ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭތޯ ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ 15 މިނެޓު ތެރޭގައި ލިބޭނެ ޓެސްޓެއް ހެދުމުގެ ހުއްދަ ދީފިއެވެ.
އެމެރިކާގެ "އަބޮޓް ލެބޯޓްރީ" އިން ބުނެފައިވަނީ 15 މިނެޓުން ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ލިބޭ މި "ކޮވިޑް-19 އެންޓިޖެން ޕޯޓަބަލް ޓެސްޓު" ހެދުމުގެ ހުއްދަ އަދި މި ޓެސްޓު ކާޑު ވިއްކުމުގެ ހުއްދަ އެމެރިކާގެ ކަމާއިބެހޭ އިދާރާތަކުން، އެލެބޯޓްރީ އަށް ދީފައި ވާކަމަށެވެ. އެ ލެބޯޓްރީން ބުނެފައިވަނީ މި ޓެސްޓު ކާޑު ވިއްކާނީ 5 ޑޮލަރަށް ކަމަށެވެ.
މި ޓެސްޓް ކާޑަކީ ކްރެޑިޓް ކާޑު ސައިޒްގެ ކާޑެއް ކަމަށާއި ޓެސްޓު ހެދުމަށް އިތުރު އެހެން އެއްވެސް އެއްޗެއް ބޭނުން ކުރަން ނުޖެހޭނެ ކަމަށްވެސް އަބޮޓް ލެބޯޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން އާންމުކޮށް ލެބް ތަކުގައި މިހާރު ބޭނުންކުރާ "ނަސަލް ސްވެބް" އަށްވުރެ ފަސޭހައިން ސާމްޕަލްނަގައި ޓެސްޓު ކުރެވޭނެ ކަމަށެވެ.
މި ޓެސްޓު ކާޑުގެ 10 މިލިއަން ކާޑު މި ސެޕްޓެމްބަރ މަހުގެ ތެރޭގައި ތައްޔާރުކޮށް މާކެޓު ކުރެވޭނެ ކަމަށް އެބޮޓް ލެބޯޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި އަދަދު އޮކްޓޯބަރ މަސް ފެށޭކޮޅު 50 މިލިއަނަށް އިތުރު ކުރެވޭނެ ކަމަށްވެސް އެ ލެބޯޓްރީން ވަނީ ހާމަކުރައްވާފައެވެ.
މި ޓެސްޓު ކާޑަށް ކިޔަނީ "ބައިނަކްސްނައު ކޮވިޑް-19 އޭޖީ ކާޑް" އެވެ. މި ޓެސްޓު ކާޑުގެ ސަބަބުން މީހުން ގިނަ ބޮޑެތި ހަފްލާތަކާއި އެއްވުންތަކުގައި ބައިވެރިވާ މީހުންނަށް ފަސޭހަ ކަމާއިއެކު ކޮވިޑަށް ޕޮޒިޓިވްތޯ ބަލައިލެވޭނެ ކަމަށް އެ ލެބޯޓްރީން ވަނީ ހާމަކޮށްފައެވެ. ވަޒީފާ އާއި ސްކޫލްތަކަށް ދާ ދަރިވަރުންނާއި ޓީޗަރުންނަށްވެސް ފަސޭހަކަމާއިއެކު ޓެސްޓު ކޮއްލައި ނަތީޖާ ބަލައިލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އަބޮޓް ލެބޯޓްރީން ވަނީ މި ޓެސްޓު ކުރާ ފަރާތްތަކުން، ހަފްލާތަކާއި ޖަލްސާތަކަށް ވަނުމުގެ ކުރިން ނަތީޖާ ފޮނުވައި އެފަރާތަކީ ކޮވިޑް ނެތް މީހެއްކަން ހާމަކޮށްދިނުމުގެ ގޮތުން، އެޕްލިކޭޝަނެއްވެސް ތައްޔާރުކޮށްފައެވެ.
މި ޓެސްޓަކީ ފަސޭހައިން ހެދޭ އަދި އަވަހަށް ނަތީޖާ ލިބޭ ޓެސްޓެއް ނަމަވެސް ލެބް ތަކުގައި ހަދާ ޕީސީއާރް ޓެސްޓަށްވުރެ ވައިރަސް ހުރި ނަމަވެސް ޕޮޒިޓިވް ކަމަށް ދެއްކުމުގެ ގެރެންޓީކަން ކުޑަ ޓެސްޓެކެވެ.
ނަމަވެސް އެމެޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ މި ޓެސްޓު ކާޑު ބޭނުންކުރުމުގެ ހުއްދަ ދެއްވާފައެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އޮންނަ ޑިމާންޑު ބޮޑުކަމުން އެމެރިކާގެ ހޮސްޕިޓަލްތަކާއި ލެބޯޓްރީތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
6 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި އަހަރުގެ މާރޗު މަހުން ފެށިގެން އެމެރިކާގައި ދަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 5 ވައްތަރެއްގެ ޓެސްޓެއް ހަދަމުންނެވެ. އެގޮތުން އެންމެ މިނެޓެއް ތެރޭގައި ނަތީޖާ ލިބޭ "އައިޑީ ނައު" ކިޔާ ޓެސްޓެއް ވައުޓްހައުސްގައި ދަނީ ހަދަމުންނެވެ.




