ސަރުކާރުން ވީ ވަޢުދުތައް ނުފުއްދި، ސަރުކާރު ފެއިލްވެފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިސްތިޢުފާ ދެއްވުމަށް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޑީއާރުޕީއިން ވިދާޅުވެފައިވަނީ މި ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތައް ނުފުއްދި، ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން ބިކަވެ، ސަރުކާރު ފެއިލްވެފައިވާތީ ރައީސް އިސްތިޢުފާ ދެއްވައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ކަމަށެވެ.
އެގޮތުން އެޕާތީގެ ލީޑަރ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަށް ފޮނުވާފައިވާ ސިޓިއެއްގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމް ރައްޔިތުން ހަވާލުކުރެއްވީ ނުހަނު އުންމީދުތަކައި ހުވަފެންތައް ހާޞިލް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވައި އެތައް ވަޢުދުތަކެއް ވެވަޑައިގެންނެވެމުންކަމަށެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ ނަމަވެސް މިއަދު ފެނިގެންދަނީ އެ ވަޢުދުތަކާއި ޚިލާފަށް ސަރުކާރުން އަމަލު ކުރަމުންދާ މަންޒަރު ކަމަށެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ރައީސް ކަންތައް ކުރައްވަމުން ގެންދަވަނީ ކިހިނެތްތޯ ސުވާލު ކުރައްވައި ޖާބިރު ވިދާޅުވެފައި ވަނީ އެތައް ސަތޭކަ ދިވެހިންގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތުގައި މުޅި އުމުރު ހޭދަކުރެއްވި ރައްޔިތުން ބިކަވެފައިވާކަމަށެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންނަށް ހަމައަގުގައި ވިޔަފާރި ނުކުރެވި، ކުދި އަދި މެދުފަންތިއާއި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ފަރާތްތަކަށް ދުވަހު ކޮއްތު ނުލިބި، މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން ދަރަނިވެރިވެފައިވާއިރު ސަރުކާރުގެ ވަޒީރުންގެ އަމަލުފުޅުތައް ހުންނަވަނީ ކިހިނެއްތޯވެސް ޖާބިރު ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުުރުން މުވައްޒަފުންގެ އަބުރާ އިއްޒަތް ނަގާލައި އަންހެން ދަރިންގެ ޙައްޤުތަކަށް އަރައިގަނެ، ރާއްޖޭގެ ރައުސުލްމާލުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް، ރައްޔިތުން ބިކަވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އަދާކުރައްވަންތޯ ޖާބިރު ސުވާލު ކުރައްވާފައިވެއެވެ.
މި ސިޓީގައި ވިދާލުވެފައި ވަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ޤައުމުގެ އެންމެ އިސް މަޤާމުގައި ހުންނެވުމަށް ނުކުޅެދިފައިވާ ކަމަށާއި މި ސަރުކާރު ފެއިލް ވެއްޖެކަމަށެވެ.
ޖާބިރުގެ ސިޓީ ނިންމާލަމުން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ލިބިފައިވާ މި ގެއްކުންތަކާއި ހިތާމަތަކުން ސަލާމަތް ވުމަށްޓަކައި އެޕާޓީއިން ރައްރިތުންނާއެކީ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް މިނިވަން ކުރުމަށްޓަކައި ޕްރޮގްރެސިވް ކޯލިޝަނާއިވެސް އެކީގައި ރައީސް ޞާލިޙް މަޤާމުން އިސްތިޢުފާ ދެއްވައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޓަކައި ވަގުތުން ވަގުތަށް އިޙުތިޖާޖު ކުރަން ނިކުތުމަށް ތައްޔާރުގައި ތިބިކަމަށެވެ.



