އަވާމެންދުރު (04)

ތިންވަނަ އަދަދާއި ގުޅޭ

"ޝާޔަން މަރެއް ނުވޭ. އޭނަ ދުނިޔޭގަ އެބަހުރި." ބިލާލްގެ ދުލުން ނުކުތް އެ ލަފްޒުތައް ރާއިދުއަށް ހީވީ ހުވަފެނެއްގައި މާ ދުރުން އިވެމުންދާ އަޑުތަކެއް ހެންނެވެ. އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟

"އަޅުގަނޑު ދައްކަންވެފަ ހުރި ވަރަށް ގިނަ ވާހަކަ އެބަހުރި. އެކަމަކު އެ ހުރިހާ ވާހަކަތަކެއް ފޯނަކުން ނުދެއްކޭނެ. އަޅުގަނޑަށް ވަރަށް ރަނގަޅު ރާއިދު މާލެ ދުރުވެ އަޅުގަނޑާ ބައްދަލުކޮށްލެއްވިއްޔާ." ބިލާލް ބޭނުންވާ ގޮތް ހާމަކުރިއެވެ.

އެކޮޅުން ފޯނު ކަނޑާލުމުންވެސް ރާއިދު ހުރީ ހުއްޓުން އަރާފައެވެ. ފިޔަވަޅު އަޅަންވެސް ހަނދާން ނެތުނުފަދައެވެ. ބޮލު ތެރޭގައި އެނބުރެމުން ދިޔައީ ބިލާލް ދާދި ދެންމެއަކު ދެއްކި ވާހަކަތަކެވެ. އެއީ ތެދެއްބާއެވެ؟ ހަމަގައިމުވެސް އެދުވަހު ފެނުނު މީހާގެ އަތުގައި އަޅާފައި އޮތީ ޝާޔަންގެ ކެވެލިކޮޅެވެ. ޝާޔަން ދުނިޔޭގައި ހުރިނަމަ އޭރު އެ ފެނުނީ ކާކުގެ ހަށިގަނޑެއްބާއެވެ؟ އޭނާއަށް އެހާ ދުވަހު އަމިއްލަ ދަރިފުޅާއި ދުރުގައި ހުންނަން ކެތްވާނެބާއެވެ؟ ނޫނީ އެތައް ޤުރުބާންތަކެއް ވެގެން ބަލާ ބޮޑުކުރި މައިމީހާ އެކަނިކޮށްލާފައި ގޮސް ހުންނަން ކެރިދާނެބާއެވެ؟ ނޫނެކެވެ! އޭނާ ދަންނަ ޝާޔަންއަކީ އެއަށްވުރެ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ހުރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ. އެވާނީ ބިލާލަށް އޮޅުމެއް އެރީކަމުގައެވެ. ވައްތަރު މީހެއް ފެނުނީ ކަމަށްވެސް ވެދާނެއެވެ. އެބުނާ މީހަކީ ޝާޔަންކަމުގައިވާނަމަ ހަމަ ޔަޤީނުންވެސް ދަރިފުޅުގެ ޙާލު އަހުވާލު ބަލަން މަސައްކަތްކުރީހެވެ. އަދި ބަނޑުއަޅާ ވިހެއި މައިމީހާގެ ޚަބަރު ބެލީހެވެ.

ރާއިދު ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު ކޮނޑުގައި ޖަހާލުމުންނެވެ. އޭނާއަށް އެތަނުގައި ހުއްޓުން އަރާފައި ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

"ބައްޕަ ކީއްވެ މިތާ ތިހުރީ؟ ހާދަ ހޫނުވެސް ގަދައޭ. ހިނގާ އަވަހަށް ގެއަށް ދާން." ޒާން ބުންޏެވެ. އޭނާ ހުރީ ކުޅެން ދިޔަ އެއްޗެއްސާއެކުގައެވެ. އެއައީ ކުޅެ ނިންމާފައެވެ.

ގެއަށް ގޮސްވެސް ރާއިދު އިނީ ގަބު އަރާފައެވެ. އެތައް އިރަކު އެއްޗެއް ނުބުނެ ކޮޓަރި އެނދުމަތީގައި އިނެވެ. އެހެން އިންދާ އަނެއްކާވެސް ހޭވެރިކަމެއްވީ މުހައިމިނު އައިސް ކޮނޑުގައި ކޮށްޓާލުމުންނެވެ.

"ކިހިނެއްވެފަ ތިއިނީ؟ އަހަރެން ދޮރުމަތީގަ ހުރެގެން ގޮވާ ގޮވާވެސް ބަލާ ނުލީމަ މި އައީ. ހިނގާ ސައިބޯން ދާން." މުހައިމިނު އެ ހުރިހާ ވާހަކައެއް ދެއްކުމުންވެސް ރައްދުގައި ރާއިދު އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެނދުން ތެދުވެ ބޭރަށް ދިއުމަށްޓަކައި ހިނގައިގަތެވެ. މުހައިމުނުވެސް ހައިރާންވެފައި ހުރެ ރާއިދުގެ ފަހަތުން ހިނގައިގަތެވެ. ރާއިދުއަކީ އެހެން ނޫނީ އެގޮތަށް އުޅޭ މީހެއް ނޫނެވެ. އެހެންކަމުން ރާއިދުއަށް ކޮންމެވެސް ކަމެއް ވެއްޖެކަން މުހައިމިނުއަށް ދެނެގަންނަން އެނގުނެވެ.

އެގޭގައި އެންމެން ހަމައަށް ތިބޭ ދުވަސް ދުވަހު ހުރިހާ ގަޑިއެއްގައިވެސް ކަނީ އެންމެން އެއްކޮށެވެ. ކާ ގަޑީގައި އަބަދުވެސް އެކި ވާހަކަ ދައްކާ، ކަންކަމާ މަޝްވަރާކޮށް ހަދައެވެ.

"މިއަދު ކާ އެއްޗެހި ނުބައީތަ؟" އިސް ޖަހައިގެން ކާން އިން ރާއިދުއަށް އިސް އުފުލާލަން މަޖުބޫރުވީ ޒިޔާދާގެ އަޑަށެވެ. ޒިޔާދާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.

"އެހެންނޫނީ ކޮންމެ އެއްޗެއް ކެޔަސް އެންމެ ފުރަތަމަ އަނގަޔަށްލާ ސުވަޔާއެކު ވަރަށް މީރޭ ނުބުނާ ފަހަރެއް ނުދޭވިއްޔަ." ހިނިތުންވެފައި އިނދެ ޒިޔާދާ ބުންޏެވެ. އޭރު ޒާންވެސް އިނީ ރާއިދުއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހިސާބުން ރާއިދުއަށް ކަމެއް ވެއްޖެކަން އެންމެންނަށްވެސް ޔަޤީންކުރެވުނެވެ.

ކައި ނިމުމުން ރާއިދު ގޮވައިގެން މުހައިމިނު ނުކުތީ ގޯތި ތެރޭގައި ހުރި ޖޯލިފަށްޗަށެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން މުހައިމިނު ބޭނުންވިއެވެ.

"އޮޅުވާލަން މަސައްކަތް ނުކުރާތި! އަހަންނަށް އެނގޭ ރާއިދުއަށް ކޮންމެވެސް ކަމެއް ވެއްޖެކަން. ބުނީމައެއްނު އެހީއެއްވާންވެސް އެނގޭނީ." މުހައިމިނު ސީދާ މައުލޫއަށް ދިޔައެވެ. މުހައިމިނުގެ ކިބައިން ސަލާމަތް ނުވާނެކަން އެނގުމުން ރާއިދު އެންމެ ފަހުން ބިލާލް ދެއްކި ވާހަކަތައް ހިއްސާކުރިއެވެ.

"އެކަމަކު ތިއީ ހާދަ ޤަބޫލުކުރަން ދަތި ވާހަކައެކޭ. ތިވާނީ އޭނާއަށް އޮޅުމެއް އަރައިގެން އުޅެނީކަމަށް. އެކަމަކު ހިނގާބަލަ ބިލާލުއާ ބައްދަލުކޮށްލަން މާލެ ދާން. އޭރުން ޙަޤީގަތް އެނގިދާނެއެއްނު." ރާއިދު ދެއްކި ވާހަކައިން މުހައިމިނަށްވެސް ހައިރާންކަން ލިބުނެވެ.

ޖެހިގެން އައި ދުވަހު ރާއިދު، ޒާން އަދި މުހައިމިނު މާލެ ދާން ފުރިއެވެ. ބިލާލް ދައްކާ ވާހަކައިގެ ޙަޤީގަތް ބެލުމަށްޓަކައި އެމީހުން ތިބީ ކެތް މަދުވެފައެވެ. މާލެ ގޮސް ހަމަޖެހިލުމަށްފަހު ރާއިދު ބިލާލްއަށް ގުޅިއެވެ. ބިލާލް ބައްދަލުކުރަން އެދުނީ އެދުވަހު ހަވީރު ކޮފީ ޝޮޕްއަކުންނެވެ. ބިލާލް ބުނި ގަޑިއަށް ރާއިދުމެން އެތަނަށް ދިޔައެވެ. އޭރު ކަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ބިލާލް އިނެވެ.

"ބިލާލަށް ހަމަ ޔަޤީންތޯ ފެނިގެން ތިޔަ އުޅޭ މީހަކީ ޝާޔަންކަން؟" ގޮނޑީގައި ހަމަޖެހިލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ރާއިދު އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ.

"ރާއިދަށް ގުޅީ އަޅުގަނޑަށް ބެލެން ހުރި ކަންކަން ބަލާފަ. އެކަމަކު ޝާޔަން ކައިރިން ނޫނީ އޮޅުން ނުފިލުވޭނެ ބައެއް މަޢުލޫމާތު އެބަހުރި. އެހެންވެ އަޅުގަނޑު އަސްލު ރާއިދު މި ގެނައީވެސް. އަޅުގަނޑާ ޝާޔަން ބައްދަލުވީ އެހެން ކޭސްއެއްގެ ތެރެއިން މީގެ މަހެއްހާ ދުވަސް ކުރިން. އޭރު ޝާޔަންއަކަށް ނޭނގޭނެ އަޅުގަނޑަކީ ޝާޔަންގެ ކޭސް ބެލި މީހާކަމެއް. އަދިވެސް އަޅުގަނޑު އޭނާއަށް އެކަމެއް ނާންގަން. މިއޮއްހާ ދުވަހު އޭނާ އުޅުނީ އިންޑިޔާގަ. މިކޮޅަށް އަންނަން ޖެހުނީ އެނޫންގޮތެއް ނެތިގެން. ކުރިން ފޮޓޯ ފެނިފަ ހުރީމަ ޝައްކުވެގެން އަޅުގަނޑު ޝާޔަންގެ ފައިލް ބެލީ. މިހާރު އޭނާ ހުރީ ކުރިއާ ވަރަށް ތަފާތުކޮށް. ކުޑަކޮށް ފަލަވެލާފަ. ބުރުގާވެސް ނަގާފަ. ނަންވެސް ވަނީ ބަދަލުކޮށްފަ." އެހިސާބަށް ކިޔައިދިނުމަށްފަހު ބިލާލް ކައިރީގައި ހުރި ކޮފީ ތަށި ނަގާ އޭގެން ކޯވަރެއް ބޯލިއެވެ.

"އަޅުނޑަށްވެސް އެނގޭ މިހާ ދުވަސް ފަހުން މިކަހަލަ ކަމެއް ޤަބޫލުކުރަން ދަތިވާނެކަން. އަޅުގަނޑަށްވެސް ދަތިވި. ރާއިދުމެން މާދަން ހެނދުނު ނުވައެއް ޖަހާއިރު އަޅުގަނޑުގެ އޮފީހަށް ދުރުވޭ. އެގަޑިއަށް އަޅުގަނޑު ޝާޔަންވެސް ގެންނާނަން. ދިމާވީމަ ރާއިދުއަށްވެސް އެނގޭނެ އަޅުގަނޑު މިދައްކާ ވާހަކައިގެ ޙަޤީގަތް." ބިލާލްގެ ހުށަހެޅުމާ ރާއިދު އެއްބަސްވިއެވެ.

ބިލާލް އެ ހުރިހާ ވާހަކައެއް ދެއްކުމުންވެސް ރާއިދު އެކަން ޤަބޫލެއް ނުކުރެއެވެ. އަދިވެސް ހަމަ ހީވަނީ އެއީ ބިލާލަށް އަރައިގެން އުޅޭ އޮޅުމެއްހެންނެވެ. ސިކުނޑިއަށް އެވާހަކަ ނަގައިގަންނަން އޭނާއަށް ވަރަށް އުނދަގުލެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވޭތުވެ ދިޔަ ފަނަރަ އަހަރު އޭނާ ހޭދަކުރި ޙާލު އެއްވެސް މީހަކަށް ނޭނގޭނެއެވެ. މީހުންނަށް ފެންނާނީ އޭނާގެ ހިނިތުންވެފައިވާ މޫނެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއް އޭނާ ހޭދަކުރީ ޝާޔަންގެ ހަނދާނުގައެވެ. ޝާޔަން ދެކެ ވީ ލޯބީގެ ޙައްޤުގައި އެހެން މީހަކާ އިންނާކަށްވެސް ބޭނުމެއް ނުވިއެވެ. ގާތް އެކުވެރިންނާއި ޒާންވެސް އެކަމަށް ވަރަށް ބާރު އެޅިއެވެ. ނަމަވެސް އެ ހުރިހާ އެންމެންގެ އެދުމަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. ޝާޔަންއަށް ދެވިފައިވާ ޤަދަރު ކުޑަވެދާނެތީއެވެ. އެ ލޯބި ފަނޑުވެދާނެތީއެވެ. ޝާޔަން ވަކިވެދިއުމުން އަސަރުކުރީ ހުސް އެކަނި އޭނާގެ ޙަޔާތަށް އެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން ޒާން ވަނީ މަންމައެއްގެ ލޯބިން މަޙުރޫމްވެފައެވެ. ޝާޔަންގެ މަންމަ ވަނީ ހުރި ހަމަ އެކަނި ދަރިފުޅު އެކަހަލަ ގޮތަކަށް މަރުވެ ދިއުމުން އެކަމުގެ ހިތާމައިގައި މިދުނިޔެއާ ވަކިވެފައެވެ. ރާއިދުގެ މަންމައާއި ބައްޕަ އަދި ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮއާ އަނގައިން ނުބުނާތާވެސް ފަނަރަ އަހަރުވީއެވެ. ރާއިދު ޤަބޫލުކުރާ ގޮތުގައި ޝާޔަން އަމިއްލައަށް ހަށިގަނޑުގައި ރޯކޮށްލީ ގޭތެރެއިން ލިބެމުންދިޔަ އަނިޔާތަކާއި އިވެމުންދިޔަ އިހާނެތި ބަސްތަކަށް ކެތްކުރަން އުނދަގޫވެގެންނެވެ. އޭނާ އެ މަރުގެ ޒިންމާ އަޅުވަނީ މަންމައާއި ބައްޕަ އަދި ކޮއްކޮގެ ބޮލުގައެވެ.

އެރޭ ރާއިދުއަށް އެއްވެސް ވަރަކަށް ނުނިދެއެވެ. އެތައް ސުވާލުތަކެއް އޭނާގެ ބޮލު ތެރޭގައި ދިޔައީ އެނބުރެމުންނެވެ. ބިލާލް އެބުނަނީ ތެދެއްކަމުގައިވާނަމަ ޝާޔަން ދުނިޔޭގައި ހުރިކަމަށްޓަކައި އޭނާ ވާންވީ އުފާ ހެއްޔެވެ؟ ނުވަތަ އޮޅުވާލާފައި ޝާޔަން އެގޮތަށް ދިއުމުން ވާންވީ ދެރަ ހެއްޔެވެ؟ އަދި ބައްދަލުވުމުން ކުރާނީ ކޮން ސުވާލުތަކެއް ހެއްޔެވެ؟ ޒާންއާއި އޭނާ ފެނުމުން ޝާޔަން އުފާވާނެހެއްޔެވެ؟

ޖެހިގެން އައި ދުވަހު ނުވައެއް ޖެހި އިރު ރާއިދުމެން ތިބީ ބިލާލް މަސައްކަތްކުރާ ސްޓޭޝަންގެ ދޮރުމަތީގައެވެ. އެތެރެއަށް ވަނުމުގެ ކުރިން ރާއިދު ބިލާލްގެ ނަންބަރަށް ގުޅާލިއެވެ. އޭރު އޭނާގެ އަތް ތުރުތުރު އަޅައެވެ. އަތް ފައި ހުރީ ފިނިވެފައެވެ.

"ތިޔަ ދުރުވީ ދެއްތޮ؟ ރިސެޕްޝަންއަށް ދުރުވެ އަޅުގަނޑުގެ ރޫމް ދައްކާލުމަށް އެދިލައްވާ." ފޯނު ނަގާފައި ބިލާލް ބުންޏެވެ.

ބިލާލް ބުނި ފަދައިން ރާއިދު ކަންތައްކުރިއެވެ. ބިލާލްގެ ކޮޓަރިއަށް ދިޔައީ ރާއިދު އެކަންޏެވެ. ޒާންއާއި މުހައިމިނު މަޑުކުރީ ރިސެޕްޝަންގައި ހުރި ގޮނޑިބަރީގައެވެ.

ރާއިދު ގޮސް މަޑުމަޑުން ޓަކި ޖަހާލުމަށްފަހު ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު އެތެރޭގައި އިތުރު ބަޔަކު ތިބިކަމެއް ނޭނގެއެވެ. ދޮރު ހުޅުވާލުމުން އެންމެ ފުރަތަމަ ފެނުނީ ބިލާލްއެވެ. އޭނާ އިނީ މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައި ދޮރާ ކުރިމަތިވާގޮތަށެވެ. ދޮރާ ފުރަގަސްވާގޮތަށް، މޭޒުގެ ކުރިމަތީގައި ހުރި ދެ ގޮނޑީގައި ތިބި އަންހެނަކާއި ފިރިހެނެއް ރާއިދުއަށް ފެނުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ.

"ރާއިދު! އެތެރެއަށް ދުރުވޭ." ރާއިދު ފެނުމާއެކު ހިނިތުންވެލާފައި ބިލާލް ބުންޏެވެ. އެވަގުތު އެތާ އިން އަންހެން މީހާ ތެޅިގަނެފައި ކުއްލިއަކަށް ފަހަތަށް އެނބުރި ބަލާލިއެވެ. ހީވީ ގައިގައި އެއްޗެއް ކަށިޖެހި ހެންނެވެ. އަންހެން މީހާ އެނބުރުނު ވަގުތު ރާއިދާއި އެ މީހާގެ ހަތަރު ކަޅި ބައްދަލުވިއެވެ. އޭރު އަންހެން މީހާގެ ލޮލުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ރާއިދުވެސް ހުރީ ކުރިއަށް ފިޔަވަޅު އަޅަން ނޭނގިފައެވެ. އެއީ ހަމަ އެ ދެލޮލެވެ. އެ މައުސޫމު މޫނެވެ. އަދި އެ ރީތި ތުންފަތެވެ. ދުވަސްވުމުން ކުޑަކޮށް ހަރު ވައްތަރު ޖަހާ، މޫނުގައި ކުޑަކޮށް މަސްޖަހާލާފައި ހުރި ނަމަވެސް އެ މޫނު ރާއިދަކަށް ނޯޅޭނެއެވެ. އާނއެކެވެ! އެއީ އޭނާ އެންމެ ލޯބިވި އަންހެންކުއްޖާއެވެ. އޭނާގެ ޝާޔަންއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ikaan

    Varah salhi ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ