ދެން ސަރުކާރާއި ހަވާލުވާނީ ޕީޕީއެމް، ޕީއެންސީ އިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ދެންމެ މީޑިއާތަކަށް ދެއްވި އިންޓަރވިއު އެއްގައި އަދުރޭ ވިދާޅުވީ އަބަދު އެގޮތަށް ތިބެވޭނެކަމަށް ވިސްނާވަޑައި ނުގަންނަވާތި ކަމަށާއި ދެން ސަރުކާރާއި ހަވާލުވާނީ ޕީޕީއެމް، ޕީއެންސީން ކަމަށެވެ.
ޕީޕީއެމް، ޕީއެންސީ އިން ވެރިކަމާއި ހަވާލުވެ، ރައްޔިތުންނަށް އޯގާތެރިކަމާއިއެކު ވެރިކަން ކޮށްދެވޭތޯ ބަލާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރަކީ އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރައްވަަން ވަރަށް ޖެހިލުންވާ ސަރުކާރެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރުމުގެ ގާބިލުކަން ރައީސް ޞޯލިޙުގެ ނެތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ޤާނޫނީ ވަކީލުންނަށް ބައްދަލު ނުކުރޭވޭތީ ކަމަށް ވިދާޅުވެ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނަމަވެސް ބައްދަލުވެފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު އާއި ބައްދަލުވެފައި ނުވާކަމަށާއި ސީޕީ އާއި ބައްދަލުނުވުމުން ހޯމް މިނިސްޓަރ އިމްރާން އާއި ބައްދަލު ކުރެއްވުމަށް ވެލާނާ ބިލްޑިންގ އަށް ވަޑައިގެންނެވި ކަމަށްވެސް ޕީޕީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އާއި ބައްދަލު ކުރެއްވުމަށް މާދަމާ 13:00 އަށް ވަގުތު ދެއްވާފައިވާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.