މަޝްހޫރު ރެސްލާ ޖޯން ސީނާ އަކީ އަބަދުވެސް ބޮލީވުޑްގެ ތަރިންނަށް ލޯބިކުރާ ފަރާތެކެވެ. އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރާ ފޮޓޯތަކަކީ މިކަމުގެ ހެއްކެކެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ދުނިޔޭގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބައްޗަންގެ ފޮޓޯއެއް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.
ޖޯން ސީނާ އޭނަގެ އިންސްޓްގަރާމްގައި ހިއްސާކުރާ އެއްވެސް ފޮޓޯއެއްގައި ކެޕްޝަން އެއް ނުލިޔާއިރު، އައިޝްވާރިޔާގެ މި ފޮޓޯގައިވެސް އެއްވެސް ކެޕްޝަނެއް ލިޔެފައިނުވެއެވެ. ބެލެވޭގޮތުގައި، ޖޯން ސީނާ އައިޝްވާރިޔާގެ މި ފޮޓޯ ހިއްސާކޮށްފައިވަނީ، ދާދިފަހަކުން އޭނާ ކޮވިޑް-19 އަށް ޕޮސިޓިވްވެ، އެޑްމިޓް ކުރި ހަބަރާއެކުއެވެ.
އައިޝްވާރިޔާ ކޮވިޑް-19 އަށްް ޕޮސިޓިވްވިއިރު، އޭނަގެ ފިރިމީހާ، އެކްޓަރު އަބީޝޭކް ބައްޗަން އަދި ދެމީހުންގެ ދަރިފުޅު އާރަދިއާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. ބައްޗަން އާއިލާއިން މި ބައްޔަށް އެންމެ ފުރަތަމަ ޕޮސިޓިވް ވިކަން އިއުލާންކުރީ، ލެޖެންޑްރީ އެކްޓަރު އަދި އަބީޝޭކްގެ ބައަޕް އަމީތާބް ބައްޗަންއެވެ.
އަމީތާބް އާއި އަބީޝޭކް ކޮވިޑް-19 އަށް ޕޮސިޓިވްވި ޙަބަރު އިއުލާންކުުރުމާއެކު، އެ ދެމީހުންގެ ފޮޓޯއެއްވެސް ޖޯން ސީނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި، ބޮލީވުޑްގެ ދުވަސްވީ ގިނަ ފަންނާނުންތަކެއް މަރުވެފައިވާއިރު، އެ މީހުންގެ ފޮޓޯވެސް ޖޯން ސީނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭގެތެރޭގައި، ދާދިފަހަކުން ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ސުޝާންތް ސިންހް ރާޖް ޕުތް ވެސް ހިމެނެއެވެ.



