މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު ޢަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު - އިލެކްޝަންސް ކޮމިޝަން

އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު ޢަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމާއި، މި ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންދަނީ
ޤާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޤާނޫނު ނަންބަރު: 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ޕާޓީތައް ރެގިއުލޭޓް ކޮށް، ޕާޓީތަކާމެދު ފިޔަވަޅު އެޅުމުގެ ޤާނޫނީ ޒިންމާ އާ ޙަވާލުވެ ތިބެ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު ޢަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތި ކަމަށްވެސް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދި އިންތިޚާބުގެ ކަންކަން ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައް މަގުފަހިކުރުމާއި އަދި އިންތިޚާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޔަޤީންކުރާ ކަމެއްކަމަށްވެސް އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލުކުރަމުންދާއިރު، ސޯޝަލް މީޑީއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވާތީ، މިފަދަ ކަންކަން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަނުންވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ