ފުލުހުން ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ބަލާނަން: ސީޕީ

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގައި ފުލުހުން ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ބަލާނަނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވިދާޅު ވެއްޖެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިރޭ ވަނީ “މިނިވަން އިހުތިޖާޖު”ގެ ނަމުގައި ބާއްވާ މުޒާހަރާގެ ދެވަނަ މުޒާހަރާ ބާއްވާފައެވެއެވެ. ފުރަތަމަ މުޒާހަރާ ބާއްވައިފައިވަނީ، މިނިވަންދުވަހުގެ ރެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގައި ފުލުހުން ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ބަލާނަނެކަމަށް ބުނެ ސީޕީ ހަމީދު މިރޭ ކުރެއްވި ޓްވީޓގައި ވިދާޅުވެފައިވަނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިކަމަށެވެ. އަދި މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސަރވިސް އިން ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބާއްވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މިވަގުތުު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަނީ ޕެޕަރސުޕްރޭ ޖަހައިފައެވެ. ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރސުޕްރޭ ޖަހައިފައިވަނީ، މަޖީދީ މަގާ ސޯސަން މަގާ ގުޅޭ ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީންދެ އަޑު އުފުލަން ތިއްބައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މުޒާހަރާގައި މާގިނަ އަދަދަކަށް ނޫނަސް އާމުން ބައިވެރިވެރި ވެފައިވެއެވެ. އަދި ސަލާމަތީ ކަންކަން ބަލަހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް ސައީދުވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ