އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.
ޖާބިރު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ މާފުށި ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޖުތިޖާޖާ ގުޅިގެން ޕޮލިހަށް ހާޒިރުވާން އެންގުމާއި ގުޅިގެން ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަށް ފޮނުވި އޯޑިއޯ މެސެޖެއްގައެވެ.
މި މެސެޖްގައި ޖާބިރު ވިދާޅުވީ ދޮގާއި މަކަރުން ހިންގަމުން ގެންދާ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާ އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރު ކުރުމުގެ މާނައެއް ނޯންނާނެ ކަމަށާއި މިސަރުކާރުން މިއޮތީ ފެއިލްވެފައި ކަން މިނިސްޓަރ އިމްރާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ކޯލިޝަން އިން މާފުށި ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޖުތިޖާޖަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދޯނީގެ ކެޕްޓަން ވެސް މިއަދު ޕޮލިހަށް ހާޒިރުވާ އަންގާފައިވެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާދަން މާފުއްޓަށް ދާނެ ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން މާދަމާގެ މެންދުރު 12:30 އަށް ހުޅުމާލޭ އެމް.ޓީ.ސީ.ސީ އެކްސްޕްރެސް ޖެޓީއަށް އައުމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.
އަދި މިއީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަނޑުމަތީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޙަރަކާތެއްކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.
މީގެކުރިން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންވެސްވަނީ މާފުއްޓަށް ގޮސްފައެވެ. ނަމަވެސް މާފުއްޓަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން 17 އޮގަސްޓް ގައި ދިޔަ ނަމަވެސް، އެރަށަށް ނޭރިގެން އަނބުރާ މާލެ އަންނަން ޖެހުނެވެ. ސަބަބަކީ މާފުށީ ޕޮލޮސް ސްޓޭޝަނުގެ ފަރާތުން ގުޅާއި ކައުންސިލުގެ ހުއްދަ ނެތި މާފުއްޓަށް އެރުމަށް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މަސްލަހަތަށްޓަކައި ހުއްދަ ހޯދައިގެން އައުމަށް އެދިފައިވާތީއެވެ.
.އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.



