އޮސްޓްރޭލިއާގެ ޓީވީ ހުށަހެޅުންތެރިއެއް ކަމަށްވާ ޗެންގް ލީ ޗައިނާއިން ހައްޔަރުކޮށްފިއެވެ.
ޗެންގް ލީ ޗައިނާއިން ހައްޔަރުކުރި އިރު އޭނާ މަސައްކަތް ކުރަމުން ގޮސްފައިވަނީ، ޗައިނާ ގުލޯބަލް ޓެލެވިޝަން ނެޓްވޯކް (ސީޖީޓީއެން) ގައެވެ. ސީޖީޓީއެން އަކީ ޗައިނާ ސަރުކާރުގެ ރަސްމީ މީޑިއާ ޗައިނާ ސެންޓުރަކް ޓެލެވިޒަން (ސީސީޓީވީ) އިން ހިންގާ އިންޓަރނޭޝަނަލް މީޑިއާ ޗެނަލްއެކެވެ.
ޗެންގް ލީ ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަން ޗައިނާ ސަރުކާރުން ހާމަކޮށްފައި ނުވާއިރު އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ، ޗެންގް ލީ ޗައިނާ ސަރުކާރުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ވީޑިއޯ ކޯލް މެދުވެރިކޮށް ޗެންގް ލީ އާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުން އޮސްޓްރޭލިއާއަށް ނިސްބަތްވާ ޓީވީ ހުށަހެޅުންތެރިއަކު ހައްޔަރުކޮށްފައި މިވަނީ ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއާއި އޮސްޓްރޭލިއާގެ ގުޅުން ގޯސްވެފައިވަނީ ވިޔަފާރީގެ ދާއިރާއިންނާއި އަދި ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެންނެވެ.
އޮންސްޓްރޭލިއާ ސަރުކާރުން މިދިޔަ ޖުލައިމަހުވަނީ ޗައިނާގެ ހޮންކޮންގްގައި ދިރިއުޅޭ އެގައުމަށް ނިސްބަތްވާ ފަރާތްތައް ޗައިނާ ސަރުކާރުން ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޗައިނާ ސަރުކާރުން ޗެންގް ލީ ހައްޔަރުކޮށްފައިވަނީ، އެގައުމުން އަމަލުކުރާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގައިވާ ގޮތުން ހަމަސްދުވަސްވާންދެން އެއްވެސް ދައުވާއެއް ނުކޮށް ތަހުގީގަށް މީހަކު ބަންދުކޮށްފައި ބެހެއްޓޭނެއެވެ.



