޮޅަކު މަޑުކޮށްލިއެވެ. އިތުރު މީހަކު ހޭލާ ނޫޅޭކަން ޔަގީންވުމާއެކު މަޑުމަޑުން ގޭ މައި ދޮރާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. އަދި ދޮރު ހުޅުވާލުމަށްފަހު ވަގެއްހެން މަގުގެ ދެފަރާތަށް އަވަސް އަވަހަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތުން ކުރަން އެއުޅޭ ކަންތައް އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާކަން ދޭހަވެއެވެ. މަގުމަތިވެސް އަމާންކަން ޔަގީންވުމާއެކު ދެން އޭނާ މިސްރާބު ޖެހީ ރަށުގެ ވަލާ ދިމާއަށެވެ.

"އޭތް ވަލު ތެރޭގަ ރޯވެގެން އެބަ އުޅޭ. އެންމެން އެބަ ދޭ އެދިމާއަށް. ހިނގާބަލަ އަވަހަށް އެތަނަށް ދާން." ހެނދުނު ހެނދުނާ ޖެހިގެން ހުރި ގޭ ސަމީރާ އައިސް ވަފިއްޔާގެ ކަންފަތަށް ހޫނުކަމާއެކު ޚަބަރު އިއްވިއެވެ. އޭރު ވަފިއްޔާ ހުރީ ބަދިގޭގައި ރޮށި ފިހާށެވެ.

"ނާހަމަ ތެދެއް؟ ކިހިނެއް ވީއްޔޯ؟ ބަޔަކު ކޮށްގެން އުޅޭ ކަމެއްތަ؟" ކުރަމުން ދިޔަ މަސައްކަތް ހުއްޓާނުލާ ހުރެ ސަމީރާއާ ދިމާއަށް ބަލާލާފައި ވަފިއްޔާ ވާހަކަދެއްކިއެވެ.

"ނޭނގެ މަށަކަށްވެސް. އެތަނަށް ގޮސް ޚަބަރު ދަބަރު ބަލާލީމައެއްނު އެނގޭނީ." ޖަވާބުގައި ސަމީރާ ބުންޏެވެ.

"މަށަށް ދެވޭނީ މި ރޮށިކޮޅު ފިހެ ނިންމާފަ. މިގޭ ރަނި ކަމަނާ އަދިވެސް ހިއްލާ ނުލާ. މިހާރު އެއޮށްގެން ހަތެއް ޖަހަނީ. ރާޝިދު އޮފީހަށް ދާންވާއިރަށް އެއްޗެއް ރޯފިލުވޭތޯ މިއުޅެނީ. ދެން މި ނިމެނީ. މަޑުކޮށްލާ." ފޫހި ރާގަކަށް ވަފިއްޔާ ފަތިވަރު އަމުނާލިއެވެ. ކުރާނެ ބައިވަރު މަސައްކަތްތައް ހުއްޓެއްކަމަކު ކަން ބެލުން އޭނާއަށް މާ މުހިންމެވެ. އެހެންކަމުން އަތްމަތި އަވަސްކޮށްލިއެވެ.

"ޝާޔަންއެއްނު އެހެންނޫނީ ހުރިހާ ކަމެއް ކުރަނީ. ގައިމު ކޮންމެ ދުވަހަކު ފަތިހު ފަތިހާ އެމަންޖެ ބަދިގެއަށް ވަދޭ. މިއަދު ބަލީ ތޯއްޗެ. ވަފިއްޔާ ބަލައެއް ނުލަންތަ؟" އަވަށްޓެރިއެއްކަމުން އެގޭތެރޭގައި ހިނގާ ހުރިހާ ކަމެއް ސަމީރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުން ޝާޔަންއާމެދު ކަންތައް ކުރާ ގޮތްވެސް އެންމެ ރަނގަޅަށް އެނގޭ އެކަކަށް ސަމީރާ ވާނެއެވެ.

"ނޫޅެން މަށެއް. މަ ނުޖެހޭނެ ބަލާކަށް. ފަސޭހައެއްނު އެހެން އޮންނަން." ތުން އަނބުރާލާފައި ވަފިއްޔާ ރައްދު ދިނެވެ.

"އެބައަންނަން ރާޝިދުއަށް އަންގާލާފަ." ރޮށި ފިހެ ނިމުމާއެކު އަތްމަތި އަވަސްކޮށްލާފައި މޭޒުމައްޗަށް ސައިބޯ އެއްޗެހި ނެގުމަށްފަހު ވަފިއްޔާ ގޭތެރެއަށް ވަދެ މަތި ހަދާލައިގެން ނުކުތެވެ. ވަފިއްޔާ ނުކުންނަންދެން ސަމީރާ އިނީ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައެވެ. ދެވެރިން ހަލުވި ހިނގުމެއްގައި ދޮރާށްޓާ ދިމާއަށް ދަނިކޮށް ފަހަތުން މީހަކު އައިސް ވަފިއްޔާގެ އަތުގައި ހިފުމުން އެނބުރި ބަލާލިއެވެ.

"މާމާ. މަންމައެއް ނެތް. ކޮޓަރީގަވެސް ނެތް. ފާހާނާގަވެސް ނެތް. މަންމަ ކޮބާ؟" ވަފިއްޔާ ބަލާލުމާއެކު ޒާން ކަންބޮޑުވެފައި ހުރެ ވާހަކަދައްކަން ފެށިއެވެ. އެކުއްޖާ ހުރީ ނިދާ ހޭލިގޮތަށް ނުކުމެކަން ބަލާލުމުން އެނގެއެވެ.

"ނޭނގެ. ފިހާރަޔަކަށް ދިޔައީ ކަންނޭނގެ. ދަރިފުޅު ދޭ ބަސްއަހައިގެން މަންމަ އަންނަންދެން ކޮޓަރީގަ އިންނަން. މާމަ އެބަ އަންނަން ބޭރަށް ގޮސްލާފަ." ޝާޔަން ދެކެ ކިތަންމެ ރުޅި އައި ނަމަވެސް ވަފިއްޔާ އެކަން އޭނާގެ މާމަ ދަރިފުޅަކަށް ނުދައްކައެވެ. ޒާންއަކީ އޭނާއަށް ލިބުނު ފުރަތަމަ މާމަ ދަރިއެވެ.

ރަށަކީ ވަރަށް ބޮޑު ރަށެކެވެ. އާބާދީ ބޮޑެވެ. ދެ އަވަށް އޮންނައިރު ބޮޑު ކުޅިއަކުން ދެ އަވަށް އޮންނަނީ ވަކިވެފައެވެ. ޒަމާނުއްސުރެ ދެބައި މީހުން އެއްބަޔަކު އަނެއްބަޔަކާ އެއްވެސް ވަރަކަށް ނުގުޅެއެވެ. އެހެންކަމުން ގިނަ ފަހަރު އެއް އަވަށުގައި ހިނގާ ކަންތައްތައް އަނެއް އަވަށު މީހުންނަކަށް ނޭނގެއެވެ. ނޫނީ އެނގޭކަމަކަށް ނުހަދައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއްބަޔަކު އަނެއްބަޔެއްގެ ކަންކަމުގެ ތެރެއަށް އަތް ބާނާކަށް ނުޖެހެއެވެ. ރަށު މީހަކު އެހެން ރަށެއްގެ މީހަކާ އިން ނަމަވެސް ދެއަވަށު ދެމީހުން އެކަކު އަނެކަކާ އިނުމަކީވެސް ފާފައެއްފަދަ ކަމެއް ކަމުގައި އެމީހުން ދެކެއެވެ. އެހާވެސް ރުޅިއާދެއެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް އޮންނަނީ ވަކިކޮށްލެވިފައެވެ. ސްކޫލާއި، ޞިއްޙީ މަރުކަޒުގެ އިތުރުން އޮފީސްތައްވެސް ހުންނަނީ ވަކިންނެވެ. ވަކި ދެރަށެކޭ އެއްފަދައެވެ. އެ ދެކޮޅުވެރިކަމުގެ ސަބަބު އެނގެނީ އެރަށުގެ ކާބަފައިންނަށް އެކަންޏެވެ.

ވަފިއްޔާމެންނަށް ދެވުނުއިރު އެ އަވަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެތަނަށް އެއްވެފައި އޮތެވެ. އޭރު ފުލުހުންނާއި އާންމު ރައްޔިތުންގެ އެހީގައި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. ނަމަވެސް މުޅި ހިސާބަށް ވަނީ ދުމުގެ އަސަރު ފެތުރިފައެވެ.

"މީހެއް އެބައޮތޯ އެތާ. މޫނު ވަކި ނުވާ ވަރަށް ފިހިފަޔޯ އޮތީ. އަލިފާންގަނޑު ނިއްވާލެވުނުއިރުވެސް މަރުވެފަ އޮތްކަމަށް ވަނީ." ސަމީރާ ސުވާލުކުރުމުން އެތާ ހުރި މީހަކު ތަފްސީލު ދިނެވެ.

"ސުބުޙާނަﷲ! ކިހިނެއްބާ ވީ؟" ލިބުނު ޚަބަރުން ސަމީރާއާއި ވަފިއްޔާއަށްވެސް ތުންފަތްމަތީގައި ޝަހާދަތް އިނގިލި ޖައްސާލެވުނެވެ.

" އަދި އިތުރު ތަފްސީލެއް ނޭނގެ. ކަމާބެހޭ ފަރާތްތަކުން ބަލަމުން އެދަނީ." ސަމީރާގެ ސުވާލަށް އެމީހާ ޖަވާބު ދިނެވެ.

އަވިގަދަވެ ހޫނުވާން ފެށުމުން ސަމީރާއާއި ވަފިއްޔާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ހުރީ އެގާރަ ޖަހަން ކައިރިވެފައެވެ. ގެއާ ހަމައަށް ދެވުމުން އިތުރު މަޢުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރަން އެއްބަސްވެފައި ދެ އެކުވެރިން ވަކިވިއެވެ.

ބަނޑުހައިވެފައި ހުރުމުން ވަފިއްޔާ އެންމެ ފުރަތަމަވެސް ބެލީ އަވަހަށް ބަނޑަށް ކާއެއްޗެއް ލެވޭތޯއެވެ. ކައި ނިންމާފައި ގޮސް ތަށިތައް ދޮންނަން ސިންކު ދޮށަށް ކައިރިވިއިރު ރާޝިދު ކެއި ތަށިތައް ހުރީ ނުދޮވެ ހުރި ގޮތަށެވެ. އެހެންކަމުން އަދިވެސް ޝާޔަން ބަދިގެއަށް ނުވަންނަނީކަން ވަފިއްޔާއަށް އެނގުނެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ޗޮކެއް ކަނޑާލާފައި ވަފިއްޔާ ހަލުވިކޮށް ހިނގާފައި ގޮސް ޝާޔަން އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ޒާން އިނީ ކުޅޭ އެއްޗެހިތައް ބިންމައްޗަށް އަޅާލައިގެން ކުޅޭށެވެ. އިތުރު މީހެއްގެ ހިލަމެއް ވާކަށް ނެތެވެ. އޭރުވެސް އެކުއްޖާ އިނީ ނިދަން ލީ ހެދުމާއެކުގައެވެ.

"ދަރިފުޅާ މަންމަ އަދިވެސް ނާދޭތަ؟" ވަފިއްޔާ ދޮރުމަތީގައި ހުއްޓި ހުރެ ސުވާލު ކޮށްލިއެވެ.

"އާނ. ޒާން މިހާރު ވަރަށް ބަނޑުހައިވެސް ވެއްޖެ." ތުންކޮޅު އޫކޮށްލާފައި އެކުއްޖާ ޝަކުވާކޮށްލިއެވެ. އެވަގުތު ވަފިއްޔާ ދެރަވެސް ވިޔެވެ. ހަމަ އެއާ އެއްވަރަށް ރުޅިވެސް ގަދަވިޔެވެ. ޝާޔަންގެ ފަރުވާ ކުޑަކަމުން ދިޔަ ތަނެއްވެސް ބުނެ ނުލައެވެ. އެކުއްޖާއަށް ވާނެ ގޮތެއް ހިތަށްވެސް ނާރަނީބާއެވެ؟

ރުޅިގަނޑު އެތެރެއަށް ހިންދާލަން މަސައްކަތް ކުރަމުން ވަފިއްޔާ އަވަސްވެގަތީ މާމަ ދަރިފުޅަށް ކާއެއްޗެއް ދެވޭތޯއެވެ. އަދި ދުވަހަކުވެސް ޝާޔަން އެގޮތަށް ނުބުނެ ގެއިން ގޮސްފައެއް ނުވެއެވެ. ޝާޔަންގެ ޢާއިލާ މީހަކަށް އެރަށުގައި މިހާރު ހުރީ އޭނާގެ މަންމަ ޒުބޭދާ އެކަންޏެވެ. ޝާޔަން އަކީ ބައްޕަ ނެތް ކުއްޖެކެވެ. ޒުބޭދާއަށް ލަނޑު ދިނީ އެރަށަށް އަރުވާލާފައި ހުރި ބީރައްޓެއްސެކެވެ. ޒުބޭދާ ބަނޑުބޮޑުވިކަން އެނގުމުން އެމީހާ އެކަމަށް އެއްބަހެއް ނުވިއެވެ. އޭގެ ފަހުން އޭނާ އިތުރު މީހަކާ ކައިވެންޏެއް ނުކުރެއެވެ. ޒުބޭދާގެ މަންމައާއި ބައްޕައަށް ލިބުނީ ޒުބޭދާ އެކަންޏެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އެދެމީހުންގެ ޢާއިލާ އެންމެން ވަނީ އެކި ބަލި ބަލީގައި މަރުވެފައެވެ. ޝާޔަން އަކީ މާ ގިނަ ރައްޓެހިންތަކެއްވެސް ގެންގުޅޭ ކުއްޖެއް ނޫނެވެ. ތަނަކަށް ދިޔަނަމަވެސް މިހާރު އަންނަހާ އިރު ވެއްޖެއެވެ.

ޒާންއަށް ކާންދޭން އިންދާ ވަފިއްޔާގެ ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ ޒާންގެ ބައްޕަ ރާއިދެވެ. ރާއިދު ވަޒީފާ އަދާކުރަނީ ރަށާއި ވަރަށް ދުރު ރިސޯޓެއްގައެވެ.

"މަންމާ ޝާޔަން ކޮބާތަ؟ މިއަދު މިހާރު ފަސްވަރަކަށް ފަހަރު ގުޅިއްޖެ. ފޯނު ނިއްވާލާފަޔޯ ކިޔަނީ." ވަފިއްޔާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު އަނގައިން އެއްޗެއް ނުބުނެވި އުޅެނިކޮށް ރާއިދު ވާހަކަ ދައްކަން ފެށިއެވެ.

"ނޭނގެ. ގެޔަކު ނެތް. ހެނދުނު މަންމަ ހޭލި ފަހުން ނުދެކެން. ޒާންވެސް އެއުޅެނީ ޝާޔަން ނުފެނިގެން." އައިސްފައި ހުރި ރުޅި އަޑުން ފާޅުވިޔަ ނުދީވޭތޯ މަސައްކަތްކުރަމުން ވަފިއްޔާ ޖަވާބު ދިނެވެ.

"ދަރިފުޅު ގުޅާލަބަލަ އޭނާގެ މަންމަޔަށާ ރައްޓެހިންނަށް. މަންމަ މިއުޅެނީ ޒާންއަށް ކާންދޭން." ވަފިއްޔާ އިތުރުކޮށްލިއެވެ.

ޒާންއަށް ކާންދީފައި ފެންވަރުވައިގެން ނުކުމެ އެކުއްޖާ ރީތިކުރަން ހުއްޓާ އަނެއްކާ ރާއިދު ގުޅިއެވެ.

"މަންމާ ޝާޔަން އެއިން އެއްވެސް ގެއަކަށް ނުދެޔޯ. ކިހިނެއްބާ ވީ؟ ރޭގަވެސް ނިދުމުގެ ކުރިން ގުޅީމަ އަހަންނާ ނުލާހިކު ރީއްޗަށް ވާހަކަ ދައްކާފަ ފޯނު ބޭއްވީ. އެއްވެސް ކަމަކަށް ދަތިވާ ވާހަކައެއްވެސް ނުބުނޭ. އަހަރެން އަންނަ ހަފްތާ ދާ ވާހަކަ ބުނީމަ ވަރަށް އުފާވެފަ ހުރީވެސް." ކަންބޮޑުވެފައި ހުރެ ރާއިދު ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ދެން ފިކުރު ނުކުރޭ. ބައްޕައަށް ގުޅާފަ މަންމަ ބުނާނަން ރަށު ތެރެ ބަލާލަން." އެހިސާބަށް ކަންތައް ދިޔުމުން ވަފިއްޔާވެސް ކަންބޮޑުވާގޮތްވިޔެވެ.

ރާޝިދު ގޮސް އެކި ތަންތަން ބަލާ ހެދި އިރުވެސް ޝާޔަންގެ ޚަބަރެއް ވާގޮތެއް ނުވިއެވެ. ގޭ ކައިރިންވެސް އެދުވަހު ޝާޔަން ފެނުނު މީހަކާ ދިމަލެއް ނުވިއެވެ. ހަވީރު އަތަށް އަޅާލުމުން އެންމެ ފަހުން ރާއިދުގެ އެދުމުގެ މަތިން ރާޝިދު ގޮސް ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

"މިއަދު ވަލު ތެރެއިން ވަނީ މީހަކު ފިހިފައި އޮއްވާ ފެނިފަ. ތިބޭފުޅުން ދުރުވަންވީނުންތޯ ބަލާލަން. މޫނާ މުޅި ހަށިގަނޑުވެސް އޮތީ ކާކުކަން ވަކި ނުވާ ވަރަށް ފިހިފަ. އެކަމަކު ބަލާލަން ދުރުވެދެއްވާ." އެވަގުތު ޑިޔުޓީގައި އެންމެ އިސްކޮށް ހުންނެވި ފުލުހުންގެ އޮފިސަރު ބުންޏެވެ.

އޭރު ޒުބޭދާއަށްވެސް އޮތީ ޝާޔަން ނުފެނިގެން އުޅޭކަމުގެ ޚަބަރު ލިބިފައެވެ. އެހެންކަމުން އޭނާވެސް ހުރީ ވަފިއްޔާމެންގެއަށް ގޮހެވެ. ރާޝިދު އައިސް ފުލުހުންގެ ބަސް އިއްވުމުން ވަފިއްޔާއާއި ޒުބޭދާވެސް ރާޝިދާއެކު ދާން ނުކުތެވެ. ޒާން ބެހެއްޓީ ވަފިއްޔާގެ ހަގު ދަރިފުޅު ރިޔާންގެ ގޭގައެވެ. އޭނާ އުޅެނީ ލިބުނު ގޯތި ހަދައިގެން އަންހެނުންނާއި އެމީހުންގެ ދެއަހަރުގެ ކުޑަ ދަރިފުޅާއެކު އެގޭގައެވެ. އޭރު ރާއިދުވެސް ރަށަށް އަންނަން ފުރައިފިއެވެ.

ހަށިގަނޑު ބާއްވާފައި އޮތް ތަނަށް ފުލުހުންގެ ބޭފުޅަކާއެކު ވަފިއްޔާ، ޒުބޭދާ އަދި ރާޝިދުވެސް ވަނެވެ. އޭރު އެ ހަށިގަނޑު އޮތީ އެއްކޮށް ހުދު ފޮތިގަނޑަކުން ނިވާކޮށްފައެވެ.

"ހިތް ބަލި ބޭފުޅަކު ހުރީއްޔާ ބުއްދިވެރީ ނުބެލުން. ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފަ." ފޮތިގަނޑު ނެގުމުގެ ކުރިން ފުލުހުންގެ މީހާ ބުންޏެވެ. ނަމަވެސް ތިން މީހުންވެސް ބޭނުންވީ ހަށިގަނޑު ބަލާށެވެ. އެހެންކަމުން ފޮތިގަނޑު ނެގިއެވެ. އެ ބޭފުޅާ ބުނުއްވިފަދައިން ފިހިފައި އޮތީ މޫނުވެސް ވަކި ނުވާ ވަރަށެވެ. ނަމަވެސް ކަނާއަތުގެ ކުޑަ ހުޅާ ދިމާލުގައި އެއްޗެއް އަޅާފައި އޮތްކަން އެނގެއެވެ. ޒުބޭދާ ގޮސް އެއީ ކޯއްޗެއްތޯ ބަލާލަން ކައިރިވެލިއެވެ. އެއީ ކެވެލިކޮޅެކެވެ. ކައިރިން ކެވެލިކޮޅު ހަމަ ފެނުމާއެކު ޒުބޭދާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި "ދަރިފުޅާ" އޭ ކިޔާ ބާރަށް ރޮއިގަނެވުނެވެ. އާނއެކެވެ. އެއީ އޭނާ ޝާޔަންގެ އަތުގައި އެޅުވި ކެވެލިކޮޅެކެވެ. އެ ކެވެލިކޮޅު ޒުބޭދާއަކަށް ނޯޅޭނެއެވެ. އެއީ ޒުބޭދާގެ މަންމަގެ ހަމައެކަނި ހަނދާނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
175
ގުޅުންހުރި ލިޔުންތައް

4 Responses

  1. މީހެއް

    wow love this story, 2vana bai konirakun thw annani

    • އޭނާ

      މިހާރު އެބައިން ދެވަަނަ ބައި

  2. Juma

    Beautiful story.?i just love the way of how u suggested all stuffs ?very impatient to know what really happened to shaayan.. ♥️gud luck

  3. Nasrem

    Wa wa wa wa obi nex to the max varah reethi samaa♥️♥️❤❤

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ