ޗައިނާއަށް ދިން 12 ރަށް ނުދެއްކުނު: ޝުޖާޢު

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއަށް ދިންކަމަށް ބުނާ 12 ރަށް ނުދެެއްކުނު ކަމުގައި މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު ވިދާޅުވެފައި ވަނީ ބަޔަކު ޤައުމު ވިއްކާލާތީ، ދިވެހިން މިއަދު އެދި ގޮވަނީ ރައީސް ޔާމިންއަށް ކަމަށާއި، ކުރީގެ ސަރުކާރުން ޗައިނާއަށް ދިންކަމަށް ތުހުމަތު ކުރާ 12 ރަށް އަދިވެސް ދެއްކިފައި ނުވާކަމަށެވެ.

"ޗައިނާއަށް ދިން 12 ރަށް ނުދެއްކުނު!؟ އެއްވެސް މިލިޓަރީ އެގްރީމެންޓްއެއް ނުދެއްކުނު!؟" ޝުޖާޢުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝުޖާޢު އިތިރަށް ވިދާޅުވެފައި ވަނީ ނަމަވެސް ދިވެހިންނަށް "ޞިއްޙަތު ވައްކަން" ކިޔާ އެއްޗެއް ފެނިއްޖެ ކަމަށާއި، ރައްޔިތުން ކަނުބަނދެ ސަރުކާރުން ކުރަނީ ވައްކަން ކަމަށެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެގައި އިންޑިއާ ސިފައިން ބައިތިއްބުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާ ދުވަސްކޮޅެއްގައެވެ. އެގޮތުން "އިންޑިއާ އައުޓް" ނަމުގައި ސޯޝަލް މީޑިއާގައި ވަނީ ކެމްޕޭނެއްވެސް ފެށިފައެވެ.

ނަމަވެސް އިންޑިއާއަށް ރާއްޖެ ވިއްކާލަން އުޅޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތު މަޖިލީހުގެ ރައީސް ވަނީ ދޮގު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރާއި އެމްޑީޕީގެ ވަޒީރުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ދަމަހައްޓާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި ރާއްޖެގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް އޭރު ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފައެވެ. ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި އިސް ސަފުގައި މަސައްކަތް ކުރައްވާފައިވާ ކުރީގެ މެންބަރު ޝުޖާޢު މިވަނީ އެ ތުހުމަތު ތަކުގެ ހަޤީޤަތް މިއަދުގެ ސަރުކާރަށް ދެއްކިފައި ނުވާކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ