މިވަގުތު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މަގުތަކުގައި ފެންބޮޑު އެ ރަށުގެ ގޭގެއަށް ފެންވަންނަމުންދާތީވެ ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް ވިދާޅުވީ، އެރަށު ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަމުންދާތީވެ، އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ފެން ހިއްކުމާއި އަދި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޅުއްދުއްފުށީ ކައުންސިލުގެ ނައިބު ރައީސް މި ނޫހަށް މައުލޫމާތު ދިންގޮތުގައި، ރަށުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން، ގެތަކަށް ފެންވަންނަމުންދާތީވެ، ފެން ހިންދުމަށްޓަކައި ރަށުގެ ފުލުހުންނާއި އެމްއެންޑީއެފް ސިފައިން އަދި ރެޑް ކްރެސެންޓް ގެ ފަރާތްތަކުންވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

ފެންވަނުމުގެ ސަބަބުން، މީހުން ދިރިއުޅޭ ގެއެއްގެ މީހުން އެހެން ސަރައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. އަދި ގެތަކަށް ފެންވަނުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލަމުންދާކަމަށްވެސް ކައުންސިލުން މައުލޫމާތު ދިނެވެ.
މޫސުން ގޯސްވުމާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓް ނެރި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އުތުރަށްވެސް އެލާޓް ނެރެމުންދާއިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ދެމެދުގެ ސަރަހައްދުގެ ރަށްތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރިފައެވެ.



