މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

ޔެލޯ އެލާޓްގެ ވަގުތު މިރޭ 12 އާއި ހަމައަށް އިތުރުކޮށްފި

މޫސުން ގޯސްވެ ގަދަ ވަޔާއެކު އުދައަރާފާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު މިރޭ 12 އާއި ހަމައަށް އިތުރުކޮށްފިއެވެ.

އެއިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން އައްޑޫ ސިޓީއަށެވެ.

މިރޭ 20:00 ން މިރޭ 00:00 އަށް ނެރެފައިވާ މި ޔެލޯ އެލާޓްގައި، އެލާޓްނެރެފައިވާ ސަރަޙައްދުތަކަށް މިގަޑިތަކުގައި ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދަށް ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައެވެ.

މީގެއިތުރުން އެއިދާރާއިން ބުނީ، މިގަޑިތަކުގައި ކަނޑުތައް ގަދަވާނެކަމަށާއި ބައެއް ރަށްރަށަށް ރާޅު އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މީގެކުރިން ޔެލޯ އެލާޓް ނެރެފައިވަނީ މުޅި ރާއްޖެއަށެވެ. މިއެލާޓް ނެރެފައިވަނީ މިއަދު 16:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ." މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

މީގެއިތުރުން އެއިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ