އިނގިރޭސިވިލާތުގެ ބާރމިންހަމްގައި މީހަކު ވަޅިން ދިން ހަމަލާތަކެއްގައި އެކަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
ގާތްގަނޑަކަށް ދެގަޑިއިރައް ދިގުދެމިގެންދިޔަ މި ވަޅީގެ ހަމަލާތަކުގައި އެކަކު މަރުވެ ޖުމްލަ ހަތް މީހަކުވަނީ ޒަހަމްވެފައެވެ. ބާރމިންހަމްގެ ސިޓީ ސެންޓަރގައި މި ހަމަލާދިން މީހާ ހޯދުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު މިމީހާ މި އަމަލު ހިނގައިފައިވަނީ އެކަނިމާ އެކަނިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާއި ގުޅިގެން ވެސްޓް މިޑްލާންޑްސް ފުލުހުން ބުނެފައިވަނީ ވަޅިން ދިން މި ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ނުބެލެވޭ ކަމަށާއި އަދި މިއީ އެއްވެސް ގޭންގް ހަމަލާއެއް ކަމަށްވެސް ނުބެލެވޭ ކަމަށެވެ. މި ހަމަލާތައް ދިންއިރުގެ ވީޑިއޯ ހުރި އެއްވެސް ފަރާތެއް ވާނަމަ އެ ވީޑިއޯއެއް ފުލުހުންނާއި ހިއްސާ ކުރުމަށް އެފަރާތުން އަންނަނީ އެދެމުންނެވެ.

ޒަހަމްވި ހަތް މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް އިރު އަނެއް ފަސްމީހުންގެ ހާލު ރަނގަޅުކަމަށް ސިއްހީ އެހީތެރިންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައި ވެއެވެ.
ހަތިޔާރާއެކު ހަމަލާދިން ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިނގިރޭސިވިލާތު ގަޑިން މިއަދު 02:00 ހާއިރު ދިން މި ހަމަލާތައް ދިން މީހާގެ އެއްވެސް މައުލޫމާތެއް އެގައުމުގެ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



