ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ޚިޔާލުފާޅު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ޚިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި، ބައެއް މީހުން މާސްކްވެސް ނާޅާ އެއްވުންތައް ކުރިއަށް ގެންދާކަން ފާހަގަ ކުރެވިފައިވާކަމަށާއި، އަދި މިވަގުތަކީ ކޮވިޑް 19 އަށް ދިވެހިރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް އެސަރވިސްއިން އިލްތިމާސްކުރާކަމަށެވެ.
އަދި ޤާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށާއި، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން މިހެން ވިދާޅުވެފައިވާއިރު، “އެންމެން އެއް އަޑަކުން” ނަމުގައި މިދިޔަ މިނިވަން ދުވަހުގެރޭ މާލޭގައި ސިލްސިލާކޮށް ފެށި މުޒާހަރާ މިރޭވެސް ކުރިއަށް ގެންދިއުމަށް އިދިކޮޅުންވަނީ ނިންމާފައެވެ.
ކުރީ ރެއެކޭ އެއްފަދައިން މިރޭގެ މުޒާހަރާވެސް ފެށުމަށް ހަމަޖެހިފައިވަނީ ޗާންދަނީ ޖަންކުޝަންއިންނެވެ. އަދި މުޒާހަރާ ފެށޭ ގަޑިއަކީ 20:15 ކަމަށް މައުލޫމާތު ލިބެއެވެ.




