ބޯކޮށް ވާރޭ ވެހި ހދ. ކުޅުދުއްފުށި ސިޓީގައިި ފެން ބޮޑު ވެއްޖެ އެވެ.
މިވަގުތު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މަގުތަކުގައި ފެންބޮޑު އެ ރަށުގެ ގޭގެއަށް ފެންވަންނަމުންދާތީވެ ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް ވިދާޅުވީ، އެރަށު ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަމުންދާތީވެ، އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކަމުގައެވެ.
ކުޅުދުއްފުށި ސިޓީގައިި ފެން ބޮޑުވެ 5 ގެއަކަށް ވަނީ ފެން ވަދެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މޫސުން ގޯސްވުމާއެކު ރާއްޖޭގެ އުތުރަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓް ނެރި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އުތުރަށްވެސް އެލާޓް ނެރެމުންދާއިރު، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅުގެ ދެމެދުގެ ސަރަހައްދުގެ ރަށްތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރިފައެވެ.



