ގަސް ހައްދާއިރު، ފެން ދިނުމުގައި ބަލާނީ ކޮން ކަންތައްތަކަކަށް؟

ފެނަކީ ގަސްހެދި ބޮޑުވުމުގައި ވަރަށްވެސް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެހެންނަމަވެސް އެކި ބާވަތްތަކުގެ ގަސްތަކަށް ފެންބޭނުންވާ މިންވަރު އަދި ގަހުގެ އެކި އުމުރުތަކުގައި ގަހަށް ފެން ބޭނުންވާ މިންވަރު ތަފާތުވެއެވެ. ގަހަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ނަމަ ގަސް ހެދުމަށް ހުރަސް އެޅެއެވެ. އަދި ހަމައެފަދައިން ގަހަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ގަހަށް ފެންލިބޭނަމަވެސް ތަފާތު މައްސަލަތައް ގަސްތަކަށް ކުރިމަތިވެއެވެ.

ގަސް ހެދިބޮޑުވުމުގައި ފެނުގެ ދައުރު

ގަހުގެ ކާނާ އުފެއްދުމުގެ ނިޒާމު ކަމަށްވާ ފޮޓޯސިންތެސިސްގައި ފެން ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ގަހަށް ބޭނުންވާ ނިއުޓްރިޝަންގެ އެކި މާއްދާތައް ގަހަށް ނަގައިދިނުމުގައިވެސް ފެން މުހިންމު ރޯލެއް އަދާކުރެއެވެ. މީގެ އިތުރުން ގަހުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންވަރުގައި ބަހައްޓާދިނުމުގައިވެސް ފެނުގެ ދައުރު އެހާމެ މުހިންމެވެ. ޖުމްލަކޮށް ބަލާއިރު ގަހެއްގައި ހިމެނޭ 90 ޕަސެންޓްއަކީ ފެނެވެ. އެހެން ނަމަވެސް ގަހުގެ އެކި ބައިތަކުގައި ފެން އެކުލެވޭ މިންވަރު ކޮންމެވެސް ވަރަކަށް ތަފާތުވެއެވެ.

ގަހުގެ ވެށީގައި ފެނުގެ ދައުރު

ގަހެއް ހެދި ބޮޑުވުމަށްޓަކައި ގަހުގެ ވެށީގައި ފެން އަދާކުރާ ދައުރު ވަރަށް ވެސް މުހިންމެވެ.

ގަހުގެ ވެށީގައި ފެނުގެ ދައުރަށް ބަލާއިރު:

1 -ފަސްގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ބަހައްޓައިދިނުން

2 -ފަސްގަނޑުގައި އެކުލެވޭ ލޮނުގެ މިންވަރު ހަމަހަމަ ކުރުން

3 -ގަހަށް ފައިދާހުރި މައިކްރޯބްސްގެ ދިރިހުރުމަށް އެހީވުން

5 -ގަހަށްޖެހޭ ބަލިތަކާއި ގަސްގަހުގައި ދިރޭ ސޫފާސޫފި އަށަގަތުމަށާއި ނައްތާލުމުގައި ފެނުގެ ދައުރު ބޮޑު

ގަހަށް ފެންދިނުމުގައި ސަމާލުވާންވީ ކަންތައްތައް:

1 -އެކަށީގެންވާ ވަގުތުގައި ގަހަށް ފެންޖެހުން

2 -ދުވަހުގެ އެންމެ ހޫނުގަދަ ވަގުތުގައިވެސް ގަސް އިންދާފައި ހުންނަ ފަސްގަނޑު އެއްކޮށް ހިކިގެން ނުދާ ވަރަށް ފެންޖަހާފައި ބެހެއްޓުން ގަހަށް ފެންދިނުން

3 -ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުގައި އަދި ރޭގަނޑުގެ ވަގުތުތަކުގައި ގަހަށް ފެންނުޖެހުން

4 -ގަހަށް ފެންޖެހުމަށް އެންމެ ރަނގަޅީ ހެދުނުގެ ވަގުތުގައި ރަނގަޅަށް އިރު އަރައިގެން އައިސް ހޫނު ގަދަވުމުގެ ކުރިން

5 -އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ފެންނުޖެހުން

6 -ދަނޑުގައި ފެންބޮޑުވާ މިންވަރަށް ފެން ނުޖެހުން (ފެންބޮޑުވާ ކަހަލަ ފަސްގަނޑެއްގައި އަޅާފައިވާ ދަނޑެއްނަމަ ދަނޑު ތެރެއިން ފެން ބޭރުވާނެހެން ކޯރު ކަނޑާފައި ބެހެއްޓުން ރަނގަޅެވެ.)

7 -ގަހުގެ ކައިރީގައި މަލްޗްކޮށްލާފައި ބެހެއްޓުމުން ބިމުގައި ފެން ހިފަހައްޓައިދޭ މިންވަރު އިތުރުވެ ފެންދޭންޖެހޭ މިންވަރު ދަށްކުރެވޭ

ގަހަށް ފެންޖަހާ ގޮތްތައް:

ގަހަށް ފެންޖެހުމަށްޓަކައި ތަފާތު ގޮތްތަށް ބޭނުން ކުރެވެއެވެ. ރާއްޖޭގައި ދަނޑުވެރިން އާންމުކޮށް ފެންޖަހާ އުޅެނީ ފެންދޭ ކުރާ ބޭނުންކޮށްގެންނާއި ފެންދޭ ހޮޅިއެއް ބޭނުން ކޮށްގެންނެވެ. ދަނޑުވެރިކަމުގައި ބޭނުންކޮށް އުޅޭ ފެންދޭ ނިޒާމު ތަކުގެ ތެރޭގައި ސްޕްރިންކްލަރ ސިސްޓަމާއި، ޑްރިޕް އިރިގޭޝަން ސިސްޓަމް ހިމެނެއެވެ. ފެންދޭ ނިޒާމެއް ޚިޔާރު ކުރުމުގައި ބަލާނީ ދަނޑުގައި ހައްދަން ބޭނުންވާ ގަހުގެ ބާވަތަށާއި، ގަސް ހައްދާ ބިމުގެ ފަސް ގަނޑުގައި ފެންހިފަހައްޓާދިނުމުގެ ޤާބިލުކަން ހުރި މިންވަރަށެވެ.

ފެންދޭ ކުރާ ބޭނުންކޮށްގެން ގަހަށް ފެންދިނުން:

މިއީ ޒަމާނުއްސުރެން ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު ނިޒާމެވެ. އަމިއްލައަށް މެނޭޖްކޮއްލެވޭވަރުގެ ކުދި ތަންކޮޅުތަކުގައި ހައްދާ ގަސްތަކަށް ފެންދިނުމަށް އެންމެ ރަނގަޅީ މިގޮތަށް ފެންދޭ ކުރާ ބޭނުންކޮއްގެން ފެންދިނުމެވެ.

ހޮޅި ބޭނުންކޮއްގެން ފެންދިނުން:

ހޮޅި ބޭނުންކޮއްގެން ފެންދީ އުޅެނީ އާންމުކޮށް ވިޔަފާރީގެ އުސޫލުން ބޮޑެތި ދަނޑުތަކުގައި ދަނޑުވެރިކަން ކޮށްއުޅޭ ފަރާތްތަކުންނެވެ. ހޮޅި ބޭނުންކޮށްގެން ގަސްތަކަށް ފެންޖެހުމަށް ޕްރެޝަރުގައި ބިމުން ފެންނެގުމުގެ ސަބަބުން ބިމުގެ ފެންފަޝަލަޔަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއެވެ. މިއީ ރަށްރަށުގެ ފެން ލޮނުވެ ތަޣައްޔަރު ވުމުގައި އެހާމެ މުހިއްމު ދައުރެއްވެސް އަދާކުރާ ކަމެއް މެއެވެ. އެހެންކަމުން ގަސްތަކަށް ފެންދިނުމަށްޓަކައި ހިމަ ހޮޅިޔެއް ބޭނުން ކުރުން ރަނގަޅެވެ. އަދި ބިމުގެ ފެންފަށަލައިން ޕަންޕުކޮއްގެން ދާއިމީކޮށް ފެންނަގަމުން ގެންދިއުމުގެ ބަދަލުގައި ދަނޑުގައި ފެންރައްކާކުރާ ތާނގީއެއް(ޓޭންކެއް) ބަހައްޓައި ވާރޭފެން ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ބުއްދިވެރިއެވެ.

މުޅި ދަނޑު ތެތްބޮޑުވާ ވަރަށް ޕްރެޝަރުގައި ފެންޖެހުމުން ބިމުގެ ފެންފަށަލައަށް ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ދަނޑުތަކަށްވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. މިއީ ގިނަ ބާވަތްތަކުގެ ފަންގަސް ބަލިތަކާއި ބެކްޓީރިއާ ބަލިތައް ފެތުރި އާލާވުމަށް މަގުފަހިކުރުވާ މައިގަނޑު އެއްސަބަބު ވެސް މެއެވެ.

ޑްރިޕް އިރިގޭޝަން ނިޒާމު:

މިއީ ގަހުގެ ބުޑަށް ފެންތިކި ޖަހާގޮތަށް ތައްޔާރުކޮއްފައިވާ ނިޒާމެކެވެ. މިނިޒާމުން ގަހަށް ބޭނުންވާ މިންވަރަށް ފެންފޯރުކޮއްދެވޭނެ ގޮތަށް ބަދަލު ގެނެވެއެވެ. އެހެންކަމުން އެހެން ނިޒާމުތަކާ ޚިލާފަށް މިނިޒާމު ބޭނުންކުރުމުން ފެން އިސްރާފްވާ މިންވަރު ކުޑަ ކޮއްދެއެވެ.

ނޯޓް: މިލިޔުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ, އިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ