"ކޮންކަމަކާ ތިޔަ ފިކުރުކުރަނީ؟" ޝިޔާނާ ސުވާލުކޮށްލިއެވެ. އޭރު އިދުރީސް އޮތީ ނިތްކުރިމަތީގައި އަތް ބާއްވައިލައިގެން ސީލިންގްއާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
"މި ވިސްނަނީ އުނައިސްއާ މެދުއެއްނު. އެއްގޮތަކަށްވެސް ގޮތް ދޫކުރާކަށް ނޫޅުނު. ހަމަ އަހަރެންގެ ބޯހަރުކަން އެދެކުދިންނަށް ލިބިފަ އެތިބީ." ފުން ނޭވާއެއް ބޭރުކޮށްލަމުން އިދުރީސް ޖަވާބު ދިނެވެ. ޝިޔާނާވެސް މޫނު ފޮހެން ގެންގުޅުނު ތުވާލި ހަރުގައި އަޅުވާފައި އައިސް އިދުރީސްގެ އަނެއް ފަރާތުގައި އޮށޯތެވެ.
"އާނ. ހަމަ ހިލާ އެއްބަހެއްނުވި އެކުދިން ދާކަށް. މިހާރު ދެ އަހަރުވީ ލޮލަށް ނުފެންނަތާ. އަނަސްވެސް އެހުންނަނީ ގޮތް ދޫނުކުރަންވެގެން. އެކަމަކު ބުނި މިފަހަރު އުނައިސް އެއްބަސް ނުވިޔަސް ދާނަމޭ. އެވަރުވެސް އެވީ ޒާރާ ކުރު ނުކުރީމަ. އެހެންނޫންނަމަ ހަމަ ހިލާ ނުދިޔައީސް." ޝިޔާނާ ބުންޏެވެ.
އަނަސްއާއި އުނައިސްއަކީ ޝިޔާނާ އަދި އިދުރީސްއަށް ލިބުނު އެއްމާބަނޑު ދެކުދިންނެވެ. އެދެމަފިރިންނަށް އިތުރު ކުއްޖަކު ނުލިބެއެވެ. އިދުރީސްއަކީ މާލެއަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔެކެވެ. އޭނާގެ ތިން ފިހާރަ މާލޭގައި ހުރެއެވެ. ޝިޔާނާއަކީ ނޫނު އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ޝިޔާނާއާ ބައްދަލުވީ އެއްފަހަރެއްގެ ޢީދެއްގައި އިދުރީސް ރަޙުމަތްތެރިންތަކަކާއެކު ޝިޔާނާގެ ރަށަށް ގޮސް އުޅުނު ދަތުރެއްގައެވެ. އެ ދަތުރުގައި ދެމީހުންގެ ގުޅުން ބަދަހިވެ އެންމެ ފަހުން ކައިވެންޏަކާ ހަމައަށް ދިޔައެވެ. އޭގެ ފަހުން ދެމީހުން އެދަނީ އުފާވެރި ދިރުއުޅުމެއް ވޭތުކުރަމުންނެވެ. މިހާރު ދެ ފަރާތުގެވެސް މައިންބަފައިން ދުނިޔެއަކު ނެތެވެ.
ފުރަތަމަ ދުނިޔެއަށް ނޭވާލީ އަނަސްއެވެ. ދެކުދިންގެ ދެމެދުގައި ހޭދަވީ ތިން މިނެޓެވެ. މޫނުމަތިން ކިތަންމެ އެއްވައްތަރު ނަމަވެސް ދެކުދިންގެ މިޒާޖުގައި ދުވާލާއި ރޭގަނޑުހާ ތަފާތު ހުރެއެވެ. ކުޑައިރު ދެކުދިން އެއްކޮށް ކުޅެން އުޅުނު ނަމަވެސް ފުރާވަރަށް އެޅި، ތަންދޮރު އޮޅުންފިލަންފެށި ފަހުން މަންޒަރު ބަދަލުވާން ފެށިއެވެ. އަނަސްއަކީ މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. މަންމައާއި ބައްޕަ ބުނާ ކޮންމެ ކަމެއް އޭނާ ކުރެއެވެ. އެއީ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ނަމަވެސް އުނައިސް އޭގެ އިދިކޮޅެވެ. ބަސް މަދުވެފައި އަންނަ ސިނގު ރުޅީގައި ހިތަށް އަންނަ ކޮންމެ އެއްޗެއްވެސް މީހުންނާ ދިމާއަށް ބުނާކަށް ފަހަކަށް ނުޖެހެއެވެ. އޭނާގެ ރައްޓެހިންވެސް އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. ގިނައިން ބޭނުންވަނީވެސް އެކަނި އުޅޭށެވެ. ވެގެންވަންޏާ އޭނާ މީހުންގެ ތެރެއަށް ނުކުމެވެސް ނޫޅޭނެއެވެ.
މިހާރު އެ ދެކުދިންގެ އުމުރުން ސައްވީސް އަހަރެވެ. ރާއްޖެއިން ބޭރުން ބިޒްނަސްގެ ދާއިރާއިން މާސްޓާރސްއާ ހަމައަށް ކިޔަވައިގެން އައުމަށްފަހު އިދުރީސް ބޭނުންވީ ދެކުދިންވެސް ވިޔަފާރީގައި އޭނާއަށް އެހީތެރިވެދޭށެވެ. ނަމަވެސް އުނައިސް އެކަމުގެ ތެރެއަށް ވަންނާކަށް އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. ކިޔަވަން ހުރި އިރު ފޮޓޯގްރަފީގެ ދާއިރާއިން އޭނާ ވަނީ ކޮންމެވެސްވަރަކަށް ކިޔަވާފައެވެ. އެއީ އުނައިސް އެންމެ ގަޔާވާ މަސައްކަތެވެ. ނަމަވެސް އިދުރީސް ޤަބޫލުކުރާގޮތުގައި އެދާއިރާއިން ރާއްޖޭގައި ރަނގަޅު އާމްދަނީއެއް އަދި ކުރިއެރުމެއްވެސް ނުލިބޭނެއެވެ. އެހެންކަމުން އެކަމުގައި އިދުރީސްގެ އެއްވެސް އެއްބާރުލުމެއް ނުދޭނެކަން ސާފު ބަހުން އެންގިއެވެ. މައްސަލަ ފެށުނީ އެހިސާބުންނެވެ. އުނައިސްވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން އެކަމުގެ ތެރެއަށް އަނަސް ވަދެ އެ ދެކުދިންގެ މެދުގައިވެސް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެދުވަހަށްފަހު އުނައިސް އެގޭގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޝިޔާނާ ކައިރީ އެދިގެން ޝިޔާނާގެ ރަށަށް އޭނާ ދިޔައެވެ. އިދުރީސްވަނީ ޝިޔާނާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބިފައިވާ ގޯތި ރަނގަޅު ފެންވަރަކަށް ހަދައިދީފައެވެ. ކުދިން ކުޑައިރު ޢާއިލާ އެއްކޮށް ވަރަށް ގިނައިން ޗުއްޓީތަކުގައި އެރަށަށް ގޮސް ހަދައެވެ. ފަހުންފަހުން ނުދެވުނު ނަމަވެސް ގޭތެރެ ސާފުކޮށް ބެލެހެއްޓުމަށްޓަކައި ރަށު މީހަކު މުސާރަ ދީފައި އެގޭގައި ބަހައްޓާފައި ހުރެއެވެ.
"އަދިވެސް އެއްފަހަރު ޒާރާ ވިސްނާލާ. އުނައިސް އަދިވެސް އެއްބަހެއް ނުވޭ. އަހަރެން އެހާ ބޭނުމެއް ނޫން އެރަށަށް ދާކަށް." އަނަސް ވާހަކަދެއްކީ އޭނާގެ އަންހެނުން ޒާރާއާއެވެ. އޭރު ޒާރާ އިނީ ދޮވެފައި ހުރި އެއްޗެހިތަކެއް ފަތް ޖަހާށެވެ. އެދެމީހުންގެ ކައިވެންޏަށް އަދި ވީ އެންމެ ހަ މަހެވެ. މިފަހަރު ބޮޑު ޢީދުގައި ޒާރާ ބޭނުންވަނީ އަނަސްގެ މަންމަގެ ރަށަށް ދާށެވެ. ޒާރާއަކީވެސް މާލޭ ކުއްޖެކެވެ.
"އަނަސްއަށް އެނގޭނެ އަހަރެން އުޅެ ބޮޑުވީ މާލޭގަކަން. ޗުއްޓީތަކުގަ މަންމަމެންވެސް އަބަދު ދަނީ ރާއްޖެއިން ބޭރަށް ނޫނީ ރިސޯޓްތަކަށް. އެހެންވެ އަހަރެން ވަރަށް ބޭނުން ޢީދުގަ ރަށްރަށުގަ ކުރާ ކަންތައްތައް ބަލާލަން. ޓީވީއިން ވަރަށް ފެނޭ ކޯޑިނެގުމާ ބަނޑިޔާ ޖެހުމާ އެކި ކަހަލަ ސަޤާފީ ކުޅިވަރުތައް ކުޅޭ ތަން. އަހަރެން އެކަންކަން ހަމަ ލޮލުން ވަރަށް ބަލާލާހިތްވޭ." ތުންކޮޅު އޫ ކޮށްލަމުން ކުޑަކުއްޖަކު ބޮޑާހާކާހެން ޒާރާ ބުންޏެވެ.
"ދެން ދާނީ ދޯ. މަންމަ އުނައިސްއާ ވާހަކަދެއްކި. އެކަމަކު އަހަރެމެން ދާކަށް އޭނާ އެއްބަހެއް ނުވި. މަންމަމެންވެސް އޭނަ ދިޔަ ފަހުން ނުފެންނާތީ ދެރަވެގެން ދެފަހަރަކު ދާން އުޅެފި. އެކަމަކު ހަމަ އެއްބަހެއް ނުވި. އަހަރެމެންގެ ކައިވެންޏަށްވެސް ނަޔެއްނު. އޭނަ ރުޅި އައިއްސިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އެހެންވެ މަންމަމެންވެސް ނުގޮސް އެތިބެނީ. އޭނަ އެހުންނަނީ އަހަރެންނާ އަނގައިން ނުބުނާތަނުގަ ބައްޕައާވެސް ވާހަކަ ނުދައްކަން ނިންމައިގެން. ގުޅިޔަސް ފޯނުވެސް ނުނަގާ. ދެން އެކަމަކު މިހާރު އެ ރުޅިގަނޑު މައިތިރިވާހާ ދުވަސްވެސް ވެއްޖެ. ދެ އަހަރު ވީ ވިއްޔަ." ފޫހިކަން އެކުލެވިފައިވާ ރާގަކަށް އަނަސް ވާހަކަދެއްކިއެވެ.
ޢީދުގައި ޝިޔާނާގެ ރަށަށް ދާން ނިންމީ އަނަސް، ޒާރާ އަދި ޒާރާގެ ކޮއްކޮ މީރާއެވެ. ޒާރާއަށް ތޭވީސް އަހަރެވެ. އަދި މީރާއަށް ބާވީސް އަހަރެވެ. ޒާރާގެ ބައްޕަ ޔާސިރާއި އިދުރީސްއަކީ ވަރަށް ކުރިއްސުރެ ގާތް ދެއެކުވެރިންނެވެ. އަނަސްއާއި ޒާރާގެ ގުޅުން ފެށުނީ މައިންބަފައިންގެ ރަޙްމަތްތެރިކަމުގައި ދެބައިމީހުން އެއްގެއިން އަނެއްގެއަށް ޒިޔާރަތްކޮށް އުޅުމުގެ ތެރޭގައެވެ. ކުޑައިރުގެ ރަޙްމަތްތެރިކަން ލޯތްބަށް ބަދަލުވެ އެންމެފަހުން ކައިވެންޏަކާ ހަމައަށް ދިޔައީ ދެފަރާތުގެ ޢާއިލާގެވެސް ރުހުމާއެކުގައެވެ. މީރާ އަދި މީހަކާ ނީނދެއެވެ. އެއީވެސް ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި އުޅޭ ހަރުދަނާ ކުއްޖެކެވެ.
އަނަސްމެން ރަށަށް ދާން ފުރީ ޙައްޖު ދުވަހުގެ ކުރީ ދުވަހުއެވެ. އެމީހުން ފުރުމާއެކު ޝިޔާނާ އުނައިސްއަށް ގުޅާފައި އެކަން އެންގިއެވެ. އެކަމާ އޭނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ޝިޔާނާ ވަރަށް އާދޭސްކުރުމުން އެންމެ ފަހުން އެމީހުން ބަލާ ދާނެކަމަށް އެއްބަސްވިއެވެ.
ލޯންޗު ރަށުގެ ފާލަމާ ކައިރިކުރިއިރު އުނައިސްއާއި އިތުރު މީހަކު ފާލަން ކައިރީގައި ތިއްބެވެ. އަނަސްއަށް އޭނާގެ ކޮއްކޮ އެންމެ ފަހުން ފެނުނުއިރާ މިހާރާ ހުރި ތަފާތު ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ކުރިއްސުރެ އުނައިސްއަކީ ކަސްރަތުކޮށް ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ކުއްޖެކެވެ. މިހާރު އޭނާ ހީވަނީ ބޮޑީ ބިލްޑް ކުރާ މީހެއް ހެންނެވެ. ހަށިގަނޑުގެ އެކި ހިސާބުގައި މަސްތައް އެތުރިފައި ހުރި ގޮތުން ފެންނަ ކޮންމެ މީހަކަށްވެސް އޭނާ ހަށިގަނޑަށް ސަމާލުކަން ދޭވަރު އެނގޭނެއެވެ.
"ދޮންތަބެގެ ކޮއްކޮ ހާދަ ހޮޓްއޭ ދޯ. ގައިމު ދޮންތަ ބުނި އޭނައާ ދޮންތަބެއާ ވަރަށް ވައްތަރުވާނެއޭ. އެކަމަކު ހަށިގަނޑުވެސް ހާދަ ތަފާތޭ." މީރާ ސިއްރު ސިއްރުން ޒާރާގެ ކަންފަތްދޮށުގައި ބުންޏެވެ. އެވަގުތު ޒާރާ ދެލޯ ބޮޑުކޮށްލާފައި ކޮއްކޮގެ ކޮނޑުގައި މަޑުމަޑުން ޖެހިއެވެ.
"އޭނާއަށް އަޑު އިވިދާނެ. އެއީ ވަރަށް ރުޅި ގަދަ މީހެއް. ރުޅި އައިއްސިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ތިޔަ އަނގަ މަޑުންލައިގެން ހުންނާތި!" އިންޒާރެއްދޭފަދަ ރާގެއްގައި ޒާރާ ބުނެލިއެވެ. އެވަގުތު މީރާ ފާޑަކަށް ހީގަތެވެ.
އުނައިސްއާއެކު އައިސް ހުރި މީހާ ލޯންޗުން ބޭލި ދަބަސްތައް ގާޑިޔަލަކަށް އަރުވައިގެން ހިނގައިގެތެވެ. އެމީހާގެ ފަހަތުން އުނައިސްއާއި އަނަސްވެސް ހިނގައިގަތެވެ. ދެމީހުން އެއްވަރަކަށް ހިނގަމުން ދިޔަ ނަމަވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ދެއަންހެންކުދިން ތިބީ އެމީހުންނަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. ޒާރާ ދިޔައީ ފެންނަމުން ދިޔަ އެކި ތަންތަން ފޮޓޯ ނަގާ ފޯނުގައި ރައްކާކުރަމުންނެވެ. ރަށު ތެރެ އޮތީ ޢީދަށްޓަކައި ތައްޔާރުކުރަން ފަށާފައެވެ. ނަމަވެސް މީރާއަށް އުނައިސް ނޫން މީހަކާ ދިމާއަށް ނުބެލެއެވެ. އެހެންވާނެ ނޫންހެއްޔެވެ. އޭނާގެ އިސްކޮޅާއި ރޫފަ އެއްވަރެވެ. އަތުގެ އުޅަނބޮށްޓާއި ކުޑަހުޅާ ދެމެދުގައި ހުރި ނާރުތައް ހުރީ ފުއްޕާފައެވެ. އެހާމެ ފިރިހެންވަންތަ ހިނގުމެކެވެ. ބޮލުގެ އިސްތަށިގަނޑު ފަނެވެ. ލޮލުގައި އަޅާފައިވާ އަވި އައިނުން ލޯ ފޮރުވިފައި ވީ ނަމަވެސް އެ ދެލޯވެސް ވަރަށް ރީތިވާނެކަމުގައި މީރާގެ ހިތް ބުނަމުން ދިޔައެވެ.
"އައްދިއްޔޯތް!" ރަނގަޅަށް ނުބަލާ ހިނގަމުން ދަނިކޮށް ބިންމަތީގައި އޮތް ގައުގަނޑަކަށް ފައިން އެރިފައި މީރާގެ ފައި ފުރޮޅާލިއެވެ. އެވަގުތު ކުރީގައި ތިބި ދެ ފިރިހެނުންވެސް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލާލިއެވެ.
(ނުނިމޭ)




