ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ނާސިހް އަދި އެކޮމިޝަންގެ ނައިބު ރައީސްކަމަށް އިބްރާޙިމް ރާޝީދު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކޮށްފައި ވަނީ މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ ވޯޓްގައެވެ. އެގޮތުން ނާސިޙް ސީއެސްސީގެ ރައީސްއަކަށް ހަމަޖެެއްސުމަށް 68 މެންބަރުންގެ ވޯޓް ލިބިފައިވާއިރު، އިބްރާޙިމް ރަޞީދު ނައިބު ރައީސްކަމަށް ކަނޑައަޅާފައި ވަނީވެސް 68 މެންބަރުންގެ ވޯޓުންނެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއަކަށް ނާސިހް ގެ ނަން އަދި ނައިބު ރައީސް އަކަށް އިބްރާޙިމް ރަޝީދުގެ ނަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް4 ބޭފުޅަކު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 41 ބޭފުޅަކު ވަނީ ކުރިމަތިލއްވާފައެވެ. އޭގެ ތެރެއިން 13 ބޭފުޅަކަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ރުހުން ދީފައެވެ.
އޭގެ ތެރެއިން ހަތަރު ބޭފުޅަކަށް 31 އޮގަސްޓް 2020 ގައި މަޖިލީހުން ވަނީ ރުހުން ދީފައެވެ. ސީއެސްސީގެ މެންބަރުކަމަށް މަޖިލީހުން ރުހުން ދީފައިވާ ހަތަރު ބޭފުޅުންނަކީ ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދުއާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފް އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް އެވެ.
ސީއެސްސީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅަކީ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ ފާޠިމަތު އާމިރާއެވެ.



