ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު އާއި ހަވާލާދީ "ވަގުތު" ނޫހުގައި ރިޕޯޓް ކޮއްފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.
"މިހާރު އެއީ ކޯމް ކަރަންޓީނަށް އައިސްފައި ހުރި މީހެއް. ކަރަންޓީނު ނިންމާފައި ޓެސްޓު ކުރި އެނގުނީ. ތިން މީހުން އެބައުޅޭ. އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވީ" އަލީ އަމްޖަދު ވަގުތަށް ވިދާޅުވިއެވެ.
އަދި އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އޭނާ ހާލު ރަނގަޅު ކަމަށް އަމްޖަދު ވިދާޅުވިއެވެ.
އެރަށުން އެންމެ ފުަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުން މާލެ ދަތުރު ކުރާ ބޯޓެއް ކަމަށްވާ ދެރަހަ މަސައްކަތް ކުރާ އުމުރުން ދުވަސްވީ މީހެކެވެ. އޭގެ ފަހުން އެ ބޯޓުން އިތުރު ބިދޭސީއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.