ފާޓީގެ ކަންކަން ނިންމަން ރަނގަޅު ވާނީ ޕާޓީގެ އެތެރެއިންކަމަށްބުނެ ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ.
އެކި މަސްދަރުތަކުން މަޢުލޫމާތު ލިބޭގޮތުގައި ނަޝީދު މިކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.
"ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅު ވާނީ. އަޅުގަނޑުމެން އެންމެން ވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން،" ނުރަސްމީ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވެއެވެ.
އަދި ފައްޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާކަމަށާއި، މިހާތަނަށް 30 ސޮއި ހަމަ ކުރެއްވިފަވާއިރު، 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަން ބޭނުންވާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވެއެވެ.
މީގެ ކުރިން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވަނީ ފައްޔާޒަށް ބަހުގެ ވަރުގަދަ ހަމަލަތާކެއް ވެސް ދެއްވައިފައެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ފައްޔާޒު އުޅުއްވަނީ އެމްޑީޕީ ތެރޭގައި "ބްރޯ" އަކަށް ވެގަނެގެންކަމަށާއި، އަދި އެގޮތަށް ނޫޅުއްވަން ފައްޔާޒަށް ނަޝީދު އަންގަވައިފައިވެސްވެއެވެ.
ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ނަޝީދު ފައްޓަވާފައިވާއިރު، ފައްޔާޒަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒުގެ ދިފާޢުގައި މީގެކުރިންވަނީ ވާހަކަފުޅު ދައްކަވާފައެވެ.



