އެ ބޭފުޅާ ބުނުއްވިފަދައިން ފިހިފައި އޮތީ މޫނުވެސް ވަކި ނުވާ ވަރަށެވެ. ނަމަވެސް ކަނާއަތުގެ ކުޑަ ހުޅާ ދިމާލުގައި އެއްޗެއް އަޅާފައި އޮތްކަން އެނގެއެވެ. ޒުބޭދާ ގޮސް އެއީ ކޯއްޗެއްތޯ ބަލާލަން ކައިރިވެލިއެވެ. އެއީ ކެވެލިކޮޅެކެވެ. ކައިރިން ކެވެލިކޮޅު ހަމަ ފެނުމާއެކު ޒުބޭދާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި "ދަރިފުޅާ" އޭ ކިޔާ ބާރަށް ރޮއިގަނެވުނެވެ. އާނއެކެވެ. އެއީ އޭނާ ޝާޔަންގެ އަތުގައި އެޅުވި ކެވެލިކޮޅެކެވެ. އެ ކެވެލިކޮޅު ޒުބޭދާއަކަށް ނޯޅޭނެއެވެ. އެއީ ޒުބޭދާގެ މަންމަގެ ހަމައެކަނި ހަނދާނެވެ.
ޒުބޭދާގެ އަޑަށް ވަފިއްޔާއާއި ރާޝިދުވެސް އެ ހަށިގަނޑާ ކައިރިވެލިއެވެ. ނަމަވެސް އެމީހުންނަކަށް އެއީ ޝާޔަންކަން ދެނެގަންނާކަށް ނޭނގުނެވެ. އޭރު ޒުބޭދާ އަޑު ވީއްލާ ރޮމުންގެންދިޔައެވެ.
"ޒުބޭދާ! ހަމަޖެހިބަލަ. ކިހިނެއްތަ އެނގެނީ އެއީ ޝާޔަން ކަމެއް؟" ޒުބޭދާގެ ކޮނޑުގައި އަތް ޖައްސާލަމުން ވަފިއްޔާ ސުވާލުކޮށްލިއެވެ.
"އޭނަގެ ކަނާއަތުގަ އަޅާފަ އެއޮތް ކެވެލިކޮޅަކީ އަހަރެންގެ މި ދެއަތުން އެޅުވި ކެވެލިކޮޅެއް." ރޮމުން ރޮމުން ޒުބޭދާ ޖަވާބުދިނެވެ.
"އެހެންނޫނަސް ކަލޭމެންނަށް އެކުއްޖާފުޅާ ބެހޭގޮތުން އެނގޭނީ ކޯއްޗެއް؟ އެއްފަހަރުވެސް އެކުއްޖާއާ ދިމާއަށް ހިތުން ރުހުމުން ބަލާލިންތަ؟" ވަށައިގެން ތިބި މީހުންނަށްވެސް ބެލުމެއް ނެތި ޒުބޭދާ ހިތުގައިވާ އުދާސްތައް ބޭރުކުރަން ފެށިއެވެ. އެވަގުތު ވަފިއްޔާއާއި ރާޝިދު އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.
"ޒުބޭދާ! އެއޮތީ މައްޔިތެއް. ތިގޮތަށް ހަޅޭލެވުމަކީ މައްޔިތާއަށް ކުރެވޭ ޤަދަރު ކުޑަވެގެންދާ ކަމެއް." ވަރަށް މަޑުމައިތިރިކަމާއެކު ރާޝިދު ޒުބޭދާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަސީބަކުން ރާޝިދުގެ ބަސް ގަބޫލުކޮށް ޒުބޭދާ އިތުރު އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޝާޔަންއަކީ އޭނާ އެކަނިމާ އެކަނި އެއްވެސް އިތުރު މީހެއްގެ އެހީއަކާ ނުލާ ބަލާ ބޮޑުކުރި ކުއްޖެކެވެ. އަދި އެއީ މިދުނިޔޭގައި އޭނާއަށް އަޅާލަން ހުރި ހަމަ އެކަނި ފަރާތެވެ. ނަމަވެސް މުސްކުޅިވި ދުވަހު އެކަނިކޮށްލާފައި އެ ދަރިފުޅުވެސް އެދިޔައީއެވެ.
ޒުބޭދާ ގޮވައިގެން ބޭރަށް ދިއުމަށް ރާޝިދު ލޮލުގެ އިޝާރާތުން ވަފިއްޔާއަށް އެންގިއެވެ. އެހެންކަމުން ވަފިއްޔާ ޒުބޭދާގެ ކޮނޑުގައި އަތްޖައްސާލާފައި އޭނާއާއެކު ދިއުމަށް އެދުނެވެ. ޒުބޭދާވެސް އިތުރަށް ދެބަސްވާން ނޫޅެ މަޑުމަޑުން އެތަނުން ނުކުތެވެ. ހިތުގައި ޖެހިފައި ހުރިވަރުން އެވަގުތު އިތުރަށް ގަދަހަދާނެ ހިތްވަރު ނެތީކަމަށްވެސް ވެދާނެއެވެ.
"ޝާޔަންގެ ފިރިމީހާ ރާއިދުވެސް އިރުކޮޅަކުން އަންނާނެ. އޭނާ ހުރީ މިހާރު ކަނޑުމަތީގަ." ދެ އަންހެނުން ނުކުތުމާއެކު ރާޝިދު ފުލުސް އޮފިސަރާ ވާހަކަދެއްކިއެވެ.
"މި މައްސަލަ ތަޙުޤީޤު ކުރުމަށްޓަކާ މާލެއިން ހާއްސަ ޓީމެއްވެސް މިރަށަށް އަންނަން މިހާރު ވަނީ ފުރާފަ." ފުލުހުންގެ އޮފިސަރުވެސް އިތުރު ތަފްސީލު ދިނެވެ.
ރާއިދުއަށް ރަށަށް އާދެވުނީ އެރޭ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. އޭރު ރާއިދުގެ ކޮއްކޮ ރިޔާންވެސް އެގޭގައި ހުއްޓެވެ. ރާއިދު އައުމުން ތިން ފިރިހެނުން އަނެއްކާވެސް ޕޮލިސް ސްޓޭޝަނަށް ދިޔުމަށް ނުކުތެވެ. ދިޔަ މަގުމަތީގައި ޝާޔަންގެ އަތުގައި ކެވެލިކޮޅެއް އަޅާފައި އޮވޭތޯ ރާޝިދު ރާއިދުއާ ސުވާލުކުރިއެވެ. އެކަމާ ރާއިދު އެއްބަސްވުމުން، ފިހިފައި އޮތް މީހާގެ އަތުގައިވެސް ކެވެލިކޮޅެއް އޮތްކަމާއި ޒުބޭދާ ދެއްކި ވާހަކަތައް ރާޝިދު އެ ދެބެއިންނާ ހިއްސާކުރިއެވެ.
ޕޮލިސް ސްޓޭޝަނަށް ދިޔައިރު އެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި މާލެއިން އަންނަން ހަމަޖެހިފައި އޮތް ޓީމްވެސް ތިބީ އައިހެވެ. އެހެންކަމުން ހަށިގަނޑު ބާއްވާފައި އޮތް ތަނަށް ދިޔައީ އެންމެން އެއްކޮށެވެ.
އެއީ ޝާޔަންކަން ޔަޤީންކުރަން ރާއިދުއަށްވެސް ފެނުނީ ކެވެލިކޮޅު އެކަންޏެވެ. ހަށިގަނޑު ފިހިފައި އޮތްލެއް ބޮޑުކަމުން ލައިގެން އޮތް ހެނދުންވެސް ވަތްކެއް ނުވެއެވެ. ކެވެލިކޮޅު ފެނުމާއެކު ރާއިދުގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ޝާޔަންއަކީ އޭނާ ހާދަ ލޯބިން އިން ކުއްޖެކެވެ. އެކަން ކާމިޔާބުވީވެސް އެތައް ދުވަހަކު ފަހަތުން މުގޯލިއަޅާ އާދޭސްކުރި ފަހުންނެވެ. އަދި އެއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ މަންމަވެސް މެއެވެ. ރާއިދު ކަރުނަ ފޮހެލިތަން ފެނުމުން ރިޔާން އައިސް ރާއިދުގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވާލުމަށްފަހު ހިތްވަރުކުރަން އެދުނެވެ.
"ޢާއިލާއަށް ދިމާވެފައި މިވާ ހިތާމައިގައި އަޅުގަނޑުމެންވެސް ބައިވެރިވަން. ބަލަން ބޭނުންވާ ބައެއް ކަންކަން ބެލުމަށްފަހު ހަށިގަނޑު މާދަމާ ހެނދުނު ޢާއިލާއާ ހަވާލުކުރާނަން. އަދި އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލުތައް ކުރުމަށްޓަކައި ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރަން ޖެހޭ ފަރާތްތަކަށްވެސް އަންގަމުން ގެންދާނަން. މިކަން ނިމެންދެން ޢާއިލާގެ އެއްވެސް ބޭފުޅަކު ރަށުން ބޭރަށް ނުގޮސް މަޑުކޮށްދެއްވުން އެދެން. އަދި މިކަމުގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެންނާ ތިޔަ ބޭފުޅުންގެވެސް ވަގުތުތަކެއް ބޭކާރުނުވެ ނަތީޖާއަކާ ހަމައަށް ވާސިލުވާން ފަސޭހަވާނެ ކަމެއް." ތަޙުޤީގު ކުރާ ޓީމްގެ އެންމެ އިސްކޮށް ހުންނެވި ބިލާލް ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ހަށިގަނޑު ހަވާލުކުރުމުން ޢާއިލާއިން ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިޔައެވެ. މައްޔިތާގެ ޖަނާޒާގައި އަވަށްޓެރިންނާއި ޢާއިލާއަށް ހެޔޮ އެދޭ ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
ސުވާލުކުރުމަށްޓަކައި އެންމެ ފުރަތަމަ ގެންދިޔައީ ރާއިދެވެ. އެގޮތުން ޝާޔަންއާއި ރާއިދުގެ ގުޅުމާއި ބެހޭގޮތުންނާއި، އެންމެ ފަހުން ވާހަކަދެކެވުނު އިރަކާއި އަދި އެވަގުތު ދެކެވުނު ވާހަކައާއި ބެހޭގޮތުން ސުވާލުކުރިއެވެ.
"އަޅުގަނޑުމެންގެ މެދުގައި އެއްވެސް ބޮޑު މައްސަލައެއް ދުވަހަކުވެސް ނުޖެހޭ. ޝާޔަންއަކީ ވަރަށް ބަސް މަދު ކުއްޖެއް. އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރާނެ. ދުވާލު ގަޑީގައި ދަރިފުޅާ ވާހަކަ ދައްކަން އަދި ރޭގަނޑު ޝާޔަންއާ ވާހަކަ ދައްކަން އަޅުގަނޑު އަބަދުވެސް ގުޅަން. އެރޭވެސް އަޅުގަނޑު ދިހައެއް ޖެހިއިރު ގުޅިން. ޝާޔަން ބުނި ގޮތުން އޭރު އޭނާ އޮތީ ނިދަން އޮށޯވެ. ޙާލު އަހުވާލު އެހުމަށްފަހު އަޅުގަނޑު އަންނަ ހަފްތާގައި ރަށަށް އަންނަ ވާހަކަ ބުނިން. އެކަމާ އޭނާ ހުރީ ވަރަށް އުފާވެފަ." މަޑުމޮޅިކަމާއެކު ރާއިދު ކިޔައިދިނެވެ. އޭނާއަށް ހީވަނީ އަދިވެސް ހުވަފެނެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ބޮލު ތެރޭގައި ތަކުރާރުކޮށް އެނބުރެމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. ޝާޔަން އެހެން ކަންތައް އެކުރީ ކީއްވެހެއްޔެވެ؟ ހަމަ އެންމެ ފަހަރަކުވެސް ވީ ގޮތެއް އޭނާއާ ހިއްސާކޮށްލިނަމައެވެ. އޭނާ ލޯބިވާވަރު ޝާޔަންއަށް އޮޅިފައެއް ނޯންނާނެއެވެ.
ސުވާލުކުރުމަށްޓަކައި ދެވަނައަށް ހާޒިރުކުރެވުނީ ޝާޔަންގެ މަންމަ ޒުބޭދާއެވެ.
"ޝާޔަންއަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއް. އޭނާ އަޅުގަނޑު ބުނާ ކޮންމެ ކަމެއްވެސް ކުރާނެ. ރާއިދު ޝާޔަންއާ އިންނަން އެދުނީ އަޅުގަނޑު ކައިރީގަ. ރާއިދުއަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް. އޭރު ޝާޔަން ހުރީ ރާއިދާ އިންނާކަށް ނޫން. އޭނާ އަޅުގަނޑު އެކަނި ބަހައްޓާފަ ދާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވި. އެކަމަކު އެހެން އަބަދު ކިހިނެއްތޯ މީހަކާ ނީނދެ ހުންނާނީ؟ އެހެންވެ އަޅުގަނޑު ވަރަށް ނަސޭހަތް ދީގެން ޝާޔަން އިންނަން އެއްބަސްވީ. އޭރު އަޅުގަނޑަކަށް ނޭނގެ ރާއިދުގެ މަންމަމެން ޝާޔަންއާ މެދު ދެކޭ ގޮތެއް. އެކަމަކު ކައިވެނި ކުރެވުނު ފަހުން އަޅުގަނޑަށް އެނގުނު ރާއިދުގެ މަންމައާ ބައްޕަ ޝާޔަންއާ މެދު ހިތްހަމަ ނުޖެހޭކަން. ޝާޔަންއާ ނީނދެވިއްޖެނަމަ ރާއިދު ގެއިން ނުކުމެގެންދާނެކަމަށް ބުނުމުން އެމީހުން އެ ކައިވެންޏާ އެއްބަސްވީވެސް. ކައިވެނިކޮށްގެން އެކުއްޖާ އެގޭގަ އުޅުނީ ނޯކަރެއްހެން." އެހިސާބަށް ވާހަކަދިޔައިރު ޒުބޭދާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. ނުރޯން ހިތްވަރުކޮށްގެން އިންނަމަވެސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ.
"އެމީހުން ވަރަށް ހިތުގަ ޖެހޭ ބަސްބަސްވެސް ބުނާކަމަށްވޭ. މިހުރިހާކަމެއް އެގެއަށް ވަދެ ނުކުމެ އުޅޭ އަވަށްޓެރިންނަށްވެސް އެނގޭ. އަޅުގަނޑަށްވެސް އެނގުނީ އެގޭދޮށު މީހެއް ކިޔައިދިނުމުން. އެކަމަކު ދުވަހަކުވެސް ޝާޔަން އަޅުގަނޑު ކައިރީ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. ސުވާލުކުރިޔަސް އެއްބަހެއް ނުވޭ." ޒުބޭދާގެ އަޑުގައި ހިތާމައާއި ރުޅިވެރިކަން އެއްފަހަރާ އެކުލެވިފައި ހުއްޓެވެ.
"އަޅުގަނޑު ބުނާނީ އަޅުގަނޑުގެ ދަރިފުޅަށް އެފަދަ ބޮޑު ފިޔަވަޅެއް ނަގަން މަޖުބޫރުކުރުވީ ހަމަ ރާއިދުގެ މަންމައާ ބައްޕައޭ. އެއީ ޝާޔަންގެ ޤާތިލުންނަކީ!" ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒުބޭދާ ރުޅިވެރިކަމާއެކު ބުންޏެވެ.
ޒުބޭދާގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެކަންކަމާ ގުޅޭގޮތުން ވަފިއްޔާއާއި ރާޝިދުއާ ސުވާލު ކުރެވުނެވެ.
"އެއީ ހުސް ދޮގު. އަޅުގަނޑުމެން އަބަދުވެސް ދެކުނީ ޝާޔަންއަކީ އަޅުގަނޑުމެންގެ އަމިއްލަ ދަރިއެއްގެ ގޮތުގަ. އަންހެން ދަރިއެއް ނުލިބޭތީ އަޅުގަނޑުމެން ބެލީ އެއީ އަޅުގަނޑުމެންނަށް ނުލިބުނު އަންހެން ދަރިފުޅު ކަމުގަ. އެއީ އަޅުގަނޑުމެންގެ ފުރަތަމަ މާމަ ދަރިފުޅުގެ މަންމަ. އަޅުގަނޑުމެން އޭނާއާ މެދު އިހާނެތިކޮށް ކަންތައްކުރަންވީ އެއްވެސް ސަބަބެއް ނެތް." ޒުބޭދާގެ އިލްޒާމްތަށް ވަފިއްޔާ ވަގުތުން ދޮގުކުރިއެވެ.
އިތުރު ކަންކަން ބެލުމަށްޓަކައި އެގޭ ކައިރި ތިން އަވަށްޓެރިންވެސް ގެނަސް ސުވާލު ކުރެވުނެވެ. އެ އެންމެންވެސް ދެއްކީ އެއް ވާހަކަތެކެކެވެ. ޝާޔަންއަކީ ބައްޕަ ނެތް ކުއްޖެއްކަމަށްވުމުގެ އިތުރުން ނިކަމެތި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުން ވަފިއްޔާ ޝާޔަންއާ މެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަމެވެ. އަދި ޝާޔަން ހިތުގައި ޖެހޭފަދަ އެއްޗެހި ވަފިއްޔާ ބުނާ އަޑު އިވިފައި ހުރިކަމަށްވެސް އެމީހުން ހާމަކުރިއެވެ.
ދެން ގެނެވުނީ ރިޔާންގެ އަންހެނުން ޝައުލާއެވެ.
"މައިދައިތައަކީ ވަރަށް ޒީލަގަދަ މީހެއް. އަބަދުވެސް ޝާޔަންއާ ދިމާއަށް ވަރަށް އެއްޗެހި ގޮވާނެ. އެކަމަކު ރާއިދުބެ ހުންނައިރު ވަރަށް މަތި އޮމާންވާނެ. އެކަމަކު ޝާޔަންއަކީ ވަރަށް ކެތް ގަދަ ކުއްޖެއް. އޭނަ އެންމެންނަށްވެސް ވަރަށް ހެޔޮވާނެ. އަދި އަޅުގަނޑަށް އިތުރު ކަމެއްވެސް ވަނީ ފާހަގަކުރެވިފަ." އެހިސާބަށް ބުނުމަށްފަހު ޝައުލާ އިސްދަށަށް ޖަހައިލިއެވެ. އޭނާ އެވާހަކަ ބުނުމުން ނުކުމެދާނެ ނަތީޖާއަކާ މެދު ފުންކޮށް ވިސްނާލިއެވެ. އެއީ އޭނާގެވެސް ޢާއިލާއެވެ. ބަދުނާމުވެގެންދާނީ މުޅި ޢާއިލާގެ ނަމެވެ. އެކަމަކު މިއީ މީހެއްގެ ފުރާނަޔާ ގުޅިފައިވާ ކަމެކެވެ. ޙަޤީގަތާ ހަމައަށް ވާސިލުވެވޭނީ ހުރިހާ ކަމެއް އެނގިގެންނެވެ. ޝާޔަންއަކީ އޭނާއަށްވެސް ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން ކުއްޖެކެވެ. ޝާޔަން އަބަދުވެސް އޭނާއާމެދު ދެކުނީ ކޮއްކޮއެއްގެ ގޮތުގައެވެ. އެހެންކަމުން ޝާޔަންއަށް އިންސާފު ލިބެން ޖެހޭނެއެވެ.
ޝައުލާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި އަނެއްކާ ވާހަކަދައްކަން ފެށިއެވެ.
(ނުނިމޭ)





3 Responses
alhe dhw kiyaalaa hithun hurivarun nimuniruvex neygun
Amatasiri mi parat ves varah reethi waiting for next part dear.
Varah reethi mi part ves! Neyvaa hifaahtaalaigen mi huree. Dhen vaanee kihinehbaa? Aneh part Avahah up kohladhehchey!