ރައީސް ޔާމިން މިނިވަން ކުރަންް ޕީޕީއެމްގެ މުޅި ލަސްކަރު ތެދުވާނެ: ޑރ. ޖަމީލް

ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުއްޤައްޔޫމް މިނިވަން ކުރުމަށް ޕީޕީއެމްގެ މުޅި ލަސްކަރު ތެދުވާނެ ކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ކ. މާފުއްޓަށް ކުރާ ކަނޑުމަތީ އިޙްތިޖާޖްއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމް ނައްޓާލައިފައި ވަނިކޮށެވެ. މި އިޙްތިޖާޖްއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، މިއަދު މާފުށީ ކައިރީ ބޭއްވުމަށް ހަމަޖެހިފައިވާ އިޙްތިޖާޖެކެވެ. މި އިޙްތިޖާޖު އޮންނާނެކަން ޕީޕީއެމް އިން ރޭ ވަނީ އިޢުލާންކޮށްފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވެ، މަނީލޯންޑްރިންގެ ކުއް ސާބިތު ވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި، އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައެވެ. ރައީސް ޔާމިން އަށް ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ އެމަނިކުފާނު މިނިވަންކުރުމަށް މެދުކެނޑުމެއްނެތި ގޮވާލަމުންނެވެ. އަދި އެމަނިކުފާނަސް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވެ އިދިކޮޅުން އަންނަނީ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މީގެ އިތުރުން ރައީސް ޔާމިންއަށް ލިބެންވާ އަސާސީ ޙައްޤުތަކުން އެމަނިކުފާނު މަޙްރޫމް ކުރައްވާފައިވާކަމަށްވެސް އިދިކޮޅުން ވިދާޅުވެފައިވެއެވެ. އެގޮތުން ވަކީލުންނަށް ރައީސް ޔާމިންއާއި ބައްދަލު ކުރުމަށް ސަރުކާރުން ހުރަސް އަޅުއްވާކަމަށް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.

ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ނުކުރެވޭ ކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމިން އަށް ވަކީލުންނާއި ބައްދަލު ކުރެވޭނެ އަމުރެއް ނެރެފައެވެ. އަމުރު ނެރުމާއި ގުޅިގެން އިއްޔެ ވަނީ ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާއި ބައްދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ