ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނި ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތްއާއި ލޯބީގެ ގުޅުމެއް އޮތް ރީއާ ޗަކްރަބޯތީ ގެއްލިގެން އުޅޭ ކަމުގެ ޙަބަރުތަކެއް އިންޑިއާގެ ނޫސްތަކުގައި ފެތުރިއްޖެއެވެ.
ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން ރިއާ އާއި ދެކޮޅަށް ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް މީގެ ކުރިން ވަނީ ސީރިޔަސް ތުހުމަތުތަކެއްކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިއާ ގެއްލިގެން ހޯދުމުގެ މަސައްކަތް ބިހާރުގެ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މުމްބާއީގައި ދިިރިއުޅެމުން އައި ގޭގައި އޭނާ މިހާރު ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއާ އާއި ދެކޮޅަށް ސުޝާންތުގެ އާއިލާއިން ތުހުމަތުކޮށްފައިވަނީ، ސުޝާންތު އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމުންނާއި އަދި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. އަދި ރިއާގެ އިތުރުން، ރިއާގެ އާއިލާ މީހުންނަށްވެސް މި ތުހުމަތުތައް ކޮށްފައިވެއެވެ.
ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާއި ދެކޮޅަށްވެސް ތުހުމަތުތަކެއް ކުރެވި ފުލުހަށް ހާޒިރުކުރެވިފައިވެއެވެ. މީގެ ތެރޭގަިއ ސަލްމާން ޙާން، ކަރަން ޖޯހަރު އަދި ސަންޖޭ ލީލާ ބަންސާލީ ހިމެނެއެވެ.
އުމުރުން 34 އަހަރުގެ ސުޝާންތު މަރުވިއިރު، އޭނާ އައީ ޑިޕްރެޝަނަށް ބޭސްކަމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހާތަނަށް ކުރި ތަހުޤީގުން ހާމަވަނީ، ސުޝާންތުގެ މަރުގެ ފަހަތުގައި އެއްވެސް މީހެއްގެ އަތެއް ނުވާކަމަށެވެ. އެގޮތުން މި މަރާއި ގުޅިގެން ހެދި ޕޯސްޓްމޯޓަމް ރިޕޯޓުން، އޭނާ މަރުވެފައި ވަނީ ނޭވާ ހޮޅިއަށް ބާރުވެ ހަށިގަނޑަށް އޮކްސިޖެން ނުލިބިގެން ކަން ކަށަވަރުވެފައިވެއެވެ.
ސުޝާންތުގެ މަރާއެކު މުޅިު ބޮލީވުޑްއަށް ހިތާމަވެރިކަން އައިސްފައިވާއިރު، އޭނަގެ ފޭނުންނަށްވެސް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އަދި ސުޝާންތު މަރުވުމުގެ ކުރިން ކުޅެފައިވާ އެންމެ ފަހުގެ ފިލްމް "ދިލް ބޭޗާރާ" ދާދިފަހަކުން ޑިޖިޓަލްކޮށް ރިލީޒްކުރުމާއެކު، މި ފިލްމަށް ވަނީ ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއްވެސް ލިބިފައެވެ.



