ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ހުށައަޅަން ނިންމުމުން ރާއްޖެ ވެގެންދާނީ ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި އެއް ގައުމު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޑރ. މައުސޫމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގައި މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑް އަކަށް ގޮސްފައި ނުވާކަމަށާއި އެހެންކަމުން އޮން އެރައިވަލްގައި ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ހުށައަޅަން ނިންމުމުން ރާއްޖެ ވެގެންދާނީ ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތް ކުރަން އެންމެ ރައްކާތެރި އެއް ގައުމު ކަމަށެވެ.
ކޮވިޑް-19ގައި ރާއްޖެ ލޮކްޑައުންކުރުމަށްފަހު ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އޭރު ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ނެގެޓިވް ނަތީޖާ އޮންނަ އުސޫލެއް ގާއިމްކޮށްފައިނުވެއެވެ.
އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޮވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.
ފަތުރުވެރިންނަށް ކޮވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.




