ޗެލްސީ ކުޅުންތެރިންނަށް ކޯޗު ލަމްޕާޑު އިރުޝާދު ދެނީ - ފޮޓޯ: ބީބީސީ

އީޕީއެލް - ލިވަޕޫލްއިން ޗެލްސީ ބަލިކުރިއިރު، ޔުނައިޓެޑް 3 ވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއަތުން ޗެލްސީ ބަލިވިއިރު، ވެސްޓްހާމްއާއި އެއްވަރުކޮށް މެންޗެސްޓާރ ޔުނައިޓެޑު ތާވަލްގެ ތިން ވަނައަށް އަރައިފިއެވެ.

އެންފީލްޑުގައި ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދާފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިލަނޑުތައް ކާމިޔާބުކޮށްފައިވަނީ ކެއިޓާ، އެލެކްޒާންޑާ އާނޯލްޑް އަދި ވައިނަލްޑަމްއެވެ. 23 ވަނަ މިނަޓްގައި ފެނިގެންދިޔަ ކެއިޓާގެ ލަނޑަކީ ޑީއޭރިއާގެވެސް ބޭރުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އަދި 38 ވަނަ މިނަޓްގައި އެލެކްޒާންޑާ އާނޯލްޑް ޖަހައިދިން ލަނޑަކީ ޑީ އޭރިއާއަށްވުރެ ބޭރުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އެލެކްޒާންޑާ އާނޯލްޑް މިލަނޑު ކާމިޔާބުކޮށްފައިވަނީ ހިލޭޖެހުމަކުންނެވެ. ވައިނަލްޑަމް ލަނޑު ޖަހާފައިވަނީ ކޯނަރަކުން އޭރިއަތެރެއަށް ވެއްޓުނު ބޯޅައެއް ޗެލްސީއަށް ރަނގަޅަށް ސާފުކޮށްނުލެވި އުޅެނިކޮށް ލިބުނު ބޯޅަ އަކުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީއިން ލަނޑެއްޖަހައި ފަރަގު ކުޑައިރު މިލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ ޖިރޫޑެވެ. ވިލިއަންގެ ހަމަލާއެއް ކީޕަރު އެލިސަންއަށް ރަނގަޅަށް ދިފާޢުނުކުރެވުމުން ގޯލްއާއި ދިމާއަށް ދިޔަ ބޯޅަ ދެވަނަ ފަހަރަށް ކީޕަރު ދިފާޢު ކުރުމުގެ ކުރިން ޖިރޫޑުވަނީ ވެއްޓިގަނެފައި ފައިންޖަހައި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފިރްމީނޯ ކާމިޔާބުކޮށްދިން ލަނޑަކުން ލިވަޕޫލްއިން އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. ނަމަވެސް ޗެލްސީގެ އަބްރަހަމްއާއި ޕުލިސިޗް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ޗެލްސީއިން ލިވަޕޫލްގެ ފަހަތުގައި ޖެއްސިއެވެ. އެއް ލަނޑު ލީޑެއްގައި އޮތް ލިވަޕޫލްއިން އަނެއްކާވެސް ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 6 މިނަޓަށްވެފައި ވަނިކޮށެވެ. އެލަނޑު ކާމިޔާބުކުރީ ޗެމްބަލިންނެވެ.

ރޭގެ މޮޅާއެކު ލިވަޕޫލްއިންވަނީ އަމިއްލަ ދަނޑުގައި (އެންފީލްޑް) މެޗަކުން ބަލިނުވެ މިސީޒަންގެ ޕްރިމިއާ ލީގު ނިންމާލާފައެވެ. ލިވަޕޫލްގެ ފަހު މެޗު ނިއުކާސަލްއާއި ދެކޮޅަށް ކުޅޭނީ އަވޭގައެވެ. ވޭތުވެދިޔަ ދެސީޒަންގައިވެސް ލީގު މެޗަކުން ހޯމްގައި ލިވަޕޫލްބަލިވެފައި ނުވާއިރު، މިއީ ކްލަބުގެ ތާރީޚުގައިވެސް ހޯމް މެޗަކުން ބަލިނުވެ ލިވަޕޫލް ޖެހި ޖެހިގެން ތިން ސީޒަން ނިންމާލި ފުރަތަމަ ފަހަަރެވެ.

ރޭގެ މެޗަށްފަހު މިސީޒަންގެ ޕްރިމިއާ ލީގު ތަށި ލިވަޕޫލަށް ދީފައިވާއިރު، ލިވަޕޫލުން މިތަށި އުފުލާފައި މިވަނީ 30 އަހަރަށް ފަހުގައެވެ. ލިވަޕޫލުން އެންމެފަހުން މިތަށި އުފުލާލާފައިވަނީ 1990 ވަނަ އަހަރުއެވެ. މިސީޒަންގެ ތައްޓާއެކު، ލިވަޕޫލުންވަނީ 19 ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އޯލްޓްރެފޯޑުގައި މެންޗެސްޓާރ ޔުނައިޓެޑާއި ވެސްހާޓްހާމް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ލިބުނު ޕެނަލްޓީއަކުން ވެސްޓް ހާމްގެ ލަނޑު ކާމިޔާބުކޮށްދިނީ އެންޓޯނިއޯއެވެ. ޔުނައިޓެޑްގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މޭސަން ގްރީންވުޑެވެ.

37 މެޗުން ލިބުނު 63 ޕޮއިންޓާއެކު މެންޗެސްޓާރ ޔުނައިޓެޑަށް ތާވަލްގެ ތިން ވަނަ ލިބެނީ ޗެލްސީއަށްވުރެ އިތުރަށް ފައިދާ ގޯލް ލިބިގެންނެވެ. ފަސްވަނާގައި ލެސްޓާ ސިޓީ އޮތީ 37 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ