އަވާމެންދުރު (03)

ދެވަނަ އަދަދާއި ގުޅޭ

އެއީ އޭނާގެވެސް ޢާއިލާއެވެ. ބަދުނާމުވެގެންދާނީ މުޅި ޢާއިލާގެ ނަމެވެ. އެކަމަކު މިއީ މީހެއްގެ ފުރާނަޔާ ގުޅިފައިވާ ކަމެކެވެ. ޙަޤީގަތާ ހަމައަށް ވާސިލުވެވޭނީ ހުރިހާ ކަމެއް އެނގިގެންނެވެ. ޝާޔަންއަކީ އޭނާއަށްވެސް ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން ކުއްޖެކެވެ. ޝާޔަން އަބަދުވެސް އޭނާއާމެދު ދެކުނީ ކޮއްކޮއެއްގެ ގޮތުގައެވެ. އެހެންކަމުން ޝާޔަންއަށް އިންސާފު ލިބެން ޖެހޭނެއެވެ. 

ޝައުލާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި އަނެއްކާ ވާހަކަދައްކަން ފެށިއެވެ.

"މިކަން ހިނގާ ދިޔައީތީ އަޅުގަނޑު ބޭނުން އެވާހަކަ ހިއްސާކޮށްލަން. އެއީ ކުރިއްސުރެ އަޅުގަނޑަށް ފާހަގަ ކުރެވިފަ އޮތްކަމެއް. އަޅުގަނޑަށް ހީވޭ ރިޔާން ޝާޔަންއާ ގަޔާވާހެން. އަޅުގަނޑުގެ ފިރިމީހާއަށް ވިޔަސް ކަމުގެ ޙަޤީޤަތް ބަދަލެއް ނުވާނެ. އޭނަ ޝާޔަންއަށް ބަލާ ގޮތް އެއީ ޅިޔަނަކު ފަހަރިއަކާ ދިމާއަށް ބަލާނެ ގޮތެއް ނޫން. އަޅުގަނޑަކީވެސް ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫން. ރިޔާން ކުދިކުދި ޖެއްސުން ކުރާތަންވެސް އަޅުގަނޑަށް ކިތަންމެ ދުވަހަކު ހުރީ ފެނިފަ. އެކަމުގެ ސަބަބުން އަޅުގަނޑާ ރިޔާންއާ ދެމެދު ވަރަށް މައްސަލަވެސް ޖެހުނު. އެކަމަކު އަޅުގަނޑުމެންނަށް ދަރިޔަކު ލިބުނު ފަހުން ރިޔާން ވަރަށް ބޮޑަށް ބަދަލުވި. ފަހުން ދެން އަޅުގަނޑުވެސް ދަރިފުޅުގެ ކަންތައްތަކާ ހެދި ބުރަކޮށް އުޅޭތީ އެކަހަލަ ކަންކަން މާބޮޑަކަށް ނުބެލޭ." އިސްދަށަށް ޖަހައިގެން އިނދެ ޝައުލާ ކިޔައިދިނެވެ. 

"އަދި ބަފައިބެވެސް ޝާޔަންއަށް ކަޅި އަޅާހެން ހީވާ ވާހަކަ އެގޭ ކައިރި އަވަށްޓެރިއަކު އަޅުގަނޑު ކައިރީ ބުނި. އެކަމަކު އަޅުގަނޑު އެކަހަލަ ކަމެއް ދުވަހަކު ނުދެކެން. ދެން އަޅުގަނޑަކަށް ނޭނގެ އެގޭތެރޭގަ ހިނގާ ދިޔައީ ކޮން ކަންތައްގަނޑެއް ކަމެއް." ޝައުލާއަށް ފާހަގަކުރެވިފައި ހުރި ހުރިހާ ކަމެއް ކިޔައިދިނެވެ. ޝާޔަންއަކީ އޭނާއަށް ދައްތައެއް ފަދައިން ހުރިހާ ކަމެއްގައި އެހީވި ކުއްޖެކެވެ. އެހެންކަމުން އެކަމުގައި ނަތީޖާއަކާ ހަމައަށް ގޮސް ޙަޤީޤަތް ހާމަވާން އޭނާ ބޭނުމެވެ.

"އަޅުގަނޑު ކީއްވެގެންތޯ ޝާޔަންއާމެދު އެފަދަ ނަޒަރަކުން ދެކެންވީ؟ އެއީ އަޅުގަނޑުގެ ހުރި ހަމައެކަނި ބޭބެގެ އަންހެނުން. ވަޒީފާގެ ގޮތުމް ބޭބެ ގިނަފަހަރު އުޅެނީ ރަށުން ބޭރުގަ. އެހެންވީމަ އަޅުގަނޑު ދެކުނީ ބޭބެގެ އަންހެނުންނަށް ބޭނުންވާ ކަމެއް އޮތްތޯ ބަލާ އެކަންކަން ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގަ. ފަހަރިއެއްގެ ނަޒަރުން ނޫން ގޮތަކަށް އަޅުގަނޑު ޝާޔަންއާމެދު ނުދެކެން. ތިއީ ދޮގު އިލްޒާމެއް." ޝައުލާގެ ބަޔާނާ ގުޅުވައިގެން ސުވާލުކުރުމުން ރިޔާން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އައިސްފައި ހުރި ރުޅި އަޑުން ހާމަ ނުކޮށް ވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. އެވާހަކަތައް ދެއްކި މީހެއްގެ ނަމެއް ސުވާލުކުރެއްވި ބޭފުޅާ ހާމައެއް ނުކުރެއެވެ.

ރާޝިދުއާ މެދު ދެކެވުނު ވާހަކަތައް އޭނާވެސް ދޮގު ކުރިއެވެ. އަދި އޭނާ ޝާޔަންއަށް ކަމެއް ކުރާތީ ފެނުނު މީހަކުވެސް ނެތެވެ. ހުސްއެކަނި ހުރީ ތުންތުން މަތިން ދެކެވޭ ވާހަކަތަކެކެވެ. އެހެންކަމުން އޭނާއާ ދެކޮޅަށްވެސް ދެއްކޭނެ ހެއްކެއް ނެތެވެ.

އެންމެންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބިލާލްއާއި އޭނާގެ ޓީމުން ރިޕޯޓެއް ތައްޔާރުކުރިއެވެ. އޭގައި ޝާޔަންއާމެދު އެގޭތެރޭގައި ކަންތައްކުރެވެމުން ދިޔަ ގޮތުގެ ތަފްސީލު ވަރަށް ރަނގަޅަށް ހާމަކުރިއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް އަދަބެއް ނުދެވުނެވެ.

ޝާޔަންއާމެދު މަންމައާއި ބައްޕަ މިއޮއް ހުރިހާ ދުވަހަކު ކަންތައް ކުރަމުން އައި ގޮތް ރާއިދުއަށް އެނގުނީ އެހާ ހިސާބުންނެވެ. އެކަމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އަދި އައި ރުޅިން ދަރިފުޅު ގޮވައިގެން އެ ގެއިން ނުކުތެވެ. އެހެން ކަންތައް ނުކުރުމަށް އެދި ވަފިއްޔާއާއި ރާޝިދު ވަރަށް އާދޭސް ކުރިއެވެ. ނަމަވެސް ރާއިދު ހުރީ އެއަށްވުރެ ބޮޑަށް ހިތުގައި ޖެހި ރުޅިއައިސްފައެވެ. އެމީހުންގެ ނުބައި ޢަމަލުތަކުގެ ސަބަބުން ވަކިވެގެން އެދިޔައީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. ދެން ދުވަހަކު އޭނާއަށް އެހެން މީހަކާ މެދު އެ ނަޒަރުން ދެކެވިދާނެކަމެއް ނޭނގެއެވެ. އޭނާ ޝާޔަންދެކެވީ އެއަށްވުރެ މާ ފުން ލޯތްބެކެވެ. ބަޔަކު ކުރި ނުބައި ޢަމަލުތަކެއްގެ ސަބަބުން ބަރުބާދުވެގެން އެދިޔައީ ކިތައް މީހުންގެ ދިރިއުޅުން ހެއްޔެވެ؟ 

ގެއިން ނުކުމެގެން ގޮސް ރާއިދު ހުރީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ މުހައިމިނުގެ ގޭގައެވެ. މުހައިމިނުގެ އަންހެނުން ޒިޔާދާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ކައިވެންޏަށް އެތައް އަހަރެއް ވެފައިވާއިރު އެމީހުންނަށް އަދި ދަރިއެއްގެ ނިޢުމަތް ވަނީ ނުލިބިފައެވެ. ޝާޔަން ދުނިޔޭގައިވެސް އެދެމަފިރިންނަކީ ޝާޔަންއަށާއި ޒާންއަށް ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން ބަޔެކެވެ. ރާއިދު އެގެއަށް ބަދަލުވުމުން އެދެމަފިރިން ދެކުނީ ޒާންއަކީ އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. އެގޮތުން އެގެއަށް ބަދަލުވީ ފުރަތަމަ ދުވަހުން ފެށިގެން ޒާންގެ ހުރިހާ ކަމަކާ ޒިޔާދާ ހަވާލުވިއެވެ. އެކަންވީ ރާއިދުއަށް ލެއްވި ވަރަށް ބޮޑު ނިޢުމަތަކަށެވެ. ސަބަބަކީ އެވަރުގެ ކުއްޖަކު އެކަނި ބެލުމަކީ ރާއިދުއަށް ވަރަށް އުނދަގޫ ކަމެކެވެ. ޒިޔާދާ ޒާންގެ ކަންތައްތައްކޮށްދޭލެއް ކިތަންމެ ފުރިހަމަ ނަމަވެސް ޒާން އޭނާގެ މަންމަ ކޮބާތޯ ނާހާ އެންމެ ދުވަހެއްވެސް ނުދެއެވެ. މަންމަ ދެން ނާންނާނެ ވާހަކަ ބުނާ ކޮންމެ ފަހަރަކު އެކުއްޖާ ހިތުގައި ޖެހިޖެހިފައި ރޯތަން ފެނުމުން ރާއިދުއަށްވެސް ރޮވެއެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކުވެސް ހިތުގައި ޖެހޭނެއެވެ. އެފަދަ ވަގުތުތަކުގައި ޝާޔަންއާ ނުލާ އޭނާއަށް އެކަން ވާނެބާއޭ ރާއިދުގެ ހިތަށް އެތައް ފަހަރަކު އަރައެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތްކަން އޭނާ ދިޔައީ އަމިއްލަ ޒަމީރަށް ވިސްނައިދެމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޒާންއަށްޓަކައި އޭނާ ހިތްވަރުކުރަންޖެހޭނެއެވެ.

ގިނަ ވަގުތު ދަރިފުޅާއެކު ހޭދަކުރަން ބޭނުންވާތީ ރާއިދު ރިސޯޓް ވަޒީފާ ދޫކޮށްލިއެވެ. އަދި މުހައިމިނުގެ ދޯނީގައި މަހަށް ދާން ފެށިއެވެ. އެކަމުން އޭނާއަށް ފުދިގެން އުޅެވޭ ވަރަށް ފައިސާ ލިބެއެވެ. 

ވަފިއްޔާއާ ރާޝިދު ޒާން ދެކިލުމަށްޓަކައި މުހައިމިނުގެ ގެ ކައިރިއަށް ވަރަށް ގިނައިން ދެއެވެ. ނަމަވެސް ރާއިދު ހުރީ އެމީހުން ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހެންކަމުން ރާއިދު ހުންނަ ވަގުތެއް ނަމަ އެމީހުން ޖެހެނީ އެކުއްޖާފުޅުގެ މޫނުވެސް ނުފެނި މާޔޫސްކަމާއެކު އެނބުރި ދާށެވެ. ނަމަވެސް ރާއިދު ނުހުންނަ ވަގުތަކު އަތުވެއްޖެނަމަ ޒިޔާދާއަށް ކެތް ނުވެގެން ކުޑަ ވަގުތުކޮޅަކަށް އެމީހުންނާ ޒާން ހަވާލުކުރެއެވެ. ނަމަވެސް އެކަން ރާއިދުއަށް ސިއްރު ކުރެއެވެ. މަސްލަޙަތަށްޓަކައެވެ.

ފަނަރަ އަހަރު ފަސް

ހުކުރު ދުވަހެކެވެ. މަހަށް ނުދާ ދުވަހެއްކަމުން ރާއިދު ނުކުތީ ހެނދުނު ކުޑަކޮށް ދުވެލާށެވެ. އެގަޑީގައި ޒާންވެސް ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެން ދެއެވެ. މިހާރު ޒާންގެ އުމުރުން ވިހި އަހަރެވެ. އޭލެވެލް ނިންމުމަށްފަހު ޒާން އެދަނީ ބިޒްނަސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ. އެއީ ޝާޔަންވެސް ބޭނުންވި ގޮތެވެ. ޒާން ކިޔަވައިގެން މޮޅު ކުއްޖަކަށްވެ ރަށަށް ޚިދުމަތްކޮށްދިނުމެވެ. ޝާޔަންއަށްފަހު ރާއިދުގެ ދިރިއުޅުމަށް އެހެން އަންހެނަކު ނުގެނެއެވެ. ރާއިދު ދެކުނު ގޮތުގައި އެހެން މީހަކު ޝާޔަންގެ މަޤާމަށް ގެނަސްފިނަމަ އެއީ ޝާޔަންއަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ޒާން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި ރާއިދުއާ އެއްވަރަށް ޒިޔާދާއާއި މުހައިމިނުވެސް ހިއްސާވެއެވެ. އެކަމަށްޓަކައި ރާއިދު އަބަދުވެސް އެމީހުންނަށް ޝުކުރުވެރިވެއެވެ. ޒިޔާދާއާ މުހައިމިނު ވިސްނައިދިނުމުން ވަކި ހިސާބަކުން ރާއިދު ގޮތް ދޫކޮށް މަންމައާއި ބައްޕަ ކައިރިއަށް ޒާން ފޮނުވަންފެށިއެވެ. ނަމަވެސް އޭނާ އެމީހުންނަކަށް މަޢާފެއް ނުކުރެއެވެ. އެހެނެއްކަމަކު ޝާޔަންއާމެދު އެމީހުން ކަންތައް ކުރި ގޮތް ރާއިދު ޒާންއަށް ކިޔައެއް ނުދެއެވެ. ނަމަވެސް އެކި މީސްމީހުންގެ ތުންތުން މަތިން ޒާންއަށް ވަނީ އޭނާގެ މަންމައަށް ދިމާވި ހިތާމަވެރި ޙާދިސާއާއި އެކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތައް އަޑު އިވިފައެވެ. އެހެނަސް އޭނާ ދެކުނު ގޮތުގައި ނިމިފައި އޮތް ކަމެއްގައި އެހެން މީހުން ދެކެ ރުޅި އައިސްގެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އޭނާއަށް މާމައާއި ކާފަ ވަރަށް ހެވެވެ. ރަޙިމުގެ ގުޅުމަކީ ކިތަންމެ ވަރަކަށް ކަނޑަން އުޅުނު ނަމަވެސް ކެނޑޭނެ އެއްޗެއް ނޫނެވެ. އަދި އެ ގުޅުން ކެނޑުމަކީ ދީނުގައިވެސް ކިހާވަރެއްގެ ކަމެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އަށެއް ޖަހަން ކައިރިވުމުން ރާއިދު ގެއާ ދިމާއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ގެއާ ވަރަށް ކައިރިވެފައި ހުއްޓާ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ނަގާ ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.

"ހަލޯ. ރާއިދުތޯ؟" އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.

"ރަނގަޅު. މިއީ ރާއިދު." ދަންނަ އަޑެއް ނޫންކަމުން ރާއިދު ހުރީ ސުވާލު އުފެދިފައެވެ.

"އަޅުގަނޑު މިއީ ބިލާލް. ޝާޔަންގެ ކޭސްގައި އެންމެ އިސްކޮށް އުޅުނީ އަޅުގަނޑު. ހަނދާންވެއްޖެތޯ؟" ބިލާލް ކުޑަ ތަޢާރަފެއް ދިނެވެ.

"އާދެ. ހަނދާން އެބަހުރި. ކިހިނެއްތޯވީ؟" ބިލާލްގެ ދުލުން ޝާޔަންގެ ނަން އިވުމުން ރާއިދުގެ ހިތް އަވަސްވާގޮތް ވިއެވެ.

"މިގުޅާލީ ޝާޔަންގެ ކޭސްއާ ގުޅޭ ގޮތުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން. އަޅުގަނޑަށް އެނގޭ ޝާޔަންގެ ކޭސް ވަނީ މީގެ ފަނަރަ އަހަރު ކުރިން ކްލޯޒް ކުރެވިފަކަން. ނަމަވެސް ވަރަށް ހީ ނުކުރާ ކަމެއް ދިމާވެގެން މިއުޅެނީ." އެހިސާބަށް ބުނުމަށްފަހު ދައްކަމުން ދިޔަ ވާހަކަ ބިލާލް ކުޑަކޮށް މެދު ކަނޑާލިއެވެ.

"ޝާޔަން މަރެއް ނުވޭ. އޭނަ ދުނިޔޭގަ އެބަހުރި." ބިލާލްގެ ދުލުން ނުކުތް އެ ލަފްޒުތައް ރާއިދުއަށް ހީވީ ހުވަފެނެއްގައި މާ ދުރުން އިވެމުންދާ އަޑުތަކެއް ހެންނެވެ. އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ