ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން: ޑރ. ޖަމީލް

ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުންކަމަށް، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތް ނެރުމުގެ ގޮތުން އެމަނިކުފާނު ފޮތްތަކުގައި ސޮއި ކުރެއްވުމަށް ބޭއްވި ހަފްލާތަކުގައި މާސްކް ނާޅުއްވައި އިން މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި މީގެ އިތުރުންވެސް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ގޯސްވީ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އޮތްވަރު ހާމަވުމުންކަމަށާއި އަދި ފުލުހުން ސިޔާސީ ކުރުމުގެ ނުރައްކާވެސް ބޮޑުވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ޖަމީލް ވިދާޅުވީ،  ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އަދާކުރީ ޤާނޫނީ ޒިންމާ ކަމަށެވެ.

ޖަމީލް މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމުން، ފާއިތުވި ދުވަސްތަކުގައި ސަރުކާރާއި ދެކޮޅަށް އިޙްތިޖާޖުކުރަން ފަށާފައިވަނިކޮށެވެ.

އެގޮތުން، މިދިޔަ ހުކުރު ދުވަހު، އިދިކޮޅު ކޯލީޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ