ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެންނޫނީ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެސްޓް ކުރާނެ އާލާތްތައް އެތައްމިތަނުން ހަދިޔާކުރަމުންދާއިރު އަދި ދައުލަތުން އެތަކެއް ހޭދަތަކެއް ކުރެވުނު އިރުވެސް ޓެސްޓިން ކެޕޭސިޓީ އިތުރެއްނުކުރެވޭ ކަމަށެވެ. އަދި ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެންނޫނީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރެއް ނުކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮއްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު ނިމިދިޔަ އޮގަސްޓް މަހު 7,628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
މި ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން ޔޫއޭއީ އިން ވަނީ 1627 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން 715 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކަ އިން 674 ފަތުރުވެރިން ރތާއްޖެ ޒިޔާރަތް ކުރިއެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެ ދިޔަ އޮގަސްޓް މަހު ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު އެވަރެޖް ކޮށް ދުވާލެއްގެ މައްޗަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 100 ފަތުރުވެރިންނެވެ. ނަމަވެސް އޮގަސްޓް މަހު މި އަދަދު ވަނީ 218 އަށް އިތުރު ވެފައެވެ.



