ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރަން އެދުނު ވާހަކައަކީ ދޮގެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއިން ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެބަޔާނުގައިވަނީ ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް "ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން" މިކޯލިޝަންގެ ފަރާތުން މިނިސްޓަރ އޮފް ހޯމްއެފެއަރޒް އާއި ބައްދަލުކުރިކަމަށް ބުނެ ދޮގު ޓްވީޓެއް ހޯމް މިނިސްޓްރީން ދޮގު ޓްވީޓެއް ކުރައްވާ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި މިފަދަ ދޮގު ޚަބަރުތައް ފަތުރައިގެން ރައްޔިތުންނަށް ކަންކަން އޮޅުވުވާލުމަށް ކުރަމުން ގެންދާ ހޯމް މިނިސްޓަރ އަށް ގޮވާލަކަމަށާއި، ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކަވައިގެން ދިގު ދެންމުމުގެ ބަދަލުގައި ހައިކޯޓު ފަނޑިޔާރުން ޢަމުރުކުރައްވާފައިވާ ގޮތަށާއި އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިންވެސް ކަށަވަރުކޮށްދޭ ޙައްޤަކަށްވާތީ، ރައީސް ޔާމީނައި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމުތައް މިހާރުން މިހާރަށް
ހަމަޖައްސަވައިދެއްވުމަށްވެސް ގޮވާލާކަމަށް އިދިކޮޅުގެ މިބަޔާނުގައި ވެއެވެ.
އަދި އެކަން ހަމަޖައްސަވައިދެއްވުން އެދި މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ އަރިހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން އެދިފައިވާނެކަމަށާއި އެގޮތަށް އެދިފައިވަނީ، މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައި މިކޯލިޝަންގެ ލީޑަރޝިޕާއެކު، ހޯމް މިނިސްޓަރ ބޭއްވެވި ބައްދަލުވުމުގައިކަމަށްވެސް މިބަޔާނުގައި ވެއެވެ.
އަދި އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ އެކަން އެމަނިކުފާނަށް ހުށަހަޅުއްވަންޖެހިވަޑައިގަތީ، ހައިކޯޓުގެ ފަނޑިޔާރުން އެކަމަށް ޢަމުރުކުރެއްވިފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަދި ރައީސް ޔާމީންގެ ލޯޔަރުން އެކަން ހަމަޖައްސަވައިދެއްވުމަށް ކަރެކްޝަންސްގައި އެތައް ފަހަރެއްގެ މަތިން އެދެމުންދާއިރުވެސް، ކަރެކްޝަންސްއިން އެކަން ހަމަޖައްސަވައި ނުދެއްވާ ދިގު ދަންމަމުން ގެނދާތީއާއި، އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ބައްދަލުކުރުމަށް ލީޑަރޝިޕުން ކުރި މަސައްކަތް ނާކާމިޔާބު ވުމުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތަކަކުން އެމަނިކުފާނު މަޙްރޫމުކޮށް، އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށްވެސް އިދިކޮޅުގެ މިބަޔާނުގައި އެދިފައިވެއެވެ.




