ސިނަމާލެ ބުރިޖު - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންނަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތް: މީޑިއާ ކައުންސިލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސްފައިވީނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއްނެތްކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްއިން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސް ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް އާންމު ވެހިކަލް ނުދުއްވޭނެކަމަށް ނިންމާ އިޢުލާން ކޮށްފައިވީނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއްނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އާއި މަޝްވަރާކޮށް އެކައުންސިލުން ހޯދާފައިވާކަމަށެވެ.

އަދި ނޫސްވެރިކަމުގެ ޒިއްމާތައް އަދާ ކުރަމުންދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، ކޮންމެ ނޫސްވެރިޔަކުވެސް އެމީހެއްގެ ޒާތީ ކަންކަން ކުރުމަށް ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ހޭދަ ކުރަންޖެހޭނީ އާއްމު ފަރުދުންނެކޭ އެއްގޮތަށް، ހެލްތު ޕޮރޮޓެކްޝަން އެޖެންސީއިން އާއްމުންނަށް އަންގަވާފައިވާ މިންގަނޑުގެ ތެރެއިންކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް އިޢުލާންކޮށްފައިވާ ގަޑިގައި ނޫސްވެރިންގެ ޒިއްމާ އަދާކުރުމުގައި އެއްވެސް ދަތިކަމެއް އުޅޭނަމަ މި ކައުންސިލުގެ މެންބަރު އަލްފާޟިލް އަޒްމީ އަލީ، ނަންބަރު: 9770541 އަށް ގުޅުމަށްވެސް މީޑިއާ ކައުންސިލުންވަނީ އެދިފައެވެ.

ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު: 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) އާއި (ރ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތުކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހަމަޖައްސާފައިވަނީ 2020 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ