ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ހަދިޔާކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ.
މިތަކެއްޗާއި ހަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރ ލީ ހުއާންބިން އާއި، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުން އެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20 ހާސް މެޑިކަލް މާސްކް، 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ އެވެ. މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޮވިޑް-19 އިން އަރައިގަތުމަށާއި، ކޮވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަށާއި، ޗައިނާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރައްވާފައިވެއެވެ.
ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަކީ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކުރަމުންދާ ކުންފުންޏެވެ. އަދި މިއީ ޗައިނާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްވެސްމެއެވެ.




